ފަޅިމޫނު - 2

(26 ސެޕްޓެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ހާދަހާ މޮޅޭ. ތިޔަ ދައްކަނީ ހަމަ ހަގީގަތުގައިވެސް ވަރަށް މޮޅު ވާހަކަތަކެއް. އަބުރުވެރި ގެއެއްގެ ތެރޭގައި ދުވަސްކޮޅަކު އުޅެލަނިކޮށް ކޮންމެ މީހަކުވެސް އެ މީހެއްގެ ދަރި ދެވައިފާނެ."

"އެހެންތަ؟" ވީ އުފަލެއްގެ ބޮޑު ކަމުން އޭނާ ކާރުގެ ބުރަކި ކުއްލިއަކަށް ޖައްސައިފިއެވެ. ވާހަކަވެސް އާދައިގެ ބަހުރުވައަށް ބަދަލު ވެއްޖެއެވެ. އަންހެން ކުއްޖާ ލަތްކަކާއެކު ގޮސް ޖެހުނީ ކުރީ ގޮނޑީގައެވެ. ކަރު ތެރެއިން ހަޅޭކެއްގެ އަޑު ނުކުތެވެ. އެކަމަކު ވަރަށް އަވަހަށް ހަމަޖެހިލައިފިއެވެ. "ތިޔައީ ކޮން ކަމެއް؟ ކުއްލިއަކަށް ބުރަކި ޖެއްސީ ކީއްވެގެން؟"

ބާދްޝާ ޖާނީ އެނބުރި ފަހަތަށް ބަލައިލިއެވެ. "ރަނގަޅު ވާހަކައެއް ދެއްކީމާ އުފަލުން ކުރެވުނު ކަމެއް. މާ ބޮޑަށް އުފާވީމާ ކާރު ކުރިއަށް ދާން ބޭނުން ނުވީ."

އަންހެންކުއްޖާ ކުޑަކޮށް ކަންބޮޑު ވެއްޖެއެވެ. "ތިޔައީ ކޮން ކަހަލަ މީހެއް ބާވައޭ އަހަރެންގެ ހިތަށް އެބައަރާ. ކާރު ތަނެއްގައި ނުޖައްސާނޭ ކަމެއް ނޭނގޭ. ހަމަހޭގައި ހުރެގެން ދުއްވާ."

އޭނާ އަނެއްކާވެސް ކާރު ދުއްވައިލިއެވެ. "އަނިޔާއެއް ވީތީ މާފުކުރޭ. އަހަރެން ހަމައިން ނައްޓައިލީ. އަހަރެން މިއީ ވިޔާނުދާ ގޮތެއް ފޮތެއް ނެތް މީހެއް..."

"އަމިއްލަ ނަފުސަށް ހުތުރު އެއްޗެހި ކިޔަނީ ކީއްވެގެން؟ އަނގަ ހިމޭނުންލައިގެން އިނދެ ކާރު ދުއްވާ. އަޖައިބެއް ކަހަލަ މީހެއް. އަންހެންކުއްޖާގެ ގެއެއް ނޭނގޭ. ކާވެނީގެ ވާހަކަ ދެކެވުނީއެއް ނޫން. އަހަރެންގެ ކަންތައްވެސް ވަކިން ކުޑައެއް ނޫނެއްނު؟ ތިޔަ ދަަމާ ހާސަރުގައި ބައިވެރިވެސް އެބަވަންވިއްޔަ."

"ތިޔަހެން ނުބުނޭ. އުފާވެރި ކަމެއް ދިމާވީމާ އުފާވެރި ވާހަކަ ދައްކަން ވާނެ. ދެންމެ ތިޔަ ބުނީ ރަނގަޅު ވާހަކައެއް. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އަންހެންކުއްޖާގެ ގެ ހުންނަ ތަނެއް ބެލުން. އެހެންނު؟"

އަންހެންކުއްޖާ ބޭރަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. "އާނ."

