އަންހެނުންގެ އިއްފަތް ފޭރޭ މީހުންނަށް ބަންގްލާދޭޝްގައި މަރުގެ އަދަބު ދެނީ

އަންހެނުންގެ އިއްފަތްތެރިކަމަށް އަރައިގަތުމުގެ މައްސަލަތައް ބަންގްލާދޭޝްގައި އިތުރުވެ، ގިނަ ބަޔަކު އެކަމާ ދެކޮޅަށް ނުކުމެ މުޒާހަރާކުރަމުން ދަނިކޮށް، އަންހެނުން އިއްފަތް ފޭރޭ މީހުންނަށް މަރުގެ އަދަބު ދޭން އެގައުގެ ސަރުކާރުން ނިންމައިފިއެވެ.

ބަންގްލާދޭޝްގެ ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ފެށީ ފިރިހެނުންގެ ބަޔަކު އަންހެނަކަށް ޖިންސީ ގޯނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިޔާގައި އާއްމުވުމާ ގުޅިގެންނެވެ.

ލޯ މިނިސްޓަރު  އަނީސުލް ޙައްޤު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވިގޮތުގައި ބޮޑުވަޒިރު ޝޭޚް ހަސީނާގެ ރިޔާސަތުގައި މިއަދު އޮތް ވަޒީރުންގެ މަޖިލީހު ޖަލްސާގައި އަންހެނުންގެ އިއްފަތް ފޭރޭ މީހުން އުމުރަށް ޖަލަށްލުމުގެ ބަދަލުގައި މަރުގެ އަދަބު ދިނުމަށް ވަނީ ފާސްކޮށްފައެވެ. މި ނިންމުން ގާނޫނަކަށް ބަދަލުވާނީ ރައީސު ސޮއިކުރައްވައި ރިޔާސީ އަމުރެއް ނެރުއްވުމުންނެވެ. މާދަމާ ރައީސު އަމުރުނެއްވާނެކަމަށް ބެލެވެއެވެ.

ޙައްޤު ވިދާޅުވި ގޮތުގައި ގާނޫނަށް ބަދަލު ގެނައުމުގެ މައްސަލަ ވަޒީރުންގެ މަޖިލީހުން ނިންމީ ވީހާވެސް އަވަހަކަށް ގާނޫނަށް ބަދަލުގެނައުމުގެ ބޭނުމުގައެވެ.

އިއްފަތް ފޭރުމުގެ މައްސަލައިގައި ފިޔަވަޅު ނާޅުއްވާތީ ޝޭޚް ހަސީނާގެ އަމިއްލަ ޕާޓީންވެސް ދިޔައީ އޭނާއަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

ބަންގްލާދޭޝްގައި އެހެން ބައެއް ކުށްތަކަށް މަރުގެ އަދަބުދެމުން އަންނައިރު 2013 ވަނަ އަހަރުން  ފެށިގެން އެގައުމުގައި 23 މީހުން ދަންޖައްސައި މަރާފައި ވެއެވެ. އަދި މިހާރުވެސް 1718 މީހުން މަރަންޖެހޭ މީހުންގެ ލިސްޓުގައި އެބަތިއްބެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.