އދ.ގެ އާއްމު މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ވާޗުއަލްކޮށް ބާއްވާތީ ގިނަ ގައުމުތަކެއްގެ ވެރިން ތަގުރީރުުުކުރައްވާނެ

ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒަށް ކޮންމެ އަހަރަކު އެއް ފަހަރު އެ ޖަމްއިއްޔާގެ އާއްމު މަޖިލީހުގެ (ޖެނެރަލް އެސެބްމްލީގެ) ޖަލްސާތަކުގައި ބައިވެރިވުމަށް ގިނަ ގައުމުތަކުގެ ވަޒީރުން ވަޑައިގަންނަވައެވެ. އެހެންނަމަވެސް، އެ މަރުކަޒަށް ވަޑައިގެން ތަގުރީރުކުރައްވަނީ ނިސްބަތުން މަދު ގައުމެެއްގެ ވެރިންނެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 ގެ ސަބަބުން، މާދަމާ ފެށޭ އދ.ގެ އާއްމު މަޖިލީހުގެ މިއަަހަރުގެ ޖަަލްސާތައް ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ވާޗުއަލްކޮށެވެ. މިއީ އެ ޖަމްއިއްޔާގެ 75 އަހަރުުގެ ތާރީޚުގައި މި ފަދައިން ޖަލްސާ ބާއްވާ ފުރަތަމަ ފަހަރެވެ.

މި މަހުގެ 22 އިން 29 އަށް އޮންނަ އާއްމު މަޖިލީހުގެ ޖަލްސާތަކުގައި ރިކޯޑު އަދަދެއްގެ ގައުމުތަކުގެ އިސްވެރިން ތަގުރީރުކުރައްވާނެއެވެ. އެގޮތުން 119 ގައުމެއްގެ ދައުލަތުގެ އެންމެ އިސްވެރިން (ރައީސުން އަދި ރަސްރަސްކަލުން) އަދި 54 ގައުމެއްގެ ސަރުކާރުތަކުގެ އިސްވެރިން (ބޮޑުވަޒީރުން) ރެކޯޑްކޮށްފައިވާ ވީޑިއޯއިން ޖަލްސާތަކުގައި ވާހަކަފުޅުދައްކަވާނެއެވެ.

މީގެ ކުރިން މެންބަރު ގައުމުތަކުގެ ވަފުދުތައް އދ. ގެ މައި މަރުކަޒަށް ހާޒިރުވެ ބާއްވާ ޖަލްސާތަކުގައި އާއްމު ގޮތެއްގައި ތަގުރީރުުކުރައްވާނީ 70 ވަރަކަށް ގައުމުގެ އިސްވެރިންނެވެ.

"ވާޗުއަލްކޮށް ބައިވެރިވުމުގެ ސަބަބުން މަތީ ފެންވަރުގެ (ބަހުސުތައް ހިނގާ) މި ހަފުތާގައި ރެކޯޑް އަދަދެއްގެ ގައުމުތަކުގެ ދައުލަތުގެ އެންމެ އިސްވެރިންނާއި، ސަރުކާރުގެ ވެރިން ތަގުރީ ކުރައްވާނެ. އެހެންނަމަވެސް، އޮންލައިންކޮށް ޖަލްސާތައް ބޭއްވުމަކީ އާ ގޮންޖެހުމަކަށް ވާނެ." އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓެރޭޝް ވިދާޅުވިއެވެ.

މި މަހުގެ 22 ވަނަ ދުވަހު އާއްމު މަޖިލީހުގަައި ބަހުސުތައް ފެށުުުމުގެ ކުރިން، 21 ސެޕްޓެންބަރުގައި (މިއަދު) ޚާއްސަ ޖަލްސާއެއް އޮންނާނެއެވެ. އެއީ އެ ޖަމްއިއްޔާއަށް 75 އަހަރު ފުރުން ފާހަގަކުރުމަށެވެ. މި ޖަލްސާގައިވެސް ބައެއް ގައުމުތަަކުގެ އެންމެ އިސްވެރިން ވާހަކަފުޅު ދައްކަވާނެއެވެ.

އދ. ގެ 193 މެންބަރު ގައުމުން ބައިވެރިވާ މިއަހަރުގެ އާއްމު މަޖިލީހުގެ ޖަލްސާގައި އެންމެ ފުރަަތަމަ ވާހަކަފުޅު ދައްކަވާނީ ބްރެޒިލްގެ ރައީސު ޖައިރް ބޮލްސޮނާރޯއެވެ. ދެވަނައަށް ވާހަަކަފުޅުދައްކަވާނެ ކަމަށް ބެެލެވެނީ އެެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕެވެ. މީގެ އިތުރަށް ފުރަތަމަ ދުވަހު ވާހަކަފުޅުދައްކަވަން ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން، ޗައިނާގެ ރައީސު ޝީ ޖިންޕިންގ، ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިން، އީރާނުގެ ރައީސު ޙަސަން ރޫޙާނީ އަދި ފްރާންސުގެ ރައީސު އިމާނުއެލް މެކްރޯން ހިމެނިވަަޑައިގަންނަވައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.