ނޯބެލް ސުލްހައިގެ އިނާމު މިއަހަރު ވާލްޑް ފުޑް ޕްރޮގްރާމަށް

ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެއް އިނާމު ކަމަށް ބެލެވޭ ނޯބެލް ސުލްހައިގެ އިނާމު އދ. ގެ ކާބޯތަކެއްޗާ ބެހޭ ޖަމްއިއްޔާ، ވާލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އަށް ލިބިއްޖެއެވެ. އެ ޖަމްއިއްޔާއިން ވަނީ ކޮވިޑް- 19 ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރިފައިވާ މި އުނދަގޫ ދަނޑިވަޅުގައިވެސް ދުނިޔޭގައި ބަނޑަށް ޖެހިފައިވާ އެތައް މިލިޔަން ބަޔަކަށް ރޭވުންތެރިކަމާއެކު ކާބޯތަކެތި ފޯރުކޮށްދީފައެވެ.

ޑަބްލިޔުއެފްޕީއަށް މި ޝަރަފުވެރި އިނާމު ދީފައި ވަނީ "ބަނޑުހައިހޫނުކަމާ ހަނގުރާމަކުރުމަށާއި، ހަނގުރާމަ ހިނގާ ސަރަހައްދުތަކުގައި ސުލްހައިގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށާއި، ހަނގުރާމައާއި، ތަޅައިފޮޅުމުގައި ބޭނުންކުރެވޭ ހަތިޔާރަކަށް ބަނޑުހައިހޫނުކަން ބޭނުންކުރިޔަ ނުދިނުމަށް އެޖަމްއިއްޔާއިން ކޮށްފައިވާ މަސައްކަތަށްޓަަކައި." މިއަހަރު ސުލްހައިގެ އިނާމު ހައްގުވާ ފަރާތް ނޯވޭގެ ވެރިރަށް އޮސްލޯގައި އިއުލާންކުރައްވަމުން ނޯބެލް ކޮމިޓީގެ ޗެއާޕާސަން ބެރިޓް ރީސް-އެންޑަސަން ވިދާޅުވިއެވެ.

ޑަބްލިޔުއެފްޕީން ފާހަގަކުރާ ގޮތުގައި ހެލިކޮޕްޓަރުގައި ވިޔަަސް އަދި ޖަމަަލުގެ ބުރިކަށިމަތީގައި ވިޔަސް ބޭނުންޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީގެން " އިންސާނީ އެހީ ދިނުމުގައި ދުނިޔޭގެ އެެންމެ ކުރީގައިވާ ޖަމްއިއްޔާ" ގެ ވެފައިވާތީ އެ ޖަމްއިއްޔާ ފަޚުރުވެރިވެއެވެ. މިއަދު ދުނިޔޭގައި 690 މިލިއަން މީހުން (ދުނިޔޭގެ އާބާދީގެ ކޮންމެ 11 މީހެއްގެ ތެރެއިން އެކަކު) ކޮންެމެ ރެއަކު ނިދަން ދަނީ ހުސް ބަނޑާއެވެ.

"މިއަހަރުގެ (ނޯބެލް ސުލްހައިގެ) އިނާމު ދޭއިރު ނޯވޭޖިއަން ނޯބެލް ކޮމިޓީން ބޭނުންވަނީ ބަނޑަށް ޖެހުމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ ނުވަތަ ބަނޑަށް ޖެހުމުގެ ވޭން ތަހައްމަލްކުރަމުންދާ އެތައް މިލިއަން މީހުންނާ ދިމާއަށް ދުނިޔޭގެ ލޯތައް އަނބުރާލުން." ރީސް-އެންޑަސަން ވިދާޅުވިއެވެ.

ޑަބްލިޔުއެފްޕީގެ ވެރިޔާ ސިފަކުރެއްވި ގޮތުގައި އެ ޖަމްއިއްޔާއަށް މިއަދު ލިބުނު އިނާމުގެ ހައްގުވެރިންނަކީ އެ ޖަމްއިއްޔާގައި މަސައްކަތްކުރާ އެންމެންނެވެ.

"އަހަރެންނަށް އަހަރެންނަކީ މިފަދަ އިނާމެއްގެ ހައްގުވެރިއެއް ނޫންކަން. އެހެންނަމަވެސް، (މި އިނާމުގެ ހައްގުވެރިންނަކީ) ދުނިޔޭގެ ކަންކޮޅުތަކުންގައި ވާލްޑް ފުޑް ޕްރޮގްރާމުގައި މަސައްކަތްކުރަމުންދާ ފިރިހެނުންނާއި، އަންހެނުން އަދި ކޮންމެ ދުވަހަކު އެމީހުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅަމުންދާ އަހަރުމެންގެ ބައިވެރިން." ސުލްހައިގެ އިނާމު ޑަބްލިޔުއެފްޕީއަށް ލިބުމާގުޅިގެން ޑަބްލިޔުއެޗްއޯގެ އެގްޒެކެޓިވެ ޑިރެކްޓަރު ޑޭވިޑް ބީޒްލީ ވިދާޅުވިއެވެ.

ނޯބެލް އިނާމަކީ ޑައިނަމައިޓް އުފެއްދި އިންޖިނޭރު، ސްވިޑަންގެ އަލްފްރެޑް ނޯބެލް މަރުވިއިރު އޭނާ ކޮށްފައިވާ ވަސިއްޔަތާ އެއްގޮތަށް ކޮންމެ އަހަރަކު ދެމުން އަންނަ އިނާމެކެވެ. 1895 ވަނަ އަހަރު އުފެއްދި ނޯބެލް ފައުންޑޭޝަނުން 1901 ވަނަ އަހަރު ދޭން ފެށި މިއިނާމު ދެނީ ސުލްހަ، ބޭސްވެރިކަން، ފިޒިކްސް، ކެމިސްޓްރީ  އަދި އަދަބުގެ ދާއިރާއިންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.