"ވަރަށް ދެރަވެއްޖެ": ދެކުނު ކޮރެޔާގެ ކިބައިން ކިމް ޖޮންގ އުން މާފަށް އެދިވަޑައިގެންފި

ދެކުނު ކޮރެޔާގެ ރައީސު މޫން ޖައެ-އިން (ކ) އަދި އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ-އުން (ވ)

އުތުރު ކޮރެޔާގެ ސިފައިން ކަނޑުމަތިން ހިފެހެއްޓި ދެކުނު ކޮރެޔާ މީހަކު މަރާލައި އޭނާގެ ހަށިގަނޑަށް ތެޔޮއަޅައި އަންދާލި މައްސަލައިގައި އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ އުން ދެކުނު ކޮރެޔާގެ ކިބައިން މާފަށް އެދިވަޑައިގެންފިއެވެ. މިގޮތަށް ދެކުނު ކޮރެޔާގެ ކިބައިން ޒައީމު ކިމްގެ ފަރާތްޕުޅުން ފެނުން ނާދިރު ކަމެކެެވެ.

"ވެދާނެކަމަށް އުއްމީދުކޮށްގެން ނެތް" "ނަސީބުދެރަ" ގޮތަކަށް ހިނގި ހާދިސާއާ މެދު "ވަރަށް ދެރަވެއްޖެ" ކަމަށް ޒައީމު ކިމް ވިދާޅުވެފައިވާ ކަަމަށް ދެކުނު ކޮރެޔާގެ ރައީސަށް އުތުރު ކޮރެޔާގައި ވެރިކަންކުރާ ވާކާސް ޕާޓީގެ ދެކުނު ކޮރެޔާއާ ބެހޭ ޑިޕާޓްމަންޓުން ފޮނުވި ސިޓިއެެއްގައި ވެއެވެ. މިސިޓީ އާއްމުކޮށް އިއްވެވީ ދެކުނު ކޮރެޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ސުހް ހޫން އެވެ.

އޮތުރު ކޮރެޔާއިން ދެކޮނު ކޮރެޔާގެ ކިބައިން މާފަށް އެދުމަކީ އާދައިގެ ކަމެއް ނޫނެވެ. އަދި ވަކީން ޚާއްސަކޮށް މި ފަދައިން މާފަށް އެދުން ސީދާ ޒައީމު ކިމް ޖޮންގ އުންއަށް ނިސްބަތްކުރުމަކީ ވަރަށް ނުވާ ކަމެކެވެ. މިކަމުން ދޭހަވަނީ ދެކުނު ކޮރެޔާއާ ގުޅުން ރަނގަޅުކުރުމަށް އުތުރު ކޮރެޔާއިން މި ތަންވަޅު އެދޭ މިންވަރު ކަމަށް ގިނަ ބަަޔަކު ދެކެއެވެ.

އިއްޔެ ދެކުނު ކޮރެޔާއިން ހާމަކޮށްފަައިވާ ގޮތުގައި ފާއިތުވި ހަފުތާގައި ގެއްލިގެން ހޯދަމުން ދިޔަ ދެކުނު ކޮރެޔާގެ މަސްވެރިކަމާ ބެހޭ އޮފިޝަލު އުތުރު ކޮރެޔާގެ ގަނޑުގެ ސިފައިން ޕެޓްރޯލް އުޅަނދަކަށް ނަަގައި. "ވަރަށް މަތީ ފަރާތެއްގެ" އެންގެވުމުގެ މަތިން އެނާގެ ގަޔަށް ބަޑިޖަހައި މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ވަނީ  ތެެޔޮއަޅައި އަންދާލާފައެވެ.

"ނުރައްކާތެރިކަން ބޮޑު ކޮރޯނާވައިރަސް" އާ ކުރިމަތިލުމުގައި ރައީސު މޫންއާއި ދެކުނު ކޮރެޔާގެ ރައްޔިތުންނަށް އެހީތެރިވެވަޑައިގަތުމުގެ ބަދަލުގައި މާޔޫސްކުރެއްވުނީތީ ކިމް ދެރަފުޅުވާކަމަށް ވެސް ސުހް ހާމަކުރެއްވި ސިޓީގައި ވެއެވެ.

ދެކުނު ކޮރެޔާއިން ބުނެފައިވާ ގޮތުގައި މަރާލެވުނު އޮފިޝަލު މަސައްކަތްކޮށްފައި ވަނީ ފިލައިގެން އުތުރު ކޮރެޔާާއަށް ދިއުމަށް ކަން ދޭހަވާ ހެކިތައް ފެނިފައި ވެއެވެ. އަދި އުތުރު ކޮރެޔާ ސިފައިން އޭނާ މަރާލީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ދެކުނުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، ބޮޑަށް ބެލެވެނީ ކޮވިޑް- 19 އިން ސަލާމަތްވުމަށް އުތުރު ކޮރެޔާއިން ކުރާ މަސައްކަތުގެ ދަށުން އަޭނާ މަރާލެވުނީ ކަމުގައެވެ. މިކަމަށް ހެކިދެނީ އުތުރު ކޮރެޔާގެ ސިފައިން ގޭސް މާސްކު އަޅައިގެން ތިބެ އޭނާގެ ހަށިގަނޑު އަންދާލުން ކަމަށްވެސް ދެކުނުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

މިއީ ދެ ކޮރެޔާގެ ގުޅުން ވަރަށް ބޮޑަށް ފިނިވެފައިވާ ދުވަސްވަަރަަކަށް ވާއިރު، ނިއުކުލިޔާ ހަތިޔާރު ކޮންޓުރޯލުކުރުމާ ގުޅޭ ގޮތުން އުތުރު ކޮރެޔާއާއި އެމެރިކާއާ ދެމެދު ކުރެވެމުން އައި މަޝްވަރާތައްވެސް މިވަގުތު ވަނީ މެދުކެނޑިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.