"އިންޑިޔާ-އައުޓް" ކެމްޕޭން ހިންގަނީ ހަރުކަށި ޖަމާއަތްތަކުން ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"އިންޑިޔާ-އައުޓް" ހޭޝްޓެގް ބޭނުންކޮށްގެން ކެމްޕޭން ހިންގަނީ ހަރުކަށި ޖަމާޢަތްތަކުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަނެއްކާވެސް ވިދާޅުވެއްޖެއެވެ.  

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ހަރުކަށި ޖަމާއަތްތައް ފިޔަވައި ދިވެހިންގެ ތެރެއިން، އެނޫން ބަޔަކު އެކަމަށް ތާއީދުކުރާތަނެއް އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އެކެމްޕޭނުގައި ޒުވާނުންގެ ބައިވެރިވުން ބޮޑުކަން ނޫސްވެރިއަކު ފާހަގަކުރެއްވުމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ 250 ޒުވާނުން، އައިސިސްއާ ގުޅިގެން ހަނގުރާމަ ކުރަންވެސް ދިޔަ ކަމަށެވެ. އަދި އެމީހުން ތަމްރީނު ކުރީވެސް ޒުވާނުންކަމަށެވެ. އެބައިމީހުން ދިޔައީ ރާއްޖޭގެ މަނާކަމެއް ކުރަން މަރު އަތަށް ލައިގެންކަން ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. 

"އިންޑިޔާ-އައުޓް" ކެމްޕޭނަކީ ހައްދުފަހަނަޅާފައިވާ ހަރުކަށި ޖަމާއަތްތަކުން ރާވައިގެން ހިންގާ ކެމްޕޭނެއް. އެނޫން ގޮތަކަށް އެކެމްޕޭނެއް އަޅުގަނޑަކަށް ނުފެނޭ. އެނޫން ބަޔަކު އިންޑިއާއި ރާއްޖެއާ ގާތް ގުޅުމެއް އޮންނާތީ ކަންބޮޑުވެގެން އުޅޭތަނެއް ނުފެނޭ. އަޅުގަނޑުވެސް މިރަށުގައި އުޅެނީ، ރާއްޖޭގެ ރައްޔިތުންގެ އުއްމީދުތައްވެސް އަޅުގަނޑަށްވެސް އެނގޭ ، އަޅުގަނޑަށް ފާހަގަ އެއް ނުކުރެވޭ އިންޑިއާއާ ގުޅިގެން ތިބާވަތުގެ އިޙްސާސްތަކެއް ދިވެހިންގެ ހިތްތަކުގައި ވާކަމަކަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ އިސްތިގްލާލު ގެއްލިގެންދާ ކަމަކަށް އެއް ވެސް ޕާޓީއަކުން ތާއީދު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އައިސިސް ފަދަ ޓެރެރިސްޓް ޖަމާއަތަކުން ގޮވަމުންދާ ގޮވެލި ގޮވާކަމަށް ވާނަމަ އެއީ އެފަދަ ޖަމާއަތްތަކަށް ދެވޭނެ ވަރަށް ބޮޑު ފުރުސަތެއްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގައި ޓެރަރިސްޓް ޖަމާޢަތްތަކުގެ ގޮތުގައި ލިސްޓްކުރެވިފައިވާ ޖަމާއަތްތައްކަން ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.