ޗައިނާއިން ސްރީލަންކާއަށް 90 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދެނީ

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ޗައިނާގެ ވަފުދާ ބައްދަލުކުރައްވަނީ

ޗައިނާއިން ސްރީލަންކާއަށް 90 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން ނިންމައިފިއެވެ. ޗައިނާއިން މިކަން އިއުލާންކޮށްފައި ވަނީ މިހާރު ސްރީލަންކާއަށް ޒިޔާރަތްކުރަމުންދާ ޗައިނާގެ ވަފުދާ ރައީސު ގޮތާބޭ ރާޖަޕަކްސާ ބައްދަލުކުރައްވައި ޗައިނާގެ އެހީއަށް އެދިވަޑައިގެންފައި ވަނިކޮށެވެ.

މި އެހީއަކީ "އެންމެ ރަނގަޅު ވަގުތުގައި" ދިން އެހީއެއްކަން ފާހަގަކުރަމުން ސްރީލަންކާގައި ހުންނަ ޗައިނާގެ އެމްބަސީން ބުނެފައި ވާގޮތުން މި އެހީ ބޭނުންކުރެވޭނީ ސްރީލަންކާގެ ރަށްފުށުގެ ސަރަހައްދުގައި ސިއްހީ ޚިދުމަތާއި، ތައުލީމާއި، ބޯފެނުގެ ޚިދުމަތް ރަނގަޅުކުރުމަށެވެ. އަދި މި އެހީގެ ސަބަބުން ކޮވިޑް- 19 އަށް ފަހު އާއްމުންގެ ހާލަތު ރަނގަޅުވުމަށް މަގުފަހިވެގެންދާނެއެވެ.

ކުރީގެ ޚާރިޖީ ވަޒީރު އަދި ޗައިނީޒް ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯގެ މެންބަރު ޔަންގް ޖެއިޗީ މިހާރު ގެންދަވަނީ ޗައިނާގެ އޮފިޝަލުންގެ ވަފުދަކާއެކު ސްރީލަންކާއަށް ޒިޔާރަތްކުރައްވަމުންނެވެ. އޭނާ ވަނީ ރައީސު ގޮތާބޭ ރާޖަޕަކްސާއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

ސްރީލަންކާއަކީ ޗައިނާއިން ކުރިއަށް ގެންދާ ބިޔަ މަޝްރޫއު 'ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް' ގެ މުހިއްމު ބައިވެރިއެކެވެ. އެހެންކަމުން ޗައިނާއިން ވަނީ ބަނަދަރާއި، އެއާޕޯޓާއި، މަގުތަކުގެ އިތުރަށް ކޮލޮމްބޯގައި ހަދާ ޕޯޓް ސިޓީ ހެދުމަށް އެތައް ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ސްރީލަންކާއަށް ދީފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.