ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ހިމާޔަތްކުރުމަށް 8.8 ބިލިއަން ޑޮލަރު ބޭނުންވޭ

މިއީ ރާއްޖޭގެ އަހަރީ ބަޖެޓް ގެ ހަތަރު ގުނަޔާ އެއްވަރު އަދަދެއް

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ހިމާޔަތްކުރުމަށް 8.8 ބިލިއަން ޑޮލަރު ބޭނުންވާކަމަށް އަންދާޒާކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރު އަދި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.  

ރަށްތައް ހިމާޔަތް ކުރުމަށް ބޭނުންވާނެ ކަމަށް އަންދާޒާ ކުރައްވާ 8.8 ބިލިއަން ޑޮލަރަކީ ރާއްޖޭގެ އަހަރީ ބަޖެޓްގެ ޖުމުލަ އަދަދުގެ ހަތަރު ގުނަޔާ އެއްވަރު އަދަދެއް ކަމަށް ވެސް މެމްބަރ ސަލީމް ފާހަގަ ކުރެއްވިއެވެ.  

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ރާއްޖެއިން ނަމޫނާ ދެއްކުމަށް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ މަޖިލީހަށް މައްސަލަ އެއް ހުށަހަޅުއްވަމުން މެމްބަރ ސަލީމް ވިދާޅުވީ ތިމާވެށީގެ މައްސަލަ ހައްލުކުރުމަށް ހޭދަކުރަންޖެހިފައިވާ ބޮޑު ޚަރަދަށް މައިގަނޑު ދެ ގޮން ޖެހުމެއް ކުރިމަތި ވެފައިވާކަމަށެވެ. މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބައްލަވާއިރު ރާއްޖޭގެ ރިއަލް ޖީޑީޕީއަކީ 4878 މިލިއަން ޑޮލަރުކަމަށް ވެފައި ރަސްމީ ދަރަނި ޖީޑީޕީގެ ނިސްބަތުން 108 އިންސައްތަ އަށް އަރައިފައި ވުމުން ލޯނުގެ ގޮތުގައި ފައިސާ ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން ފާހަގަކުރެއްވިއެވެ.

ތޮށިލުންފަދަ މަސައްކަތްތަކީ އިންވެސްޓްކުރި ފައިސާ އަނބުރާ ލިބޭނެ ކަމަކަށް ނުވާތީ އެއްވެސް ބޭންކަކުން ތޮށިލުންފަދަ މަސައްކަތްތަކަށް ލޯނު ދޭން ބޭނުންނުވާކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

ދެވަނަ ގޮންޖެހުމަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ހަކަތަ އުފެއްދުން ރާއްޖެއިން ބޭރުން ގަންނަ ތެލަށް ބަރޯސާވެފައި އޮތުމުން ކަމަށް މެމްބަރ ސަލީމް ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ ބޭރުފައިސާ ގިނަވުމާއި އާމްދަނީގެ ބޮޑު ބައެއް ތަލަށް ހޭދަކުރަން ޖެހުމުން ރަށްތައް ހިމާޔަތް ކުރުމަށް ބަޖެޓުގައި އެކަށީގެންވާ އަދަދެއް ކަނޑައެޅެން ނޯންނަކަން ވެސްފާހަގަ ކުރެއްވިއެވެ.

ރާއްޖޭން ތެޔޮގަތުމަށް އަހަރަކު 500 މިލިއަން ޑޮލަރު ހޭދަކުރާކަމަށް ފާހަގަ ކުރެއްވިއެވެ. އެއީ އަހރީގެ ބެޖެޓްގެ ހަތަރު ބައިކުޅަ އެއްބައިކަން ފާހަގަ ކުރެއްވިއެވެ.

"އާއްމުދަނީ ބޮޑު ބައެއް ތެލަށް ހޭދަކުރުމަކީ ދެމެހެއްޓެނެވި ތަރައްގީއަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ތަކުރާރުކޮށް އަޅުގަނޑު ފާހަގަ ކުރަން." މެމްބަރ ސަލީމް ވިދާޅުވިއެވެ.

ޑީސަލް އަންދައިގެން އުފައްދާ ކަރަންޓު އަގު ބޮޑުވުމާއެކު އާންމުން ކަރަންޓު ބިލް ދެއްކުމަށް ބޮޑު ޚަރަދުކުރަންޖެހުމާއެކު ކަރަންޓުގެ އަގު ހެޔޮކޮށް ދިނުމަށް ދައުލަތުންސަބްސިޑީގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ހޭދަކުރާކަމަށް ފާހަގަ ކުރެއްވިއެވެ.

"ތިމާވެށީގެ ނުރައްކާތަކުން ރާއްޖޭގެ ރަށްތައް ސަލާމަތް ކުރެވެން އަޅުގަނޑުމެންނަށް އޮތީ. މިހާރަށް ވުރެ ބޮޑަށް އަޅުގަނޑުމެންގެ ބަޖެޓުން މިކަމަށް ހޭދަކުރެވޭނެ މަގެއް ފެނިގެން. އެމަގު ފެންނަން އޮތީ ތެލަށް ކުރާ ޚަރަދު ކުޑަކުރެވިގެން. އެހެންކަމުން އިއާދަކުރަނިވި ހަކަތައަށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުވެގެން ދިއުމީ، ޚަރަދު ސަލާމަތްވުމުގެ އިތުރުން. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަކުރުމަށް، ދުނިޔޭގެ ގައުމުތަކުން މި މޭރުމުން އަމަލުކުރުމަށް ބާރު އެޅުމަށް ރާއްޖެއަށް ލިބޭ ފުރުސަތު އިތުރުވެގެންދާނެކަމެއްކަމަށް ވެސް އަޅުގަނޑު ދެކެން." މެމްބަރ ސަލީމް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލު ތަކާއެކު ރާއްޖެއަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ފެންބޮޑުވުމުގެ ހާދިސާތައް އިތުރުވުމާއި ބޯފެނަށް ޖެހުން އިތުރުވުމާއި ރަށްރަށަށް އުދައެރުން އިތުރުވުމާއި ގާހުދުވުމުގެ މައްސަލަ އިތުރުވުން ހިމެނޭ ކަން މެމްބަރ ސަލީމް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އަހަރެއްގެ މައްޗަށް 3.9 މިލިމީޓަރު އުފުލޭކަން ރެކޯޑު ކުރެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ. މީހުން ދިރިއުޅޭ 115 ރަށަކަށް ސީރިއަސް މިންވަރަށް ރަށްގިރުމުގެ މައްސަލަ ކުރިމތިވެފައިވާކަން ވެސް ފާހަގަ ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އިމަރޖެންސީ ޚަރަދު ފޯރުކޮށް ދިނުމާއި ތޮށިލާންޖެހޭ ރަށްތަކުގެ ޢަދަދު ގިނަކަން ފާހަގަ ކުރެއްވިއެވެ. އަދި ހިއްކާ ބިންތައް އުސްކުރަން ޖެހުމަކީ ޚަރަދު އެތައް ގުނައެއް މައްޗަށްދާ ސަބަބުތައްކަމަށް ވެސް މެމްބަރ ސަލީމް ފާހަގަ ކުރެއްވިއެވެ.  

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.