ސައޫދީ އަރަބިއްޔާއަށް ހަތިޔާރުވިއްކުން މަނާކުރުމަށް ޔޫރަޕިއަން ޕާލަމެންޓުން ގޮވާލައިފި

ސައޫދީ ނޫސްވެރިޔާ ޖަމާލް ޚާޝުޤްޖީ މަރާލި މައްސަލައާ ގުޅިގެން ސައޫދީ އަރަބިއްޔާއަށް ހަތިޔާރު ވިއްކުން މަނާކުރުމަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގާނޫނުހަދާ މަޖިލިސް، ޔޫރަޕިއަން ޕާލަމެންޓުން އެ ޖަމާއަތުގެ މެންބަރު ގައުމުތަކަށް ގޮވާލައިފިއެެެވެ.

އިއްޔެ ޔޫރަޕިއަން ޕާލަމެންޓަށް ހުށަހަޅައި ފާސްކުރި އީޔޫ އެކްސްޕޯޓް ރިޕޯޓުގައި މެންބަރު ގައުމުތަކުގެ ކިބައިން އެދިފައި ވަނީ "ޖަރުމަނާއި، ފިންލޭންޑާއި، ޑެންމާކު ނަމޫނާއަކަށް ބަލައިގެން" އެ ގޮތަަށް ކުރިއަށް ދިއުމަށެވެ. ޚާޝުޤްޖީ މަރާލި މައްސަލައަށް ފަހު އެ ތިން ގައުމުން ވަނީ ސައޫދީ އަަރަބައްޔާއަށް ހަތިޔާރު ވިއްކުން ވަރަަށް ބޮޑަށް ކޮންޓުރޯލުކޮށްފައެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ސައޫދީ އަރަބިއްޔާއާއި، ޔުނައިޓެޑް އަރަބް އެމެރޭޓްސް (ޔޫއޭއީ) އާއި ޔަމަނުގައި ހަނގުރާމަކުރާ ކޯލިޝަނުގައި ހިމެނޭ އެހެން ގަައުމުތަކަށް ވިއްކާ ހަތިޔާރު ބޭނުންކުރަނީ "22 މިލިއަން މީހުން ހާލުަގައި ޖެހި، އިންސާާނީ އެހީއާއި ރައްކާތެރިކަމަށް ބޭނުން ޖެހިފައި ތިބި" ޔަމަނުގައެވެ.

ޔަމަނުގައި ހަނގުރާމަ އިތުރަށް ފުޅާވިޔަ ނުދިނުމަށް އީޔޫގެ އެހެން މެންބަރު ގަުމުތަކުންވެސް، އެ ތިން ގައުމު ފަދައިން ސައޫދީންނަށް ހަތިޔާރު ވިއްކުން ކޮންޓުރޯލުކުރުމަށް ރިޕޯޓުގައި އެެދިފައި ވެއެވެ.

އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓުގައި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރީކޮޅު ޖަމާލް ޚާޝުޤްޖީ މަރާލި ހާދިސާއަށް ފަހު ސައޫދީން އެކަމާ ގުޅުން ހުރި ބަޔަކު ހައްޔަރުކޮށް، ޝަރީއަތްކޮށް، އޭގެެތެރޭން ބައެއް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވިއެވެ. ނަމަވެސް ފަހުން ވަނީ އެހުކުމްތައް ޖަލު ހުކުމަށް ބަދަލުކޮށްފައެވެ. އެހެންނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޚާޝުޤްޖީ ގަތުލުކުރުމުގެ ފަހަތުގައި ތިބި މީހުން އަދިވެސް ތިބީ މިނިވަނުންގެ ގޮތުގައެވެ.

އދ.ގެ ހިއުމަން ރައިޓްސް އިންވެސްޓިގޭޓާ އެގްނަސް ކަލަމާޑް ސައޫދީން ހިންެގި ޝަރީއަތް ސިފަކުރައްވާފައި ވަނީ ބޮޑު ޖޯކެއްގެ ގޮތުގައެވެ.

2105 ވަނަަ އަަހަރު ސައޫދީ އަރަބިއްޔާ އިސްވެ އޮވެ އުފެއްދި އަރަބި ކޯލިޝަނުން ޔަމަނަށް ދޭން ފެށި ވައިގެ ހަމަލާތައް އަދިވެސް ކުރިއަށް ދާއިރު، މި ހަނގުރާމައިގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އަދި 3.65 މިލިއަން މީހުން ގެދޮރު ދޫކޮށް ހިޖުރަކުރަން މަޖުބޫރުވެ، 15 މިލިއަން މީހުން ވަނީ އިންސާނީ އެހީއަށް ބޭނުންވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.