ޑިމޮކްރަސީގެ މަންފާ އަލުން އަނބުރާ ހޯދުމަށް، ކޯވިޑް-19ގެ ނުރައްކަލުން މިންޖުވުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭ: ރައީސް 

ޑިމޮކްރަސީގެ ފުރިހަމަ މަންފާ އަލުން އަނބުރާ ހޯދުމަށްޓަކައި، ކޯވިޑް-19ގެ ނުރައްކަލުން ވީ އެންމެ އަވަހަކަށް މިންޖުވުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބަރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު މުޅި ދުނިޔޭގައި ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. 

ރައީސް ޞާލިޙް ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ފަރުދީ ޒިންމާގެ ދައުރު ފުޅާކޮށް، އިޖުތިމާޢީ ގައިދުރުކަމަށް އިސްކަން ދިނުމަކީ، މިއަދު އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ކަންތައްކަމަށެވެ. އިޤްތިޞާދަށް ދިރުން ގެނައުމަށްޓަކައިވެސް، ކޯވިޑް-19އާ ދެކޮޅަށް، އެންމެން އެކުގައި މަސައްކަތް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދި ވަޑައިގެންނެވިއެވެ. 

"މިއީ މިއަދު މުޅި ދިވެހި އުންމަތުގެ އާދޭހެވެ. އެންމެންގެ މަޞްލަޙަތާއި އެންމެންގެ ލާބަ ހުރިގޮތެވެ." ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ. 

މި އަހަރުގެ ޑިމޮކްރަސީ ދުވަސް މި ބައްދަލުކުރީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ އަނދިރިކަން މުޅި ދުނިޔެއަށް ފެތުރި، ޤައުމުތަކުގެ ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް، މުޅިންހެން ހުއްޓިފައިވާ ދުވަސްވަރެއްގައިކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. 

"މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅުގައި، ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުޞޫލުތަކުގެ ތެރެއިން، ދިވެހި ދައުލަތުގެ އެންމެހައި ގުނަންތައް، އެއް ހަށިގަނޑެއް ފަދައިން މަސައްކަތް ކުރުމަކީ، ޤައުމުގެ މަޞްލަޙަތަށްޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ. ހަމައެފަދައިން ފަރުދީ ފެންވަރުގަޔާއި ޖަމާޢަތުގެ ފެންވަރުގައި، ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވެއެވެ." ރައީސް  ޚިތާބުގައި ވިދާޅުވިއެވެ. 

ޑިމޮކްރަސީ ޤާއިމުވެފައިވާ ދައުލަތެއްގައި، ރައްޔިތުންނަށް ވަރަށް ގިނަ ޙައްޤުތަކެއް ލިބިގެންވާކަން ފާހަގަ ކުރައްވައި، ރައީސް ޞާލިޙް ވިދާޅުވީ އެ ޙައްޤުތަކާއެކު، ރައްޔިތުންގެ ކޮނޑުގައި ވަރަށް މަތިވެރި ޒިންމާތަކެއްވެސް އެޅިގެންދާކަމަށެވެ. ހަމައެފަދައިން، ރައްޔިތުންނަށް ޚިދުމަތްކުރަން ތިބި، ދައުލަތުގެ މުވައްޒަފުންގެ ކޮނޑުގައިވެސް، މަސްއޫލިއްޔަތުތަކެއް އެޅިގެންދާކަން ގަބޫލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.  

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން،ޑިމޮކްރަސީން ކަށަވަރުކޮށްދޭ ކިތަންމެ ޙައްޤެއް، އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްތަކާއި ދަތިތަކެއް މެދުވެރިވެފައިވާކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. ނަމަވެސް، މި ޙާލަތުގައިވެސް ސަރުކާރުން ގަދައަޅައި މަސައްކަތް ކުރަމުން އަންނަނީ، ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތައް ނަގަހައްޓައި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއެކު، އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރި ކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ. މި ޙާލަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ފުރިހަމަ ޞިއްޙަތެއްގައި ދިރިހުރުމުގެ ޙައްޤަށް އުނިކަމެއް އަޔަނުދިނުންކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.