އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އިސްކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފި

އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ޖެންޑަރ މިނިސްޓްރީން ދެއްވައިފި އެވެ.

މިކަމުގެ ޔަޤީންކަން ދެއްވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް ވަހުގެ މުނާސަބަތުގައި އެމިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައެވެ. ނޫސްބަޔާނުގައި ވަނީ އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. އެ މަސައްކަތްތައް އަމާޒުވެފައިވަނީ އަންހެން ކުދިން، އެކުދިންގެ އަމިއްލަ ނަފްސާއި މެދު ދެކޭގޮތް ހަރުދަނާކުރުމަށް ކަމަށެވެ. އަދި ކޮންމެ ކުއްޖަކީވެސް ޤާބިލުކަން ހުރި ކުއްޖެއްކަމާއި، މާދާމާގެ އިސް މަޤާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ކަމަށެވެ.

"އަދި ހަމަ މިއާއި އެކު އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާއި މަސައްކަތްތަކަކީ އިސްކަންދީގެން މި ސަރވިސްއިން ކުރަމުންދާނެ މަސައްކަތްތައްކަން ޔަޤީންކަން އަރުވަމެވެ. އަދި މިކަމުގައި އެންމެހާ ފަރާތްތަކުން މި ސަރވިސްއަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރަމެވެ." ޖެންޑަރ މިނިސްޓްރީގެ ނޫސްބަޔާނުގައި ވެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ އަންހެން ކުދިންގެ ދުވަހެވެ. މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި އ.ދ އިން ކަނޑައަޅާފައިވަނީ 19 ޑިސެންބަރު 2011 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ، ދުނިޔޭގެ އެކި ކަންކޮޅުގައި އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަމުން އަރައިގަތުމަށް އަންހެން ކުދިން ބާރުވެރިކުރުވުމެވެ. އަދި އަންހެން ކުދިންގެ ހައްޤުތައް ކުރިއަރުވައި، އަދި އެކުދިންނަށް އެހެން ކުދިންނެކޭވެސް އެއްހަމައެއްގައި ފުރުޞަތު ހޯދައިދިނުމެވެ.

އަންހެން ކުދިން ބާރުވެރިކުރުވުމަށްޓަކައި ޚާއްސަ މަސައްކަތެއް ކުރުމަށް އ.ދ އިން ކަނޑައަޅާފައިވަނީ، ތަފާސް ހިސާބުތަކުންވެސް ނަތީޖާގެ ހަމަހަމަކަން ހާސިލްވުމުގައި ގޮންޖެހުންތައް ހުރުމާއި މިކަންތައްތަކަށް އިސްކަމެއް ދީގެން އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވުމުންކަން ޖެންޑަރ މިނިސްޓްރީން ފާހަގަ ކުރައްވައެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމަށް އ.ދ އިން ކަނޑައަޅާފައިވާ ޝިއާރަކީ " އަހަރެންގެ އަޑު: އަހަރެންމެންގެ ހަމަހަމަ މުސްތަޤްބަލް " އެވެ. ނުވަތަ “My Voice, Our equal Future” އެވެ.

މި ޝިޔާރުގެ މަޤްޞަދަކީ އަންހެން ކުދިންގެ އަޑުއަހައި، ހަމަހަމަ ފުރުޞަތުތައް ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ މުޙިއްމުކަމާއި، ހެދޭ ސިޔާސަތުތަކަކީ ހަމަހަމަ ފުރުޞަތުތައް ލިއްބައިދޭ، ނަތީޖާގެ ހަމަހަމަކަމަށް ވާޞިލުވާ ސިޔާސަތުތަކަށްވުންކަން ޖެންޑަރ މިނިސްޓްރީން ފާހަގަ ކުރައްވައެވެ. މިކަމަކީ ޖެންޑަރ އީކުއާލިޓީ ޤާނޫނޫނާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުންވެސް ބާރުއަޅާކަންކަމަށް ޖެންޑަރ މިނިސްޓްރީން ފާހަގަ ކުރައްވައެވެ.          

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.