އޮފީސްތަކާއި އާއްމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި އުޞޫލުތަކަށް ތަބާ ވޭތޯ ބަލަނީ

އޮފީސްތަކާއި އާއްމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި އުޞޫލުތަކަށް ތަބަވޭތޯ ބަލުމަށް މިއަދު ފެށިގެން އިންސްޕެކްޝަނެއް ކުރިއަށް ގެންދަވާނެކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ މިއަދު ފަށްޓަވާ އިންސްޕެކަޝަންގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތައް ރެންޑަމްކޮށް ބައްލަވަމުންދާނެކަމަށެވެ. އަދި އާއްމު ދަތުރު ފަތުރުގެ ޚިދުމަތްދޭ ފަރާތްތައް ވެސް ޚިދުމަތް ދެމުން ދަނީ އުޞޫލާއެއްގޮތަށްތޯ ވެސް ރެންޑަމްކޮށް ބައްލަވަމުން ދާނެކަމަށެވެ. މިތަންތަނާއެކު އާއްމު ޚިދުމަތްދޭ ތަންތަންވެސް ރެންޑަމްކޮށް ބައްލަވމުންދާނެކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންދަނީ އެޗްޕީއޭ އާއި ސަރުކާރުގެ ކަމާބެހޭ އިދާރާ ގުޅިގެންނެވެ.

ޑރ ނަޒްލާ ވިދާޅުވީ އިންސްޕެކްޝަންގައި އުޞޫލުތަކާ ޚިލާފުވާ ފުރަތަމަ ފަހަރު 48 ގަޑީއިރަށް ތަންބަންދު ކުރެވޭނެ ކަމަށެވެ. ދެވަނަ ފަހަރަށް 1000 ރުފިޔާއިން ޖުރިމަނާ ކޮށް ތަންބަންދުކުރެވޭނެކަމަށެވެ. ތަން ހުޅުވޭނީ 72 ގަޑީއިރަށް ފަހުކަމަށެވެ. ތިން ވަނަ ފަހަރަށް 1000 ރުފިޔާއިން ޖުރިމަނާކޮށް ފަސް ދުވަހަށް ތަން ބަންދު ކުރެވޭނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މި އިންސްޕެކްޝަންގެ މަޤްޞަދަކީ އެކި ކަހަލަ މާހައުލުތަކުގައި، ކޮވިޑުން ރައްކާތެރި ވުމުގެ ގައިޑްލައިންތަކުގައި ހުރި ކަންކަން ތަންފީޒުކުރެވޭ މިންވަރު ދެނެގަތުން ކަމަށެވެ. އިންޕެކްޝަން ޓީމްތައް ދާއިރު ޤައިދާ އެއްގޮތަށް ހުރިހާތަންތަން ވެސް ހުންނާނެކަމަށް އުއްމީދުކުރައްވާ ކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ. ކުރިންވެސް ތިން ބުރަކަށް އާއްމު ޚިދުމަތްދޭ ތަންތަން ވަނީ އިންސްޕެކްޓް ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.