އުތުރުގެ ތިން އަތޮޅެއްގައި ކާނާބަންދުކުރާ ފެސިލިޓީތައް ޤާއިމްކުރަނީ

އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި އުތުރުގެ ތިން އަތޮޅެއްގައި ކާނާބަންދުކުރާ ފެސިލިޓީތައް ޤާއިމްކުރުމުގެ މަޝްރޫޢެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ދަނޑުވެރިކަމާބެހޭ މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ޒަހާ މިހެން ވިދާޅުވެފައިވަނީ މިއަދު ރާއްޖޭގައި ފާހަގަ ކުރަމުންދާ ދަނޑުވެރިންގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ. މިނިސްޓަރ ވިދާޅުވީ މިއީ ދަނޑުވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް ހިންގޭ މަޝަރޫޢެއް ކަމަށެވެ. ނަމަވެސް މިމަޝަރޫޢު ހިންގަވަން ހަމަޖައްސަވައިފައިވަނީ ކޮން އަތޮޅުތަކެއްގައި ކަމެއް މިނިސްޓަރ ޒަހާ ހާމައެއް ނުކުރައްވައެވެ. 

"މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އުތުރުގެ 3 އަތޮޅެއްގައި، ދަނޑުވެރިންނަށް ބޭނުންވާނެ މައިގަނޑު އިންފްރާސްޓްރަކްޗަރތައް ކަމަށްވާ ކޯލްޑްސްޓޯރޭޖްތަކާއި ކާނާ ބަންދު ކުރާ ފެސިލިޓީތައް، ޤާއިމުކުރެވޭނެ. އަދި ދަނޑުވެރި އުފެއްދުންތައް މާކެޓަށް ނެރުމަށް ގްރޭޑްކުރުމާއި ތަކެތީގެ ފެންވަރު ވަކި މިންގަޑެއްގައި ހިފެހެއްޓުމަށް ބޭނުންވާނެ ވަޞީލަތްތައްވެސް ޤާއިމްކުރެވިގެންދާނެ. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ މިމަޝްރޫޢުގެ މަސައްކަތްވެސް ފެށި، ދަނޑުވެރިންނަށް މަޝްރޫޢުގެ ސީދާ މަންފާ ލިބެން ފަށާނެ." މިނިސްޓަރ ޒަހާގެ ޚިތާބުގައި ވިދާޅުވިއެވެ. 

އެގްރޯ ނެޝަނަލް ކޯޕަރޭޝަނުން ކޮންޓްރެކްޓް ފާރމިންގެ ޒަމާނީ ވައްޓަފާޅި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތަށް ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓަރ ޒަހާ ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ ދެކުނުގައި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓު ކުރުމަށް ބޭނުންވާނެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ތަކާއި ތަކެތި މާކެޓް ކުރުމަށް ބޭނުންވާނެ އެހެނިހެން އިންތިޒާމުތައްވެސް މިކުންފުނިން ހަމަޖެއްސުމަށް ނިންމައިފައިވާކަމަށް މިނިސްޓަރ ޒަހާ ފާހަގަކުރެއްވިއެވެ. ސަތޭކަ އިންސައްތަ ސަރުކާރު ޙިއްސާވާ މިކުންފުންޏަކީ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓު ކުރުމަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލައި ދަނޑުވެރިންނާއި ގުޅިގެން، ދަނޑުވެރިންނަށް އެންމެ އެދެވޭ މަންފާއެއް ލިބިދެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި އުފައްދައިފައިވާ ކުންފުންޏެއްކަމަށް ވެސް މިނިސްޓަރ ޒަހާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން އިތުރު ކުރެވޭނީ ދަނޑުވެރިކަމާއި މަސްވެރިކަން ޤައުމުގެ އިޤްތިޞާދުގައި އަދާކުރާ ދައުރު ބޮޑު ކުރެވިގެންކަމަށްވެސް މިނިސްޓަރ ޒަހާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް ދަނޑުވެރިކަމުގެ އުފެއްދުންތައް ފަތުރުވެރިކަމުގެ ސިނާޢަތަށް ވިއްކޭނެ ހަރުދަނާ އުޞޫލުތަކެއް ޤާއިމު ކުރެވިއްޖެނަމަ، ރަށު ފެންވަރުގައި އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުވެގެން ދާނެކަން ވެސް ފާހަގަ ކުރެއްވިއެވެ. 

މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ފަރުދީ ދަނޑުވެރިކަން – ކާނާގެ ޔަޤީންކަން". އެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.