ބޭސްވެރިކަމުގެ ދާއިރާއިން ނޯބެލް އިނާމު މިއަހަރު އެމެރިކާއާއި އިނގިރޭސިވިލާތުގެ 3 ސައިންސުވެރިއަކަށް

ތަފާތު ދާއިރާތަކުން ދުނިޔޭގައި ދޭ އިނާމުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އިނާމު ކަމުގައި ބެލެވޭ ނޯބެލް އިނާމު މިއަހަރު ލިބޭ ފަރާތްތައް އިއުލާންކުރަން ފަށައިފިއެވެ. މިގޮތުން މިއަހަރު އެންމެ ކުރިން އިއުލާންކުރީ ބޭސްވެރިކަމުގެ ރޮނގުން ދޭ އިނާމެވެ.

މިއަދު ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި އޮތް ރަސްމިއްޔާތެއްގައި އިއުލާންކުރި ގޮތުގައި މިއަހަރު ބޭސްވެރިކަމުގެ ރޮނގުން ނޯބެލް އިނާމު ލިބޭނީ އެމެރިކާގެ ދެ ސައިންސުވެރިން ކަމުގައިވާ ހާވީ އޯލްޓަރ، ޗާލީ ރައިސް އަދި އިނގިރޭސި ސައިންސުވެރިއެއް ކަމުގައިވާ މައިކަލް ހަފްޓަންއަށެވެ. މި ތިން ސައިންސުވެރިންނަށް މި އިނާމު ދީފައި ވަނީ ހެޕެޓައިޓިސް-ސީ ހޯދުމަށް ތިން މީހުން ކޮށްފައިވާ މަސައްކަތަށެވެ.

ނޯބެލް އިނާމުގެ ފަނޑިޔާރުން ބުނެފައިވާ  ގޮތުގައި ތިން މީހުންނަށް އިނާމު ހައްގުވީ ލެއަށް ޖެހޭ އަދި ދުނިޔޭގެ ކަންކޮޅުތަކުގައި މީހުންނަށް ފުރަމޭގެ ސިރޯސިސްއާއި ކެންސަރު ޖައްސާ ހެޕަޓައިޓިސްއާ ދެކޮޅަށް އެމީހުން ކޮށްފައިވާ މަސައްކަތަށްޓަކައެވެ.

"އެ ތިން މީހުންގެ މަސައްކަތަށްވުރެ ކުރިން ހެޕައިޓިސް-އޭ އާއި ބީ ވައިރަސް ހޯދިފައި ވުމަކީވެސް ކުރިއަށް އެޅިފައިވާ މުހިއްމު ފިޔަވަޅެއް" ބޭސްވެރިކަމުގެ ދާއިރާއިން ނޯބެލް އިނާމު ހައްގުވާ ފަރާތަތައް ކަނޑައަޅާ ނޯބެލް އެސެމްބްލީން 10 މިލިއަން ސްވިޑުޝް ކްރޯނާ (17.3 މިލިއަން ދިވެހި ރުފިޔާ) ގެ ހައްގުވެރިން އިއުލާން ކުރަމުން އިއްވި ބަޔާނުގައި ބުނެފައި ވެއެވެ. ނޯބެލް އެސްމްބްލީ ގެ މަރުކަޒަކީ ސްވިޑަންގެ ކަރޮލިންސްކާ އިންސްޓިޓިއުޓެވެ.

އާއްމު ގޮތެއްގައި ޑިސެންބަރު މަހު 10 ވަނަ ދުވަހު އޮންނަ ރަސްމިއްޔާތެއްގައި ނޯބެލް އިނާމު އޭގެ ހައްގުވެރިންނަށް ދެއްވަނީ ކާރްލް xvi ގުސްޓާފްއެވެ. އެހެންނަމަވެސް، ކޮވިޑް- 19 ގެ ސަބަބުން މިއަހަރު އެ ރަސްމިއްޔާތު ނުބާއްވާ ގޮތަށް ވަނީ ނިންމާފައެވެ.

ފިޒިކްސްގެ ދާއިރާއިން މިއަހަރު ނޯބެލް އިނާމު ލިބޭ ފަރާތްތައް މާދަމާ (އަންގާރަ ދުވަހު) އިއުލާންކުރުމަށް ހަމަޖެހިފައި ވާއިރު، ކެމިސްޓްރީގެ އިނާމު އިއުލާންކުރާނީ ބުދަދުވަހުއެވެ.

ސުލްހައިގެ ނޯބެލް އިނާމު މިއަހަރު ލިބޭ ފަރާތެއް އިއުލާންކުރާނީ ހުކުރު ދުވަހުއެވެ. މިފަހަރު އެ އިނާމު ލިބޭނީ ތިމާވެށްޓަށްޓަކައި މަސައްކަތްކުރާ ސުވިޑަންގެ ދަރިވަރު ގްރޭޓާ ތަންބާގަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ނޯބެލް އިނާމަކީ ޑައިނަމައިޓް އުފެއްދި އިންޖިނޭރު، ސްވިޑަންގެ އަލްފްރެޑް ނޯބެލް މަރުވިއިރު އޭނާ ކޮށްފައިވާ ވަސިއްޔަތާ އެއްގޮތަށް ކޮންމެ އަހަރަކު ދެމުން އަންނަ އިނާމެކެވެ. 1895 ވަނަ އަހަރު އުފެއްދި ނޯބެލް ފައުންޑޭޝަނުން 1901 ވަނަ އަހަރު ދޭން ފެށި މިއިނާމު ދެނީ ސުލްހަ، ބޭސްވެރިކަން، ފިޒިކްސް، ކެމިސްޓްރީ  އަދި އަދަބުގެ ދާއިރާއިންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.