"ގެ ހުންނަނީ ކޮންތާކު؟"

އަންހެންކުއްޖާ ސިހިފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އަހަރެންގެ ގެ ހުންނަ ތަނެއް އޮޅުންފިލުވަނީ ކީއްކުރަން؟"

"ކަމެއް ކުރާކަށް ނޫން. ކޮލެޖުން ގެއަށް ގެންގޮސް ދޭނަމޭ ބުނީމެއްނު؟ އެހެންވީމާ އަހައިލީ."

"އެހެން ދޯ؟ އަހަރެންގެ ގެ ހުންނަނީ ނާޒިމްއާބާދުގައި. ޢައްބާސީ ހަސްފަތާލުގެ ކުރިމަތީގައި. ގޭގެ ނަންނަބަރަކީ ޖޭ ބައްތިރީސް."

"އެކަމަކު ދެންމެ މި ކާރަށް އެރީ ޖަހާންގީރް ރޯޑުންނެއްނު؟"

"އާނ. އަހަރެން ދިޔައީ ރައްޓެއްސެއްގެ ގެއަށް. އޭނާގެ އަތުން ނޯޓުތަކެއް އަތުލަން ވެގެން."

"ނޯޓު..؟ ނޫޓު ދޯ؟ އަހަރެންގެ އަތުގައިވެސް ބައިވަރު ނޫޫޓު އެބަހުރި. ފަހެއްގެ ނޫޓު. ދިހައެއްގެ ނޫޓު. ފަންސާހުގެ ނޫޓު. ޖީބުގައި އަބަދުވެސް ނޫޓު ހުންނާނެ."

އަންހެންކުއްޖާ ހީނގެންފިއެވެ.

ކޮލެޖުގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމަށް ފަހު ބާދްޝާ ބުންޏެވެ. "ބަރާބަރު ދޭއް ޖަހާއިރު އަހަރެން އަންނާނަން."

އަންހެންކުއްޖާ ކާރުގެ ދޮރު ހުޅުވައިލަމުން ބުންޏެވެ. "ނޫނޭ. އަހަރެންގެ އަތުން ކުލި އަތުނުލާ ކަމަށް ވަންޏާ އަންނާނެ ކަމެއް ނެތް."

"އެހެން ނުހަދާ. އަހަރެންގެ ހިތް ހަލާކު ނުކުރޭ. މިއަދު މި ހުންނަނީ ވަރަށް ބޮޑަށް އުފާ ވެފައޭ ބުނީމެއްނު؟ އަހަރެން އުފާ ކުރިޔަދީ. އަހަރެން އުފާވާ ކަހަލަ ކަމެއް ކުރީމާ ގެއްލުމެއް ވާނީތަ؟"

"އަހަންނަކަށް ގެއްލުމެއް ނުވާނެ. އެކަމަކު އެއީ ރަނގަޅު ގޮތެއް ނޫން. ދޭއް ޖެހީމާ ކޮލެޖުގެ ބަހުގައި އަހަރެން ގެއަށް ހިނގައިދާނަން. އަންނާނެ ކަމެއް ނެތް."

"މިއަދު ކާރުގައި ގެނައީ އިނގިރޭސިއެއް ނަމަ އަހަރެން ވާހަކަ ދެއްކީހީ އިނގިރޭސި ބަހުން. ހިޔަރ އައި ވެއިޓިންގ ޓޫ އޮކްލޮކް. އިނގިރޭސި ބަހުން ވާހަކަ ދައްކަން އަހަރެން ދަންނަން. އައި ޓޯކިންގ ގުޑްގުޑް އިނގްލިޝް. މި ބުނީ ރަނގަޅަކަށް ނޫންތަ؟"

އަންހެންކުއްޖާ އަނެއްކާވެސް ހީނގެންފިއެވެ. "އާނ. ކާރުދުއްވާ މީހަކަށް ވާތީ އެކަމަށް ފުދޭވަރަށް ވާހަކަ އެބަ ދައްކަމު. އެކަމަކު ތިޔައީ ކިޔަވައިގެން ތިބޭ މީހުން ވާހަކަ ދައްކާ ގޮތެއް ނޫން. ރަނގަޅަށް ވާހަކަ ދައްކަން އެނގޭނީ ދަސްކޮށްގެން. ކިޔަވައިގެން... އަހަރެން ދެން ދަނީ. މިއަދު ފައިސާކޮޅު ސަލާމަތްކޮށް ދިނީތީ ޝުކުރިއްޔާ."

