ދިމުޤްރާތީ ނިޒާމްގެ އަސާސްތައް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ: އީސީ

ދިމުޤްރާތީ ނިޒާމްގެ އަސާސްތައް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެކޮމިޝަނުން މިހެން ވިދާޅުވެފައި ވަނީ ދުނިޔޭގެ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި  ނެރުނު ބަޔާނެއްގައެވެ.

އީސީގެ ބަޔާނުގައި ވިދާޅުވީ ދިމުޤްރާތީ ނިޒާމެއް ހަރުދަނާކަމާއެކު ދެމެހެއްޓުމަށްޓަކައި، ދިމުޤްރާތީ ނިޒާމްގެ އަސާސްތަކަށް އިޙްތިރާމްކުރާ ރައްޔިތުންތަކެއް އުފެއްދުން މުހިންމުކަމަށެވެ. އެކަން ކުރުމަށް ރައްޔިތުންގެ މެދުގައި ކަމާގުޅޭ އެކަށީގެންވާ މަޢުލޫމާތާއި، ހުނަރުތަކާއި، ސިފަތަކާއި ޤަބޫލުކުރުންތައް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަކަން ފާހަގަ ކުރެއްވިއެވެ. ހޭލުންތެރި އަދި ޒިންމާދާރު ރައްޔިތަކު ބިނާކުރުމަށާއި، ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ޑިމޮކްރަސީއާއި ތަރައްޤީއާއި ހަމަޖެހުން ވާރުތަކޮށްދިނުމަށްޓަކައި މިމަސައްކަތް އިތުރަށް ހަރުދަނާވެ ފުޅާވާންޖެހޭކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ ޑިމޮކްރެސީގެ ފޮނިމީރުކަން އަޅުގަނޑުމެން ބޭނުންކުރާއިރު، ޙައްޤުތަކާ އެކުއެކީގައި ޛިންމާތަކެއްވެސް ވާކަން ޤަބޫލުކުރަންޖެހޭ. ތިމާއަށް ލިބޭ ޙައްޤެއް ބޭނުންކުރުމުގައި އަނެކާއަށް ކުރާނޭ އަސަރު ދެނެގަންނަންޖެހޭ." އީސީގެ  ބަޔާނުގައި ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖެ ޑިމޮރެސީއަށް ކުރާ ދަތުރުގައި، ތިން ބާރު ވަކި ކުރެވިފައިވާ ރިޔާސީ ނިޒާމުން، ރާއްޖެއިންދަނީ ވަރަށް މުހިންމު ތަޖްރިބާތަކެއް ކުރަމުންކަން އީސީގެ ބަޔާނުގައި ފާހަގަ ކުރެއްވިއެވެ. ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، މިނިވަންކަމާއެކު، އިންސާފުވެރި ގޮތެއްގައި އެމަޤާމުތަކަށް މީހުން އިންތިޚާބުކުރުމުގެ ބުރަ ޒިންމާއަކީ އިލެކްޝަންސް ކޮމިޝަނުން އުފުލަމުން ގެންދާ ޛިންމާއެއްކަން ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި، ބޭއްވޭ އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބުތަކެއް ކަމުގައިވާންޖެހޭކަން އީސީގެ ޚިޠާބުގައި ފާހަގަ ކުރެއްވިއެވެ. އަދި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ހުރިހާ އެންމެން ބައިވެރިވުމީ ޤައުމުގެ މުސްތަޤްބަލަށާއި ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.

"ނުފޫޒެއް، ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަކީ ކޮންމެމީހަކަށްވެސް ލިބިގެންވާ އަސާސީ ޙައްޤެއް. ތިމާޔަށް އެއްޗެއް ދޭ މީހަކަށް ވޯޓުލާކަށް މަޖުބޫރެއް ނުކުރެވޭނެ. ވަކިމީހަކަށް ވޯޓުލައިގެން ނުވަތަ ނުލައިގެން އަދަބެއް ނުދެވޭނެ. މިނިވަންކަމާއެކު އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަކީ ކޮންމެމީހަކަށްވެސް ލިބިގެންވާ ހައްޤެއް." އީސީގެ ބަޔާނުގައި ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.