މަސައްކަތް ހުއްޓާލާނީ ޔާމީނަށް ވެރިކަން ހޯދާދީފައި: ޣައްްސާން

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަސައްކަތް ހުޓާލާނީ ޖަލުގައި އޮންނެވި ބޮޑުބޭބޭފުޅު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލުން މިނިވަންކޮށް އަލުން ރައީސްކަން ހޯއްދަވައި ދެއްވުމަށްފަހު ކަމަށް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރ ޣައްސާން މިހެން ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމުގެ އަމުރު ޤާނޫނާ ޚިލާފުކަމަށް ސްޕްރީމް ކޯޓުން ޙުކުމްކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. 

"ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މަސައްކަތް، އިންޝާﷲ ނިންމާނީ ރައީސް ޔާމީން މިނިވަންކޮށް، ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލުގެ ހިމާޔަތުގައި، ދިވެހި އިޤްތިޞާދާއި ރައްޔިތުންގެ ކުރިމަގު އުޖާލާ ކުރުމަށް، އެމަނިކުފާނު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުކޮށްފައި" ﷲ އަށް ޙަމްދުކޮށް ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. 

މިއަދުގެ ހުކުމާ ގުޅިގެން އިދިކޮޅު ލީޑަރުން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ދައުވާ ތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. މިމޭރުމުން ކުރެއްވި ޓުވީޓެއްގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބަދުﷲ ވަނީ ރައީސް ޔާމީން ވަގުތުން މިނިވަން ކުރެއްވުމަށް ގޮވާލައްވައިފައެވެ. 

ޕީޕީއެމްގެ ނައިބް ލީޑަރ އަދި ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ވިދާޅުވީ މިއަދުގެ ހުކުމުން އެނގިގެން ދިޔައީ ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ ދައުވާތަކަކީ ޞައްހަ ދައުވާ ތަކެއް ނޫންކަމެވެ. އަދި ކްރިމިނަލް ކޯޓުން އިއްވައިފައިވާ ހުކުމަކީ ބާތިލް ހުކުމެއްކަމެވެ. އޭނާ ވެސް ވަނީ މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައްވައިފައެވެ. 

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.