ޔޫއޭއީއާ ބަހްރޭން އިސްރާއީލާއެކު ސުލްހައިގެ އެއްބަސްވުމުގަައި ސޮއިކޮށްފި

ފަލަސްޠީނުގެ ބިންތައް ނުހައްގުން ފޭރިގަނެ އެ ބިންތަކުގައި ޔަހޫދީން ގާއިމުކޮށްފައިވާ ދައުލަތް އިސްރާއީލާކު ގަލްފުގެ އަރަބި ދެ ގައުމު ކަމުގައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހްރޭން ސުލްހައިގެ އެއެްބަސްވުމުގައި ސޮއިކޮށްފިއެެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ރައީސު ޑޮނާލްޑް ޓްރަމްޕުގެ ހާޒިރުގައި މި އެއްބަސްވުންތަކުގައި ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޢަބްދުﷲ ބިން ޒާޔިދު އާލްނަހްޔާންއެވެ. ބަހްރޭންގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޢަބްދުއްލަޠީފު ޒަޔާނީއެވެ. އިސްރާއީލުގެ ފަރާތުން ސޮއިކުރީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ.

މި ދެ އެއްބަސްވުމުގައިވެސް ރައީސު ޓްރަމްޕް ވަނީ ސޮއިކުރައްވާފައެވެ.

މިއަދު މި އެއްބަސްވުންތަކުގައި ސޮއިކުރުމަކީ ރައީސު ޓްރަމްޕަށް ލިބުނު ޑިޕްލޮމެޓިކް ބޮޑު ކާމިޔާބީއެކެެވެ. އުތުުރު ކޮރެޔާއާއެކު އެެއްބަސްވުމެއް ގާއިމުކުރެއްވުމަށް ރައީސު ޓްރަމްޕްކުރެއްވި މަސައްކަތްޕުޅުގައި ކާމިޔާބު ނުހޯއްދެވުމުން، އޭގެ ބަދަލުގައި އޭނާ މެދުވެރިވެޑައިގެން މިފަދަ އެއްބަސްވުންތަކެއް އެކުލަވައިލެވުނީތީއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސު ޓްރަމްޕް ވިދާޅުވި ޔޫއޭއީއާއި ބަހްރޭންގެ އިތުރުން 5 ނުވަތަ 6 ގައުމުން ކައިރި މުސްތަގުބަލެއްގައި އިސްރާއީލާކު ސުލްހަވާނެ ކަމުގައެވެ. އޭނާ ވިދާޅުވިގޮތުގައި އެމެެރިކާއިން ފަލަސްޠީނަށް ދޭ އެހީ ކަނޑާލި ކަމުގައި ވިޔަސް، އެމެރިކާ ސަރުކާރުން ދަނީ ފަލަސްޠީނު މީހުންނާ ވާހަކަދައްކަމުންނެވެ. އަދި ފަލަސްޠީނުންވެސް ކޮންމެވެސް ހިސާބަކު ސުލްހައިގެ ގާފިލާއާއި ބައިވެރިވާނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ދެއްކި ވާހަކައިގައި އޭނާ ބުނި ގޮތުގައި އިސްރާއީލަކީ މިއަދު އެކަހެރިވެފައި އޮތް ގައުމެއް ނޫނެވެ. އިސްރާއީލު މިހާރު ވޭތިކުރަމުން ދަނީ ޑިޕްލޮމެެޓިކް ގޮތުން އެންމެ ކާމިޔާބު ދުވަސްތަކެެވެ. އޭނާވެސް ފާހަގަކުރި ގޮތުގައި އިތުރު އަރަބި ގައުމުތަކުން އިސްރާއީލާއެކު ސުލްހަވާނެއެވެ.

ޔޫއޭއީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ބިން ޒާޔިދު ވަނީ އިސްރާއީލާއެކު އެގައުމުން ސުލްހަވީ އިސްލާމްދީނަކީ ސުލްހައިގެ ދީން ކަމުގައި ވާތީ ކަމުގައެވެ. އެހެންކަމުން މިއަދު ޔޫއޭއީން ސުލަހައިގެ އަތް ދިއްކޮށް ސުލްހައިގެ އަތުގައި ހިފަނީ ކަމުގައެވެ.

މިއަދުގެ މި ރަސްމިއްޔާތު ސިފަކުރައްވަމުން ބަހްރޭނުގެ ޚާރިޖީ ވަޒީރު ޒަޔާނީ ވިދާޅުވީ މިއަދަކީ މުޅި މެދު އިރުމައްޗަށް ތާރީޚީ ދުވަހެއް ކަމުގައެވެ.

ފާއިތުވި އޮގަސްޓް މަހު ޔޫއޭއީން އިސްރާއީލާއެކު ފުރިހަަމަ ސިޔާސީ ގުޅުން ގާއިމުކުރަން ނިންމިއިރު، ބަހްރޭނުން ވަނީ މިމަހުގެ ކުރީކޮޅު އެގޮތަށް ނިންމައި އެކަން އިއުލާންކޮށްފައެވެ.

ފަލަސްޠީނު މީހުން އެމެރިކާ އިސްވެ އޮވެ މި އެކުލަވައިލި ސުލްހައިގެ އެއްބަސްވުންތައް ސިފަކޮށްފައި ވަނީ ބުރަކަށްޓަށް ހަރާލި ޚިޔާނާތު ޚަންޖަރުގެ ގޮތުގައެވެ.

ހަގީގީ މައްސަލަ އޮއްބާލައި ސުލްހަ ގާއިމުކުރަން މަސައްކަތްކުރިޔަސް އިސްރާއީލަށް އެކަން ނުވާނެކަން މިރޭވެސް ދަނީ ސާބިތުވަމުންނެވެ. ނަތަންޔާހޫ ސުލްހައިގެ އެެއްބަސްވުންތަކުގައި ސޮއިކުރި ވަގުތުވެސް އިސްރާއީލުގެ ރަށްތަކުން އިންޒާރުގެ ސައިރަންގެ އަޑުއިވެމުން ދެއެވެ. ޣައްޒާއިން އެރަށްތަކަށް މިސައިލް ހަމަލާދޭތީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.