ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް އަދާކޮށްދިނުން ވާޖިބު

ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް އަދާކޮށްދިނުމަކީ އިސްލާމްދީނުގައި ވާޖިބުކުރައްވައިފައިވާ މަތިވެރި އަޅުކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ޚުޠުބާ ޚާއްޞަކުރެއްވީ ޢުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމާއި އަޅާ ލުމުގެ މައްޗަށެވެ.

ޚުޠުބާގައި ވިދާޅުވީ ޢުމުރުން ދުވަސްވީ މީހުންނަށް ޙައްޤު ޤަދަރާއި، އިޚްތިރާމް ދިނުމަށް އިސްލާމްދީނުގައި އަމުރުކުރައްވައި، ވަޞިއްޔަތް ކުރައްވާފައިވާކަމަށެވެ. އަދި އެމީހުންނަށް އަޅާލުމާއި، އެމީހުންގެ ޙަޢްޤުތައް ދެނެގަނެ އެޙައްޤުތަކަށް ރައްކާތެރިވެ، އަދަބު އިޚްތުރާމް އަދާކުރުމަކީ މަތިވެރި އަޚްލާޤީ ސިފަތަކުގެ ތެރޭގައި ވެސް ހިމެނޭ ކަންކަމަށެވެ.

"އެމީހުންނަކީ މިއަދު ޢުމުރުން ދުވަސްވެ ގައިބާރު ދެރަވެފައިވާ ބަޔަކަށް ވިއަސް، ދުނިޔޭގައި ގިނަ ދުވަހު އުޅެ، ގިނަ ތަޖަރިބާތަކެއްކޮށްފައިވާ ޤައުމުގެ އިސްރައްވެހިންނެވެ. އަޅުގަނޑުމެންނަށްޓަކައި ބުރަމަސައްކަތްތަކެއްކޮށް، ގައިން ދާ އޮހޮރުވައި، ބޮޑެތި ޤުރުބާނީތަކެއް ވެފައިވާ މީހުންނެވެ. އެހެން ކަމުން އެމީހުންނަށް ދޭންޖެހޭ ޙައްޤު ޤަދަރާއި، އިޚްތިރާމް ދިނުމަށް އިސްލާމްދީނުގައި ވަނީ އަމުރުކުރައްވައި، ވަޞިއްޔަތް ކުރައްވާފައެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ ބޮޑެތި މީހުންނަށް އިޚްތިރާމް ކުރުމަކީ އިސްލާމީ މަތިވެރި އަގުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އެއީ ހަމައެކަނި ރީތި އާދަކާދައާއި އުޞޫލެއް ނޫންކަމަށެވެ. އެއީ އިސްލާމީ އަދަބެއްގެ އިތުރުން އިސްލާމްދީނުގައި ވާޖިބުކުރައްވައިފައިވާ މަތިވެރި އަޅުކަމެއްކަމަށެވެ. މިކަމުގެ ޒިންމާ ވަނީ ޒުވާން ޖީލުތަކުތަކުގެ ކޮޑުގައި އަޅުއްވައިފައިކަމަށެވެ. ކޮންމެ އާޢިލާއަކުން އެއާޢިލާއެއްގެ އުމުރުން ދުވަސްވީ މީހުން ބެލުމާއި އެމީހުންނަށް ލޯތްބާއި އަޅާލުން ދިނުމަށް ވަނީ ގަދަ އަމުރުން އަމުރު ކުރައްވައިފައިކަމަށް ވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މާތްﷲ އަށް އެކަނި އަޅުކަންކުރުމަށްފަހު، ދެން އަމުރުކުރައްވައިފައި ވަނީ ޢުމުރުން ދުވަސްވީ މައިންބަފައިންނަށް އިޚްޞާންތެރިވުމަށާއި، ނުރުހުމުގެ ގޮތުން އެމީހުންނާ ދިމާއަށް އުއްފު ނުބުނުމަށްކަމަށް ޚުޠުބާގައި ހަނދާން ކޮށްދެއްވިއެވެ.

ޢުމުރުން ދުވަސްވީމީހުންނަށް ހެޔޮކޮށް ހިތުމާއި، ހެޔޮ ފޯރުވުމާއި، އިޙްޞާންތެރިވުމާއި މުޖުތަމަޢުގެ ކަންތައްތަކުގައު ބައިވެރިކުރުމާއި ކަންކަމުގައި އެމީހުންގެ މަޝަވަރާއާއި ޚިޔާލު ހޯދުމަކީ ކުރާ ކަންކަމުގައި މާތްﷲ ބަރަކާތް ލައްވާނެކަމެއްކަމަށް ވެސް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.

