ހެލްތު މިނިސްޓަރ އަމީން އިސްތިއުފާ ދެއްވުމަށް މެމްބަރު އަފީފު ގޮވާލައްވައިފި

އަމިއްލައަށް ޒިންމާއިން ދުރުވެވަޑައިގެން ގޭގައި ހުންނެވި، ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން މަޤާމުން އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހިގެ ވިލުފުށީ ދާއިރާގެ މެމްބަރ ޙަސަން އަފީފު ގޮވާލައްވައިފިއެވެ.

މެމްބަރ އަފީފު މިކަމަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި، ނުޙައްޤު މުއްސަނދިކަން ކުށަށް ހެދުމަށް ޤާނޫނުލް އުޤޫބާތަށް ހުށަހެޅުނު އިޞްލާޙުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މެމްބަރ އަފީފު ވިދާޅުވީ އިހުމާލުން ކަމެއް ކުރެވިފައިވާނަމަ ޒިންމާ ނަންގަވައި އަމިއްލަ އަށް ހެލްތް މިނިސްޓަރ އަމީން އިސްތިއުފާ ދެއްވަން ޖެހޭކަމަށެވެ. އިސްތިއުފާ ނުދެއްވައިފިނަމަ އެޒިންމާ ޙަވާލުކުރެއްވި ފަރާތުންވެސް ހެލްތް މިނިސްޓަރ މަޤާމުން ދުރުކުރަންޖެހޭކަމަށް މެމްބަރ އަފީފު ވިދާޅުވިއެވެ.  

"މިއަދު ހެލްތް މިނިސްޓަރ އެބަޖެހޭ އިސްތިއުފާ ދެއްވަން. ހެލްތް މިނިސްޓަރ އިހްމާލުން އެތާނގެ ބިޑްކޮމެޓީން ގޯސްކޮށް ކަމެއްކޮށްފައި އޮތިއްޔާ ކުރެވިފައި އޮންނާނީ. ހެލްތް މިނިސްޓަރ މިހާރު ގޭގައި ހުންނަވައިގެން އެކަމެއް އިޞްލާޙެއް ނުވާނެ. އިހުމާލުން ކަމެއްކިރެވިފައި އޮތިއްޔާ، އޭގެ ޒިންމާ ނަންގަވައި އަމިއްލައަށްވެސް އެބަޖެހޭ އިސްތިއުފާ ދެއްވަން. އިސްތިއުފާ ނުދެއްވައިފިއްޔާ، އެވަޒިފާ ޙަވާލުކުރި ފަރާތުން އެބަޖެހޭ އެމަސްޢޫލިއްޔަތު އަތުލައި، މަޤާމުން ދުރުކުރަން. މިކަންތައްތައް މިގޮތަށް ނުކުރެވޭ ކަމަށްވަންޏާ އަޅުގަނޑުމެން މިއިސްލާޙުކުރަން އުޅޭ ކަންތައްތަކެއް އިޞްލާޙެއް ނުވާނެ." މެމްބަރު އަފީފު ވިދާޅުވިއެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު އަފީފު ވިދާޅުވީ ހަމައަކަނި ދަށް މަޤާމުގައި ހުންނަ މީހާ މަޤާމުން ވަކިކުރުމަކުން މިފަދަ ކޮރަޕްޝަންގެ ޢަމަލުތައް ނުހުއްޓުވޭނެކަމަށެވެ.  

"އެންމެ ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ އެކަމުގެ އެންމެ މުހިންމު ޒިންމާ ނަގައި އެމަސްޢޫލިއްޔަތު އަދާކުރުމަށް އެންމެ މަތީ މަޤާމުގައި ހުރި މީހާއާ ދޭތެރޭގައި. އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް މިކަންތައްތަކެއް ނުހުއްޓުވޭނެ." މެމްބަރު އަފީފު ވިދާޅުވިއެވެ.

މެމްބަރ އަފީފުގެ ވާހަކަފުޅުގައި ކޮވިޑާ ގުޅޭ އޮޑިޓް ރިޕޯޓް ތަކުން ފާހަގަ ކުރެވޭ ކޮރަޕްޝަން މައްސަލަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. މިހާރު ވެންޓިލޭޓަރުގެ އަގުތައް ދަށަށް ގޮސްފައިވާއިރު ވެސް އެ ވެންޓިލޭޓަރުތައް ގެންނާނީ އަދިވެސް ކުރީގެ އަގުގައިތޯ ވެސް މެމްބަރ އަފީފު ސުވާލު އުފެއްދެވި އެވެ.

ދައުލަތުގެ މަޤާމެއްގައި ހުންނަ މީހަކު އޭނާއަށް ލިބޭ މުސާރައާ ނުބައްދަލު މުއްސަނދިކަން ހޯދައި އަގުބޮޑު އެޕާޓްމަންޓްތައް ގަނެހަދާއިރު އެކަން ބަލަން ޙަވާލުކޮށްފައިވާ މުއްއައްސަސާތަކުގެ ޒިންމާ އުފުލަންޖެހޭކަމަށް ވެސް މަމްބަރ އަފީފު ވިދާޅުވިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)މަސައްކަތްކުރާ ގޮތްވެސް ބަލަންޖެހޭކަމަށް ވިދާޅުވިއެވެ.

ނުޙައްޤު މުއްސަނދިކަން ކުށަކަށް ހަދާއިރު އެކަން އޮންނަންޖެހޭނީ ހަމައެކަނި ދައުލަތުގެ މުވައްޒަފުން ނޫންކަމަށާއި އަމިއްލަ ވަޒީފާތަކުގައި އުޅޭ މީހުންނާއި ވަޒީފާއެއް ނެތް މީހުންވެސް ހިމެނެންޖެހޭކަމަށް މެމްބަރ އަފީފު ފާހަގަ ކުރެއްވިއެވެ. ބައެއް އެހެން މެމްބަރުންވެސް ވަނީ މިކަން ފާހަގަ ކުރައްވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.