އިންތިޤާލީ އިންސާފުގެ ބިލަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އިންތިޤާލީ އިންސާފުގެ ބިލަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު އިޢުލާންކޮށްފައިވާ ގޮތުގައި އެބިލަށް ޚިޔާލު ހޯދުމަށް ބާއްވާ ޕަބްލިކް ފޯރަމް ބާއްވާ މުއަދަތާ ހިސާބަށް ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. ޕަބްލިކް ފޯރަމް ބާއްވާނެ މުއްދަތެއް އިޢްލާން ކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ މަސައްކަތް ފެށުމުން ކަމަށް އިއްޔެ އެ ބިލް ދިރާސާކުރުމަށް ބޭއްވި ސަބްކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގެ މުޤައްރިރު ވިދާޅުވިއެވެ. މިހާރު މަޖިލީސް އޮތީ ޗުއްޓީގައެވެ.

އިންތިޤާލީ އިންސާފުގެ ބިލަށް ޚިޔާލުހޯދުމަށް ފުރަތަމަ ހުޅުވާލި ފުރުޞަތުގައި ބިލުގައިވާ މުއްދަތާމެދު ގިނަ ޚިޔާލުތަކެއް ލިބިފައިވާކަމަށް އެބިލް ދިރާސާ ކުރަމުންދާ ޖޮއިންޓް ސަބް ކޮމެޓީން  އިއްޔެ ވަނީ ވިދާޅުވެފައެވެ.

ބިލްގައި ކަނޑައަޅައިފައިވާ މުއްދަތަކީ ޖެނުއަރީ 2012 އިން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތަކީ އެމްޑީޕީ ވެރިކަން ނިމުމަކާ ހިސާބަށް އައިސް މިހާރު ހިނގަމުންދާ އެމްޑީޕީ ކޯލިސަން ސަރުކާރު ފެށުމާ ހަމައަށް ހިނގާ ދިޔަ މުއްދަތެވެ. ބިލްގައި ވަނީ އެމުއްދަތުގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށެވެ. ބިލްގައިވާ މުއްދަތަކީ ރައީސް ވަހީދާއި ރައީސް ޔާމީންގެ ވެރިކަން އޮތް މުއްދަތެވެ.

މަޖިލީސް ޗުއްޓީގައި އޮއްވާ އެ ބިލްދިރާސާކުރުމަށް އިއްޔެ ބޭވި ސަބްކޮމެޓީގެ ބައްދަލުވުމުގައި ނިންމައިފައިވަނީ އިންތިޤާލީ އިންސާފުގެ ބިލުގައިވާ މުއްދަތާމެދު ގިނަ ޚިޔާލުތަކެއް ލިބިފައިވާތީ، އިތުރަށް އަދިވެސް ޚިޔާލު ހޯދުމަށްފަހު އެ މުއްދަތާ މެދު ގޮތެއް ކަނޑައެޅުމަށެވެ. ސަބްކޮމެޓީގެ މުޤައްރަރު ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރ ޙަޞަން ލަތީފް ވިދާޅުވީ ބިލްގައިވާ މުއްދަތާ ދޭތެރޭގައި ލިބިފައިވާ ޚިޔާލުފުޅުތަކުގެ ތެރޭގައި އާއްމު ފަރުދުންގެ ގެ ފަސް ޚިޔާލަކާއި ދެ މުއައްސާސާއެއްގެ ޚިޔާލު ހިމެނޭކަމަށެވެ. ނަމަވެސް އެއީ ކޮން މުއައްސަސާތަކަކުން ލިބުނު ޚިޔާލުތަކެއް ކަމެއް ހަމައެއް ނުކުރައްވައެވެ. އަދި ލިބިފައިވާ ޚިޔާލުތަކުގައިވަނީ ކޮން މުއްދަތުތަކެއް ކަމެއް ވެސް ހާމައެއް ނުކުރައްވައެވެ.

އެ ބިލް ދިރާސާ ކުރަމުންދަނީ ޖުޑިޝަރީ ކޮމެޓީ އާއި ހިޔުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީއެއްކޮށްލައިގެން އުފެދިފައިވާ ޖޮއިންޓް ކޮމެޓީގެ ސަބްކޮމެޓީއަކުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.