ޚުޠުބާގައި ފާހަގަ ކުރެއްވީ އިޖްތިމާއީ ގޮތުން ކުރެވޭ ކަންކަމުގައި ޢުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކޮށް، އިސްދައުރެއް އަދާކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އިޖްތިމާއީ ގޮތުން މުޖުތަމަޢަށް އަންނަ ބަދަލުތަކުން ޢުމުރުން ދުވަސްވީ މީހުން ސަލާމަތްކުރުމަށްޓަކައި ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ބޭނުންވާ އެހިތެރިކަމާއި އަޅާލުން ފޯރުކޮށް ދިނުމަކީ ވަރަށް މުހިންމު ބޭނުން ތެރިކަމެއްކަމަށެވެ. ޞިއްޙީގޮތުންނާއި އިޖްތިމާއީ ގޮތުން ރަނގަޅު ވެށްޓެއް އެމީހުންނަށް ހޯދައިދޭން ޖެހޭނެކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.

ޢުމުރުން ދުވަސްވީ މީހުންނަށް މަދުންނަމަވެސް ދުރުމީހުންނާއި އާއިލާގެ މީހުންގެ ފަރާތުންވެސް ފުރައްސާރަ ކުރުމާ ކުރިމަތިލާންޖެހޭ ކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބަލި ކަށި ކޮށްލުމަށް، ޢުމުރުން ދުވަސްވީ މީހުން އެކަނިވެރިކަމުގެ ތެރެއަށް ދޫކޮށްލާކަން ފާހަގަ ކުރެއްވިއެވެ. މާއްދީ ގޮތުންވެސް ޢުމުރުން ދުވަސވީ މީހުންނަށް ގެއްލުން ދިނުމުގެ ޢަމަލުތައް ބައެއް ފަރުދުންގެ ފަރާތުން ފެންނަމުންދާކަންވެސް ފާހަގަ ކުރެއްވިއެވެ. އިހުމާލުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން އުމުރުން ދުވަސް މީހުންނަށް ލިބޭ އަނިޔާ، ގިނަކަން ވެސް ޚުތުބާގައި ފާހަގަ ކުރެއްވިއެވެ. އާއިލާގެ ތެރެއިންނާއި މުޖުތަމަޢުގެ ތެރެއިންވެސް ޢުމުރުން ދޮށީ މީހުންނަށް އިހުމާލުވަމުންދާކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.

"ތިމާމެން އަރާމު ތަންމަތީގައި، ފިނިކޮޓަރިތަކުގައި ނިދާއިރު، އެތަނަވަސްކަމާއި މުއްސަނދިކަން ހޯދައި ދިނުމަށް މަސައްކަތްކުރި، ޢުމުރުން ދުވަސްވެފައިވާ މައިންބަފައިން، ވައިރޯޅީގެ ފިނިކަމެއް އަމުދުން ލިބެން ނެތް ހުރަގެތަކުގައި ގެންގުޅުމަކީ ދެބަސް ވެވެން ނެތް ހިތި ހަޤީޤަތެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޢުމުރުން ދުވަސްވީ  މީހުންނަށް ސަރުކާރުންދޭ އިނާޔަތުގެ ފައިސާ އެމީހުންނަށް ނޭނގި ބޭނުންކުރުމަކީ ވެސް މުޖުތަމަޢިން ފެންނަ ޢަމަލެއްކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. އެއިނާޔަތަކީ ޢުމުރުން ދުވަސްވީ މީހުން ބަލަހަށްޓާ މީހުންނަށް ލިބެންޖެހޭ އެއްޗެއްގެ ގޮތުގައި ބައެއްފަރާތަތަކުން ދެކޭކަމަށް ފާހަގަ ކުރެއްވިއެވެ. މާލީ އިނާޔަތާހެދި އާއިލާގެ ތެރޭގައި އަރާރުންވެ މަސްލަޙަތު ގެއްލި، ޢުމުރުން ދުވަސްވީ މީހުންނަށް އިތުރު ނަފްސާނީ މައްސަލަތަކާ ކުރިމަތިލާންޖެހޭކަންވެސް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.

"ޢުމުރުން ދުވަސްވެ ގައިބާރު ދެރަވުމުން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް، ފޮނުވާލީ ހިތުގައި އެއްވެސް ކުލުނެއް ރަޙުމެއް ނެތިއެވެ. އެފަދަ މަރުކަޒުތަކުގައި މިހާރު ތިބެން ޖެހިފައިވާ މީހުންނަކީ ވެސް، އެމީހުންގެ ޒުވާންކަމުގެ ހަކަތަ ޤައުމާއި، ދަރިންނަށްޓަކައި ހޭދަކުރި އިސްރައްވެހިންނެވެ. އެމީހުންނަށް މުޖުތަމަޢުގެ ފަރުދުންނާއި އާއިލާގެ ލޯތްބާއި އަޅާލުން އެންމެ ބޭނުންވި ދުވަހު ގެއިން ބޭރުކޮށްލަނީ ތިމާގެ ހަޔާތަށްވެސް، އެދުވަސް އަންނާނެކަމުގެ ވިސްނުމެއް ފިކުރެއް ނެތިއެވެ" ޚުޠުބާގައި ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.