ލެސްބޯސްގައި ތިބި ރެފިއުޖީންގެ ތެރެއިން 1500 މީހުން ޖަރުމަަނަށް ގެންދަނީ

ގްރީސްގެ ލެސްބޯސްގައި ތިިބި ރެފިއުޖީން

ގްރީސްގެ ލެސްބޯސް ޖަޒީރާގައި ރެފިއުޖީން ދިރިއުޅޭ މޯރިޔާ ކޭމްޕުގައި މި ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހު ރޯވެ އަނދައި ހުލިވުމުގެ ސަބަބުން މަގުމަތިވެފައިވާ ރެފިއުޖީންގެ ތެރެއިން 1500 މީހުން ޖަރުމަނަަށް ގެންދަން އެ ގައުމުގެ ސަރުކާރުން ނިންމާފައިފިއެވެ. ޖަރުމަނު ސަރުކާރުގެ ބައެއް މަސްދަރުތަކާ ހަވާލީ ޚަބަރުފަތުރާ ބައެެއް ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ޖަރުމަނުން މިގޮތަށް ނިންމީ ގްރީސްއަށް ކުރިމަތިވެފައިވާ މި އުނދަގޫ ދަނޑިވަޅުގައި އެގައުމާއެކު އޮތްކަން ހާމަކުރުގެ ގޮތުންނެވެ.

ޗާންސެލާ އެންޖެލާ މާކެލްގެ މި ނިންމެވުން އައިސްފައި މިވަނީ ކޮވިޑް- 19 ބަލިމަޑުކަމާ ކުރިމަތިލުމުގައި އޭނާގެ ސަރުކާރުން ގެންގުޅުނު ކާމިޔާބު ސިޔާސަތަށް ރައްޔިތުން ދިން ތަރުހީބުގެ ސަބަބުން އިދިކޮޅު ކަނާތު ފިޔައިގެ ޕާޓީ އޮލްޓަނޭޓިވް ފޯ ޖާމަނީ (އޭއެފްޖީ) ގެ ތާއީދު ދަށްވެ، މާކެލްގެ ކޮންޒާވެޓިވް ޕާޓީގެ މަގުބޫލުކަން އިތުރުވެފައިވާ ވަގުތެއްގައެވެ.

މޯރިޔާ ކޭމްޕްގައި ރޯވެ އެތަނުގެ ބޮޑުބައި އަނދައި ހުލިވުމުގެ ސަބަބުން 12 ވަރަކަށް ހާސް ރެފިއުޖީން ވަނީ މަގުމަތިވެ، ކާބޯތަކެތި ލިބޭނެ ގޮތެއް އަދި ފާޚާނާ ކުރާނެ ގޮތެއް ނެތިފައެވެ. މި ރެފިއުޖީންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ތިބީ އެފްރިކާއާއި، އަފްޣާނިސްތާނާއި، ސީރިޔާގެ ރެފިއުޖީންނެވެ.

ޚަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތުދިން މަސްދަރުން ބުނި ގޮތުގައި މޯރިޔާ ކޭމްޕުގައި ތިބި ރެފިއުޖީންގެ ތެރެއިން ހިމާޔަތް ހޯދުމުގެ އެޕްލިކޭޝަންގެ ކަންތައް މިހާރު ނިމިފައިވާ 1500 ރެފިއުޖީން ޖަރުމަނަށް ގެނެސް، ސަރުކާރުން އެމީހުންނަށް ބޯހިޔާވަހިކަން ދޭނެއެވެ.

އިންޓީރިޔާ މިނިސްޓްރީގެ ތަރުޖަމާނު ހާމަކުރި ގޮތުގައި މިކަމާ ބެހޭ ހުށަހެޅުމެެއް މިހާރު ވަނީ ގަނޫނުހަދާ މަޖިލީހުގައި ތިއްބެވި ކޮންޒާވެޓިވް ޕާޓީގެ މެންބަރުގެ އަތްޕުޅަށް އަރުވާފައެވެ. އަދި މިއަދުގެ ވަގުތެއްގައި އެ ހުށަހެޅުމާ މެދު މަޝްވަރާކުރެވޭނެއެވެ.

ކަނޑުމަގުން ޔޫރަޕަށް އެތެރެވާން މަސައްކަތްކުރާ ރެފިއުޖީންގެ ބާރު ގްރީސްއަށް ބޮޑުވެފައިވާއިރު، އެ ގައުމުގެ ޖަޒީރާތަކުގެ މިހާރުވެސް 30 ހާސް ރެފިއުޖީންނަަށްވުރެ ގިނައިން ދިރިއުޅެއެެވެ.

ރެފިއުޖީންގެ މައްސަލައަކީ ފެށުނީއްސުރެ ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ މެންބަރުގެ މެދުގައި ދެބަސްވުން އުފެދިފައިވާ މައްސަލައަކެވެ. ރެފިއުޖީންނަށް އަބަދުވެސް މަރުހަބާކިޔާ ޖަރުމަނުގެ ޗާންސެލާ މާކެލް ވަނީ 2015 އަހަރުން ފެށިގެން 1.2 މިލއަން ރެފިއުޖީންނަށް މަރުހަބާ ކިއުމަށް ނިންމަވާފައެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތައް ދައްކާ ގޮތުގައި ރެފިއުޖީން ޖަރުމަނަށް ގެނައުމަށް އެ ގައުމުގެ ގިނަ މީހުން ތާއީދުކުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.