މިއަހަރު ތެރޭގައި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް 12 ބިލިއަން ރުފިޔާއިން ދަށް ވެއްޖެ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޤައުމީ އުފެއްދުންތެރިކަން މިއަހަރު ތެރޭގައި 12 ބިލިއަން ރުފިޔާ އިން ދަށަށް ގޮސްފައިވާކަމަށް މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާންމު ފަރުދެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވީ މިހާރު ރާއްޖޭގެ ދަރަނި ހުރީ އެއް ވަރެއްގައި ހިފެހެއްޓިފައިކަމަށެވެ. ދަރަނި ގުޅިފައިވަނީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތާކަން މާލީ ވަޒިރު ފާހަގަ ކުރެއްވިއެވެ. މިދިޔަ އަހަރު ޤައުމީ އުފެއްދުން ތެރިކަން ހުރީ 80 ބިލިއަން ރުފިޔާގައި ކަމަށް ވިއަސް މިހާރު އެ ނިސްބަތް ހުރީ 68 ބިލިއަން ރުފިޔާގައިކަން ފާހަގަ ކުރެއްވިއެވެ.

"ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު މިހުރީ ނިއުމަރޭޓަރ އެއްވަރެއްގައި އެހެންނަމަވެސް ޑިނޯމިނޭޓަރ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ ނިސްބަތުން ދަރަނި އިތުރުވަމުންދާކަމަށް ފާހަގަ ކުރެއްވެނީ." ވަޒީރު އޮޅުން ފިލުވައި ދެއްވިއެވެ.

ރާއްޖޭގައި މިހާތަނަށް ފިސްކަލް ރިޒާވެއް ނެތްކަމަށާއި އޮތީ ޑޮލަރުގެ އެކްސްޗޭންޖް ހިފެހެއްޓުމަށްޓަކައި އޮތް ޑޮލަރުގެ ރިޒާވެއްކަމަށް މާލީ ވަޒިރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ދިމާވާ އިޤްތިޞާދީ ދަތި ޙާލަތުން އަރައިގަތުމަށް ލޯނު ނުނަގައި މެނޭޖް ކުރެވޭނެ ގޮތެއް ނެތްކަން ވެސް ފާހަގަ ކުރެއްވިއެވެ. އުފެއްދުންތެރިކަން ކުރިއެރުވެންވެސް އަންނަނީ ލޯނު ނަގައިގެންކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

"މިހާތަނަށް އައިރު ރާއްޖޭގައި ފިސްކަލް ރިޒާވެއް ނެތް. މިއީ މީހުންނަށް ވަރަށް ބޮޑަށް އޮޅިފައި އޮތް ކަމެއް. އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް އެމްއެމްއޭގައި ބަހައްޓާފައިވާ ޑޮލަރ ރިޒާވެއް އޮތީ" މާލީ ވަޒީރު އޮޅުން ފިލުވައި ދެއްވިއެވެ.  

މާލީ ވަޒީރު ފާހަގަ ކުރެއްވި ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ހުރީ 5.7 އިންސައްތައިގައެވެ. ކޯވިޑްގެ ކުރިން އުއްމީދު ކުރީ މިއަހަރު އިޤްތުޞާދީ ކުރިއެރުން 7.5 ޕަސަންޓް އިތުރުވާނެ ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިހާރު އަންދާޒާކުރެވޭ ގޮތުން ގައުމުގެ އިޤްތިޞާދީ ކުރިއެރުން މިއަހަރު ތެރޭގައި 17 އިންސައްތައަށް ދަށަށް ދާނެކަމަށް ވިދާޅުވިއެވެ. 

ރާއްޖޭގެ އުފެއްދުން ތެރިކަން 2021 ވަނަ އަހަރު 15 އިންސައްތަ އާއި 17 އިންސައްތައާ ދެމެދުގެ ކުރިއެރުމެއް ލިބޭނެ ކަމަށް މާލީ ވަޒީރު އުއްމީދު ކުރައްވައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭގައި ރާއްޖޭގެ އިޤްތިޞާދު އޮތް ޙާލަތަށް އިޤްތިޞާދު އިއާދަ ކުރެވޭނެކަމަށް ލަފާ ކުރެއްވެނީ 2022 ވަނަ އަހަރުގައި ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރިކަމަށާއި އިޤްތިޞާދު ކުރިން އޮތް ހާލަތަށް ރުޖޫއަވުމަށް އެއަދަދަށް ފަތުރުވެރިން ރާއްޖެއަށް ގެނެވެންޖެހޭނެކަން ފާހަގަ ކުރެއްވިއެވެ. އެހާލަތަށް ރުޖޫއަ ވެވޭނެކަމަށް މިހާރުގެ އަންދާޒާތަކުން ބެލެވެނީ 2022 ގައި ކަމަށް މާލީ ވަޒީރު ފާހަގަ ކުރެއްވިއެވެ.

ކުރިއަށް ރޭވިފައިވާ މުހިންމު މަސައްކަތްތަކުގެ ސަބަބުބް އިޤްތިޞާދަށް ހެޔޮ އަސަރުތަކެއް ކުރާނެކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ. އޭގެތެރޭގައި ގުޅިފަޅާ މާލެއާ ދެތޭރޭގައި އަޅާ ބްރިޖްގެ މަސައްކަތާއި ޕޯޓް އެޅުމުގެ މަސައްކަތް ހަނިމާދޫއާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތާއި 34 ރަށެއް ބަނދަރު މަސައްކަތް މާލީ ވަޒީރު ފާހަގަ ކުރެއްވިއެވެ.

ކޮންމެވެސް ވަރެއްގެ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވަނީ ވެސް އިޤްތިޞާދަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީކަން ފާހަގަ ކުރެއްވިއެވެ. ރާއްޖެއަށް ޓޫރިޒަމް ތައާރަފްވިފަހުން ފަތުރުވެރިކަން އެއްކޮށް ހުއްޓުމަކަށް އައިސް ރާއްޖެއަށް ޑޮލަރު ވަނުން އެއްކޮށް ހުއްޓިގެން ދިޔައީ ކޮވިޑްގެ ހާލަތު ތެރޭގައި ކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ލޯނު ނަގައިގެންވެސް ދައުލަތް ހުއްޓުމަކަށް އަޔަނުދީ ބާރަށް ހިންގަމުން ގެންދެވެނު ކަން ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.