އެމެރިކާ ދުށް އެންމެ ހުތުރު ރިޔާސީ ބަހުސަށް ފަހު ބަހުސު ކުރިއަށް ގެންދާ ގޮތަށް ބަދަލުގެނައުމަށް ވިސްނަނީ

އަންގާރަ ދުވަހުގެރޭ އެމެރިކާގައި ބޭއްވި މިއަހަރުގެ ރިޔާސީ ފުރަތަމަ ބަހުސަކީ ބައެއް މީހުން ސިފަކުރާ ގޮތުގައި އެމެރިކާގެ ޑިމޮކްރަސީ އެންމެ ދަށު ދަރަޖައަށް ވައްޓާލި ބަހުސެކެވެ.

އަންނަ ނޮވެންބަރު 3 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޕަބްލިކަން ޕާޓީގެ ޑޮނާލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑަންގެ ބަހުސް ފެށުނު ފަހުން ގިނަ އިރުތަކެއް ނުވެ ބަހުސްގެ މޮޑަރޭޓަރު ފޮކްސް ނިއުސްގެ ކްރިސް ވެލެސްއަށް ވަނީ ބަހުސްގެ ކޮންޓްރޯލު ގެއްލިފައެވެ.

ދެ ކެންޑިޑޭޓުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ޒާތީ ގޮތުން ދިމާކުރައްވައި، ހުތުރު މުޚާޠަބުކުރައްވައި، އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ވާހަކަފުޅަށް ހުރަސް އަޅުއްވައި އަޑުގަދަ ކުރެއްވިއިރު ވެލެސްއަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

އެހެންކަމުން، އެމެރިކާގެ ރިޔާސީ ބަހުސުތައް އިންތިޒާމުކުރާ ކޮމިޝަން އޮން ޕްރެޒިޑެންޝަލް ޑިބޭޓްސް އިން ބަހުސްތައް ކުރިއަށް ގެންދާ ގޮތް ބަދަލުކުރަން ނިންމާފައިވާކަށް އެ ކޮމިޝަނާ ގާތް ބައެއް މަސްދަރުތަކުން ހާމަކޮށްފައި ވެއެވެ.

ނަން ހާމަކުރަން ބޭނުންނުވާ މި މަސްދަރުތަކުން ޚަބަރުދޭ ގޮތުގައި ބަހުސްގެ އުސޫލަށް ގެންނަން ވިސްނަމުންދާ އެންމެ ބޮޑު ބަދަލަކީ އެއްވެސް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓުގެ ވާހަކައަށް ހުރަސްއަޅައި ކުރިއަށް ގެންދިޔަ ނުދޭނަމަ، ހުރަސްއަޅާ ކެންޑިޑޭޓުގެ މައިކުން އަޑު ކަނޑާލުމުގެ  ބާރު މޮޑަރޭޓަރަށް ދިނުމެވެ.

އަންގާރަ ދުވަހުގެރޭގެ ބަހުސްގެ 90 މިނެޓްގެ ތެރޭގައި ދެ ކެންޑިޑޭޓުން އެއް ބޭފުޅަކު އަނެއް ބޭފުޅާއަށް ނުވަތަ މޮޑަރޭޓަރަށް 90 ފަހަރު ހުރަސްއަޅުއްވާފައި ވެއެވެ. މިކަން މައިގަނޑު ގޮތެއްގައި ކުރެއްވީ ރައީސު ޓްރަމްޕެވެ. އެއީ 71 ފަހަރުއެވެ.

ރައީސު ޓްރަމް މާގިނައިން ޖޯބައިޑަންއަށް ހުރަސްއަޅުއްވައި، އޭނާގެ ވާހަކަ މެދުކަނޑުއްވާތީ އެހެން ނެހެއްދެވުމަށް މޮޑަރޭޓަރު ވެލެސް އެދުމުން ޓްރަމްޕް ދެއްވި ޖަވާބަކީ "އޭނާ ކައިރީގައިވެސް ބުނޭ!" އެވެ.

"އެންމެ ރަނގަޅު، ހަގީގަތަށް ދަންނަވާނަމަ، އޭނާއަށްވުރެ ގިނައިން ހުރަސްއަޅުއްވަނީ މަނިކުފާނު" ރައްދުގައި ވެލެސް ބުންޏެވެ.

މިއަހަރު ރިޔާސީ އިންތިޚާބުގައި 4 ބަހުސް ބާއްވަން ނިންމާފައި ވެއެވެ. އެއީ ރިޔާސީ 3 ބަހުސާއި، ނާއިބު ރައީސުންގެ އެއް ބަހުސެވެ. ދެން އެންމެ އަވަހަށް އޮންނާނީ ނާއިބު ރައީސުންގެ ބަހުސެވެ. އެއީ މި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ބާކީ އޮތް ރިޔާސީ ދެ ބަހުސު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 15 އަދި 22 ގައެވެ.

އަންގާރަ ދުވަހުގެ ރޭގެ ބަހުސަށް ފަހު ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ބަހުސް ބެލި މީހުންގެ ތިންބައިކުޅަ ދެބައި މީހުން ބުނެފައި ވަނީ ބަހުސު ކާމިޔާބުކުރެއްވީ ކުރީގެ ނާއިބު ރައީސު ޖޯ ބައިޑަން ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.