އަންހެންކުއްޖާ ކޮލެޖަށް ވަދެގެން ހިނގައިގެންފިއެވެ. ހީވަނީ ބާދްޝާގެ ހިތުގައި ފައިތިލަ އަޅަމުން ހިނގާފައި ދިޔަހެންނެވެ. އޭނާ ބަލަހައްޓައިގެން އިނީއެވެ. އަނގައިންވެސް ނުބުނެ އާގަމަވެފައެވެ. ހިނދުކޮޅަކު އެހެން އިނުމަށް ފަހު ކާރު ދުއްވައިލިއެވެ. ދުއްވަމުން ދިޔައިރު ހިތަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔައެވެ. އެ ކުއްޖާ އަދިވެސް ކާރުގެ ފަހަތު ގޮނޑީގައި އެބައިނެވެ. އެނބުރި ބަލާކަށް ނުވާނެއެވެ. ބަލާލައިފިއްޔާ އެ ކުއްޖާ ގެއްލިދާނެއެވެ. ޣާއިބު ވެދާނެއެވެ.

އޭނާގެ ހިތަށް އެރިއެވެ. ދާ ގޮތަށް ދާނީ އިންޖިނޭރުބޭބެ ގާތަށެވެ. ދާ މަގުމަތީގައި އެއްވެސް މީހަކު ކާރަކަށް ނާރުވާނަމެވެ. ފަހަތު ގޮނޑިއަށް މީހަކު އަރުވާނީވެސް ކިހިނެއް ހެއްޔެވެ؟ ފަހަތުގައި މިހާރުވެސް އޭނާގެ ކަކުނިދިޔޯ އެބައިނެވެ. (ކަކުނިދިޔޯއަކީ އާދަޔާ ޚިލާފަށް ރީތި އަންހެނުންނަށް ހުވަދުއަތޮޅުގައި ކިޔާ ނަމެކެވެ.) އެ ޚިޔާލު ހިތުން ފޮހެވިގެން ދާ ކަހަލަ އެއްވެސް ކަމެއް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ދިޔަ މަގުމަތީގައި އެތައް ބަޔަކު އަތް އުފުލިއެވެ. އެކަމަކު އޭނާ މަޑެއް ނުކުރެއެވެ. ކުރިއަށް ބަލަހައްޓައިގެން އިން ކަމުގައި ވިޔަސް އޭނާގެ ޚިޔާލީ ލޮލަށް ފެންނަނީ ފަހަތު ގޮނޑީގައި އިން އަންހެންކުއްޖާއެވެ. އޭނާ ހިނިތުންވެލިއެވެ. "އަހަރެން ދޭއް ޖަހާއިރު އަންނާނަމެވެ. އަހަރެން މިއީ ކޮން ކަހަލަ މީހެއް ކަމަށް ދެކެން ހެއްޔެވެ؟ އެ ވާހަކަ ނިކަން ބުނެބަލާށެވެ. އަހަރެން މިއީ ރަނގަޅު މީހެއް ކަމުގައި ފެނޭ ހެއްޔެވެ؟ ލަދު ގަންނާނޭ ކަމެއް ނެތެވެ. އެއީ ލަދުގަންނަ ވަރުގެ ކަމެއް ނޫނެވެ. މިއީ ދެމީހުންގެ މުޅި ދިރިއުޅުމާ ގުޅިފައިވާ މުހިއްމު ސުވާލެކެވެ. އެހެންވީމާ ލަދު ނުގަންނާށެވެ. ސާފުކޮށް ސީދާ ތެދު ބަހުން ބުނާށެވެ. އަހަރެން މިއީ ކަމުނުދާ މީހެއް ކަމުގައި ދެކޭ ކަމަށް ވާނަމަ ބުނަން ހެއްޔެވެ؟ އަހަރެން ކަމުދާ މީހަކަށް ވެފައި ދައްކާނަމެވެ. ތުބުނޅި މިހިރީ ކުޑަކޮށް ދިގުވެފައެވެ. ދޭއް ޖަހަންވާއިރަށް ތުބުނޅި ބާލައި ހިއްތަލައެއްހެން ދަތްދޮޅި އޮމާން ކޮށްލާނަމެވެ. އަހަރެން އަންނާނީ ހައިރާން ވާހައި ރީތިކޮށް ތައްޔާރު ވެގެންނެވެ."

