ދޮގު މައުލޫމާތު ފެތުރޭ މައްސަލަ ހައްލުކުރެވޭނީ ރަނގަޅު މައުލޫމާތު ފޯރުކޮށްދީގެން: ޕީޖީ

ރަނގަޅުނޫން މައުލޫމާތުގެ މައްޗަށް ތަފާތު ވާހަކަތައް ފެތުރޭ މައްސަލަ ނުވަތަ ދޮގު މައުލޫމާތު ފެތުރޭ މައްސަލަ ހައްލުކުރެވޭނީ ރަނގަޅު މައުލޫމާތު މުއައްސަސާތަކުން ފޯރުކޮށްދީގެންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ދުވަހާ ގުޅިގެން، އިންފޮމޭޝަން ކޮމިޝަނަރ އޮފީހުން މިއަދު ބޭއްވި ވަރޗުއަލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ރަނގަޅުނޫން މަޢުލޫމާތުގެ މައްޗަށް ތަފާތު ވާހަކަތައް ފެތުރެމުންދާކަމަށެވެ. އެމައްސަލަ ޙައްލު ކުރެވޭނީ ދައުލަތުގެ މުއައްސަސާތަކުން ވެސް އެމުއައްސަސާތަކުގެ މައުލޫމާތު މިހާރަށްވުރެ ފުޅާކޮށް ފަސޭހަކޮށް މީހުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދެއްވައިގެން ކަމަށް ދެކެވަޑައި ގަންނަވާކަމަށެވެ.

ދައުލަތުގެ މުއައްސަސާތައް ހިންގުމުގެ ސިޔާސަތުތައް ބައްޓަން ކުރަންވާނީ އެތަނަކުން ލިބޭ މައުލޫމާތުގެމައްޗަށް ބިނާކޮށް ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. މުއައްސަސާތަކުން ލިބެންހުންނަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިޔާސަތު ބައްޓަންކުރުމުން ވަރަށް ގިނަ ފައިދާތަކެއް ވާނެކަމަށް ޕީޖީގެ ވާހަފުޅުގައި ފާހަގަ ކުރެއްވިއެވެ. މަގާމާ ހަވާލުވެވަޑައިގެން މިވީ އަހަރެއްހާ ދުވަސް ތެރޭގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ އެއްކަމަކީ ލިބެންހުރި މައުލޫމާތުގެ މައްޗަށް ބަލައިގެން ސިޔާސަތު ކަނަޑައެޅޭނީ ކިހިނެއްތޯ އާއި މަސައްކަތް އިތުރަށް ހަރުދަނާ ކުރެވޭނީ ކިހިނެއްތޯ ދެނެގަތުންކަމަށް ޕީޖީ ވިދާޅުވިއެވެ. އެގޮތުން ކޯޓުތަކުގައި އޮތީ ކިހާ މައްސަލަ ތަކެއްތޯ ދެނެގަނެވިފައިވާކަމަށް ވިދާޅުވިއެވެ.

"މި މައުލޫމާތު އެއްކުރީމާ، ނުނިމި އޮތީ ކޮންބާވަތެއްގެ މައްސަލަތަކެއްކަން ދެނެގަނެވޭ. މި މައުލޫމާތުގެ އަނެއް ބޭނުމަކީ މިއާ ގުޅިގެން ސިޔާސަތުތައް އެކުލަވާލުން. ސޯޝަލް ޕޮލިސީ އާއި ކްރިމިނަލް ޖަސްޓިސް ގެ ސިޔާތުތައް ބައްޓަންކުރުމާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުން. ކުރިއަށް އޮތް ތަނުގައި މިމައުލޫމާތުތައް އާންމުންނަށް ވެސް ފެންނަން ހުންނާނެ.  އޭގެ ބޭނުމަކީ ސިޔާސަތު ބައްޓަން ކުރާ ގޮތް އެއީ ރަނގަޅު ގޮތްތޯ، މީހުންނަށް ބަހުސް ކުރުމަށް ފުރުސަތު ދިނުން. އެކަމާ ގުޅޭގޮތުން ފާޑު ކިޔުމުގެ ތެރެއިން އިތުރަށް މަސައްކަތް ހަރުދަނާކުރުން" ޕީޖީ ވިދާޅުވިއެވެ.  

މިމަގަށް މަސައްކަތް ކުރެވިއްޖިއްޔާ މުއައްސަސާ ތަކުގެ މަސައްކަތް މިހާރަށް ވުރެ މާބޮޑުތަން ހަރުދަނާ ވެގެން ދާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ކުރިއަށް އޮތްތާންގައި އަޅުގަނޑުމެންގެ ދައުލަތުގެ މުއައްސަސާތަކުން އެއްކުރާ މައުލޫމާތާއި، އެމައުލޫމާތުގެ މައްޗަށް ބިނާކޮށް ކަނޑަ އަޅާ ސިޔާސަތުތަކަކީ އާންމުންގެ ތެރޭގައި، އެކަމާ ބަހުސް ކުރެވޭ، އެކަމާ ގުޅޭގޮތުން ފާޑުކިޔޭ ނިންމުންތަކަކަށްވުން." ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޙުސައިން ޝަމީމް ވިދާޅުވީ ޑިމޮކްރެޓިކް އެހެން ގައުމުތަކަށްވުރެ ފަހަތުގައި އޮތުމަށްފަހު 2008 ވަނަ އަހަރުން ފެށިގެން މައުލޫމާތު ހާމަކުރުމުގެ ދާއިރާއިން ވަރަށް ބޮޑު ކުރިއެރުންތަކެއް ރާއްޖެއިން ހޯދަމުންދާކަމަށެވެ. އެގޮތުން އަސާސީ ހައްގުގެ ގޮތުގައި މައުލޫމާތު ހޯދައި ލިބުގަތުން، ޤާނޫނު އަސާސީގައި ކަނޑައެޅިފައިވުން ފާހަގަ ކުރެއްވިއެވެ. އަދި ޤާނޫނެއް އުފެދި އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުގެ ގޮތުގައި، އެމިނިވަންކަން ކަށަވަރުކޮށް ދިނުމަށް ވަކި މުއައްސަސާ އެއް އުފެދިފައިވުން ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.