މައުލޫމާތު ހާމަކުރުމަށް ފަސްޖެހޭ ވަރަކަށް، ފަސާދައިގެ ޢަމަލުތަކަށް ޖާގަ ދެވޭ : ރައީސް

މައުލޫމާތު ހާމަކުރުމަށް ފަސްޖެހޭ ވަރަކަށް، އެ ބައެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ. 

ރައީސް ޞާލިޙްގެ ޚިޠާބު މިއަދު އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ބޭއްވި ވާޗުއަލް ޖަލްސާގައި އިއްވައި ދެއްވީ އިންފޮމޭޝަން ކޮމިޝަނާ ޙުޞައިން ފިޔާޒު މުސާއެވެ.  

ރައީސްގެ ޚިޠާބުގައި، ވިދާޅުވީ މަޢުލޫމާތު ހާމަކުރުމަށް ފަސްޖެހޭ ވަރަކަށް، އެ ބައެއްގެ ތެރޭގައި ފަސާދައިގެ ޢަމަލުތަކަށް ޖާގަ ދެވޭ ކަމަށެވެ. އަދި މަޢުލޫމާތު ހާމަކުރުމަށް އިސްކަން ދޭ ވަރަކުން، އެބައެއްގެ ނަޒާހަތްތެރިކަން އިތުރުވެގެންދާކަމަށް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މައުލޫމާތު ހާމަކުރުމަކީ ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަނާއި ޚިޔާނަތާއި މަކާރާއި ހީލަތުގެ އަމަލުތައް ހުއްޓުވުމަށްޓަކައި، ވަރަށް ބޭނުންތެރި ކަމެއްކަން ފާހަގަ ކުރެއްވިއެވެ. 

ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އެންމެ މުހިންމު އަސާސީ ހައްގަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުކަން ރައީސްގެ ޚިތާބުގައި ފާހަގަ ކުރެއްވިއެވެ. އެއީ ހަމައެކަނި ރައްޔިތުންގެ އަސާސީ ހައްގެއް ނޫންކަމަށާއި ނިޒާމީ ގޮތެއްގައި ދައުލަތެއް ހިނގަ ހިނގައި އޮތުމަށް ވެސް މައުލޫމާތު ހޯދުމާއި ލިބިދިނުމާއި މައުލޫމާތު އާއްމުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި އޮންނަންޖެހޭކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ހައްގު ކަށަވަރުވެގެން ދަނީ ޤާނޫނު އަސާސީގެ 27،28،29 ވަނަ މާއްދާ އެކުގައި މާނަކުރުމުން ކަމަށް ވިދާޅުވިއެވެ. 

"މި ތިން މާއްދާއިން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަން ކަމަކީ ދައުލަތުގެ އެންމެހާ އިދާރާތަކާއި ދައުލަތުގެ ވެރިންނާއި މުވައްޒަފުން ޒިންމާދާރު ކުރުވުމަށް ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ހައްގުތަކުން ގެތިފައިވާ ވަކި ނުކުރެވޭ ވަރަށް ލާމެހިފައިވާ ތިންބޮޅެވެ. ނަމަވެސް މިތިން މާއްދާއިން ބަޔާންކޮށްފައިވަނީ ރައްޔިތުންނަށް ލިބޭ މިނިވަންކަމާއި ހައްގުތަކުގެ ވާހަކަ އެކަންޏެއް ނޫނެވެ. އެއިން ކޮންމެ މާއްދާއެއްގެ ދެލިގަނޑުގައި ހައްގުތަކުގެ ވާހަކަ އޮތް އިރު އެއިން ކޮންމެ މާއްދާއެއްގެ ރޫހަކީ އެ ހައްގުތަކާ ގުޅިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމެވެ. ކޮންމެ މީހަކަށް ވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށް، 27 ވަނަ މާއްދާގައި ބުނެފައިވާއިރު، ޚިޔާލު ފާޅުކުރުމަށް ހުރަސް ނާޅައި، އެކަމަށް މަގު ފަހިކޮށްދިނުމަކީ، ދައުލަތުގެ އެންމެހައި މުވައްޒަފުންނާއި އިދާރާތަކުގެ ޒިންމާއެކެވެ.

ޚަބަރާއި މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި ޚިޔާލުތައް ޢާންމުކޮށް ޝާއިޢުކުރުމާއި ފެތުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށް، 28 ވަނަ މާއްދާގައި ބުނެފައިވާއިރު، އެ ޙައްޤު ކަށަވަރުވެގެންދާނީ، މިނިވަން ނޫސްވެރިކަމަށް މަގުފަހިކޮށްދީގެންނެވެ. މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް، 29 ވަނަ މާއްދާގައި ބުނެފައިވާއިރު، މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، ޢާންމުކޮށް ރައްޔިތުންނަށް އެނގެންޖެހޭ މަޢުލޫމާތުތައް ހާމަ ކުރުމަކީ، ކޮންމެ އިދާރާއަކުން އިސްކަންދޭ ކަމަކަށް ހަދަންޖެހެއެވެ."ރައީސް ޞާލިޙް ވިދާޅުވިއެވެ.

‏ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު، ޢާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ، އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ނޫންކަމަށާއި އެމަޢުލޫމާތުތައް ލިބިގަތުމަކީ ރައްޔިތުންގެ ޙައްޤެއްކަމަށްވެސް ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ. އަދި އެ ޙައްޤަށް ޙުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެކަމަށް ހަނދާންކޮށްދެއްވިއެވެ.  

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި، މިނިވަން މުއައްސަސާއެއް ޤާއިމުކުރުމުގެ މަޤްޞަދަކީ ވެސް، އެ ޙައްޤު ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުން ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެޙައްޤު ހޯދައިދިނުމަށް އެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ސިޔާސަތަކީ ވެސް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުންކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.