ޓްރެފިކު ބައްތި ރަތްވީމާ އޭނާ ކާރު މަޑުކޮށްފިއެވެ. އެ ވަގުތު މީހަކު ދުވެފައި އައިސް މާނޭވާ ލަމުން ބުނެލިއެވެ. "ކޮއްކޯ. ބޭބޭ އަތް ނަގައިގެން ހުންނަތާ ކިތަންމެ އިރެއް. މަޑުވެސް ނުކުރީމެއްނު؟ އަހަރެން މަރުކަޒަށް ދާން ބޭނުން. ހިނގާ އަވަހަށް."

ބާދްޝާ ބުންޏެވެ. "އެއްވެސް ތަނަކަށް ދާކަށް އަހަރެން ބޭނުމެއް ނޫން."

"މީޓަރަށް އަރާ ވަރަށްވުރެ އިތުރަށް އަހަރެން ފައިސާ ދޭނަން."

"ނުދާނަމޭ ބުނެފީމެއްނު؟ އަހަރެންގެ މޫޑު ޚަރާބުކުރަން ނޫޅޭ."

"ކުލީކާރު ދުއްވާ މީހުންނަކީ ވަރަށް ވިޔާނުދާ ބައެއް. ހުހަށް އޮވެގެން ތިޔަ ދަނީ. އެކަމަކު މީހަކު އަރުވާކަށް ބޭނުމެއް ނުވޭ."

ބާދްޝާ ކުޑަކޮށް ނުރުހުން ވެފައި ބުންޏެވެ. "ޚަބަރުދާރު. ހުސް ކާރެކޭ ނުބުނާތި. ކަލޭގެ ދެ ލޯ އަނދިރީތަ؟ ފަހަތުގައި މީހަކު އިން ތަނެއް ކަލެއަކަށް ނުފެނޭތަ؟"

"އޭނ..." އެމީހާ ދެލޯ ބޮޑުކޮށްގެން ފަހަތު ގޮނޑިއަށް ބަލާން ފަށައިފިއެވެ. އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށް ފަހު ބުންޏެވެ. "ކޮން ސަމާސައެއް. ފަހަތަކު މީހަކު ނެތް. ކާރު ތިޔަ އޮތީ ހުސްކޮށް."

ބާދްޝާ އެމީހާގެ ނިތްކުރީގައި އިނގިލިކުރި ޖައްސައިލިއެވެ. "ހުސްކޮށް އޮތީ ކަލޭގެ ބޯ. ކަލެއަކީ ކަނު މީހެއް. ފަހަތަށް ރަނގަޅަށް ބަލައިލަބަލަ. އެ އިނީ އަހަރެންގެ އަންހެނުން."

އެ ވަގުތު ފެހި ބައްތި ދިއްލިއްޖެއެވެ. އޭނާ ކާރު ދުއްވައިލިއެވެ. ތަންކޮޅަކަށް ދުއްވުމަށް ފަހު އޭނާ ބާރަށް ހީނގަތެވެ. "އަޑުއެހިންތަ؟ އެކަލޭގެއަކަށް ނުފެނޭ. ލޯތްބަކީ އެއްވެސް މީހަކަށް ފެންނަ އެއްޗެއް ނޫން. ލޯބި އޮންނަނީ އެތެރޭގައި ފޮރުވިފައި."

ތަންކޮޅަކަށް ދެވުނުތަނާ ފެނުނީ ޓްރެފިކު ފުލުހުކެވެ. އޭނާ ހުރީ މޮޓަރު ސައިކަލެއްގެ ކައިރީގައި ހުއްޓިގެންނެވެ. އަތް ނަގައިފައި ކާރު މަޑުކުރަން އަންގައިފިއެވެ.

ބާދްޝާ މަގުގެ އެއް ފަރާތަށް ކާރު މަޑުކޮށްފިއެވެ. އަދި އޭނާގެ ލައިސަނާއި ކާރާ ބެހޭ އެހެން ލިޔުންތައް ނަގައިފައި ދައްކާން އުޅެގެންފިއެވެ. ފުލުސްމީހާ ފަހަތު ދޮރު ހުޅުވައިފައި ކާރަށް އަރައިފިއެވެ. "ތިޔަ ދައްކާނޭ ކަމެއް ނެތް. އަހަރެންގެ ސައިކަލު އެހެރީ ހަލާކުވެފައި. އަހަރެން ގޮވައިގެން ނާޒިމްއާބާދަށް ހިނގާ."

ފުލުސްމީހާ ގާތު ނާރާށޭ ބުނާނޭ ވަގުތެއް އޭނާއަކަށް ނުލިބުނެވެ. މިހާރު އެ އިނީ އަރައި ވެޑުވިގެންނެވެ. ދެން ކުރާނީ ކީއް ހެއްޔެވެ؟ ފުލުހަކަު ކުރަން އުޅޭ ކަމެއް ނުކުރާށޭ ބުނެވޭނީވެސް ކާކަށް ހެއްޔެވެ؟ ކޯރަށް އެރި ކިނބުލާ ދެކޮޅުވެރި ވާނީ މޮޔައެކެވެ. ފުލުހުންނަކީ ރަސްކަލުންނެވެ. ކުލީކާރު ދުއްވާ މީހުންނަކީ ކުކުޅު ހާލަށްވުރެވެސް ނިކަމެތި ބައެކެވެ.

ކުރާނޭ ކަމެއް ނެތުމާވެސް އެކު އޭނާ ކާރު ދުއްވައިލިއެވެ. އޭނާގެ ހިތަށް އުދާސްކަން ވެރިވެއްޖެއެވެ. އޭނާގެ ޚިޔާލީ ގަނޑުވަރު ވެއްޓި ބިމާ ހަމަވެއްޖެއެވެ. އެ ތަސްވީރު ގެއްލިއްޖެއެވެ. އޭނާ ފަހަތް ބަލާ ލޯގަނޑުން ފަހަތަށް ބަލައިލިއެވެ. މިހާރު ފަހަތުގައި ބޮކެއްހެން ފުފިފައި އެހެރީ އޭނާގެ ލޯބިވާއެއް ނޫނެވެ. ފެންނަނީ މަތިމަސް ކޮޅަށް ޖެހޭތޯ މަސައްކަތް ކުރަމުންދާ ކަޅު ފިރިހެނެކެވެ.

ފުލުސްމީހާ ހަރުކަށި ރާގަކަށް ބުންޏެވެ. "އޭތް. މީޓަރު ޖައްސާ."

އޭނާ މީޓަރު ޖައްސައިލިއެވެ. '"ސާހިބާ. މީޓަރު ޖައްސާށޭ ވިދާޅުވި ފުރަތަމަ ފުލުހަކީ ތިޔައީ. އެހެން ފުލުހުން ހިމާރަކަށް ސަވާރުވާހެން މިޔަށް ސަވާރުވެ ތިބޭނީ. އަޅުގަނޑުމެންގެ ދުވާލު ހަތަރުދަމުގެ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށް ވާވަރަށް ޕެޓިރޯލު އަންދާފައި ފައިބައިގެން ދާނީ އެންމެ ލޯލާރިއެއްވެސް ނުދީ. މަނިކުފާނު ވަރަށް ހެޔޮފުޅު."

ނާޒިމް އާބާދުގައި ފުލުސްމީހާ ބުނި ތަނަށް އާދެވިއްޖެއެވެ. ކާރު މަޑު ކުރުމާއެކު އޭނާ ފައިބައިފިއެވެ. އަދި ދޮރު ލައްޕައިލާފައި ބާދްޝާއާ ދިމާއަށް ބުންޏެވެ. "އަހަރެން ބޭނުންވީ ކަލޭގެ މީޓަރު ރަނގަޅަށް ހިނގާތޯ ބަލައިލާން. ކަލެއަކީ ތެދުވެރިއެއް. ދެން ދޭ."

ފުލުސްމީހާ ކުރިއަށް ހިނގައިގެންފިއެވެ. ބާދްޝާ ދަތްކުނޑި ވިކައިލިއެވެ. ފައިބައިގެން ގޮސް ކަންކަށިމަތީގައި އެތިފަހަރެއް ޖަހައިފާނަމޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. އެކަމަކު އެއީ ކުރެވޭނޭ ކަމެއް ނޫނެވެ. އެހެންވީމާ ހިންދިރުވައިލީއެވެ. "ދަރިޔާ... ނިކަން ބަލަން ހުރޭ. ކަލޭގެ ބަފާ އަތުން ދެގުނަ ކުލި އަތުލާނަން. އެހެން މީހަކު ކާރަށް އަރަންދެން ހުރޭ. ކުޅި ދައްކައިލާނަން. ބަދުނާމު ވަނީ އަހަރެމެން ކާރު ދުއްވާ މީހުން. އާއްމުން ދެކޭ ގޮތުގައި އަހަރެމެންނަކީ ވިޔާނުދާ ބައެއް. މީޓަރެއް ނުޖައްސާނެ. ބޮޑު ކުލި ނަގާނެ. އެކަމަކު ފުލުހުން ކަންތައް ކުރާ ގޮތް އެހެރީ. އެމީހުން ދިރުވައިލާ ފައިސާ އަހަރެމެން ހޯދާނީ ކޮން ތަނަކުން؟ މިއީ މީސްމީހުންނަށް ވިސްނޭ ކަންކަމެއް ނޫން."

އެ ވަގުތު އިވުނީ މުސްކުޅި އަންހެނެއްގެ އަޑެވެ. "ދަރިފުޅާ. ވަރަށް ހޫނު ގަދަ. ދައްތަގެ ދަރިން އެތިބީ ވަރަށް ކަންބޮޑުވެފައި. އަހަރެމެން ގޮވައިގެން ނާގިން ޗޯރަންގީއަށް ހިނގާ. ކާރެއް ނުލިބިގެން އުޅޭތާ ގަޑިއެހައި އިރު ވެއްޖެ."

ބާދްޝާ ޖާނީ އެ ދައިތަ އެބުނާ ކުދިންނާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "ދައްތާ. ބުނި ތަނަކަށް ގެންގޮސް ދީފާނަން. އެކަމަކު މީޓަރެއް ނުޖައްސާނަން. ނާގިން ޗޯރަންގީއަށް ދެވޭނީ ފަނަރަ ރުފިޔާ ދިނީމާ."

"ކޮއިފުޅާ. ތިޔަހެން ނުހަދާ. މީޓަރު ޖައްސައިގެން ހިނގާ."

"މީޓަރު ހުރީ ހަލާކު ވެފައި. ފަނަރަ ރުފިޔާއަށް އެއްބަސް ވަންޏާ އަރާ."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.