ބައިޑަންއަށް ފްލޮރިޑާ ކާމިޔާބުކޮށްދެެއްވުމަށް ބްލޫމްބާގް 100 މިލިއަން ޑޮލަރު ހޭދަކުރައްވަނީ

ނިއުޔޯކު ސިޓީގެ ކުރީގެ މޭޔަރު އަދި ދުނިޔޭގެ އެންމެ މުއްސަނދި އެއް މަހުޖަނު މައިކަލް ބްލޫމްބާގް

އެމެރިކާގައި މިއަަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޑިމެޕ ރައީސު ޑޮނާލްޑް ޓްރަމްޕް އާއި ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑަން ފްލޮރިޑާ ސްޓޭޓުގައި ކުރައްވާ ކެމްޕޭނަށް 100 މިލިއަން އެމެރިކާ ޑޮލަރުދެއްވަން ނިއުޔޯކު ސިޓީގެ ކުރީގެ މޭޔަރު މައިކަލް ބްލޫމްބާގް ނިންމަވައިފިއެވެ.

 މި އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ފްލޮރިޑާ ސްޓޭޓް ވެގެންދާނީ އެންމެ ވާދަވެރި އެއް ސްޓޭޭޓަށެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތާރީޚަށް ބަލާއިރުވެސް ފްލޮރިޑާ ވެފައި ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގައި މުހިއްމު ސްޓޭޓަަކަށް ވެފައެވެ.

މައިކަލް ބްލޫމްބާގް މިފަދަ އެހީއެެއް ދެއްވަން ނިންމެވުމުން ދޭހަވަނީ ރައީސު ޓްރަމްޕް ބަލިކުރައްވަން ނުކުމެ ވަޑައިގެން ހުންނެވި ކުރީގެ ނާއިބު ރައީސު ޖޯ ބައިޑަންއަށް ޓްރަމްޕްގެ މައްޗަށް ކުރިހޯއްދެވުމުގައި ފްލޮރިޑާގެ މުހިއެްމު ކަމެވެ. ރައީސު ޓްރަމްޕުގެ ކެމްޕޭނުގައި ވެސް އެންމެ މުހިއްމު އެއް ސްޓޭޓަކީ ފްލޮރިޑާއެވެ.

ބައިޑަންއަށް ފްލޮރިޑާގެ 58 އިލެކްޓޮރަލް ކޮލެޖް ވޯޓު ކާމިޔާބުކުރެވިއްޖެނަމަ، އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ 270 އިލެކްޓޮރަލް ކޮލެޖް ވޯޓު ހަމަކުރެއްވުން ރައީސު ޓްރަމްޕަށް ވަރަށް އުނދަގޫފުޅު ކަމަކަށް ވާނެއެވެ.

އެހެންނަމަވެސް، ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ތިއްބެވީ ފްލޮރީޑާ އެޕާޓީއަށް ކާމިޔާބު ކުރެވޭނެކަމުގެ އުއްމީދުގައެެވެ. 2018 ގެ ރިޔާސީ އިންތިޚާބުގައި އެ ސްޓޭޓް އެ ޕާޓީއަށް ލިބުމުގެ އިތުރުން، ދައުރުގެ މެދުތެރޭން ބާއްވާ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި 2016 ވަނަ އަހަރު ގިނަ ބަޔަކު އެ ޕާޓީއަށް ވޯޓުދީފައި ވާތީއެވެ.

ބްލޫމްބާގްވެސް ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ރޭހަށް ފާއިތުވި އަހަރު ނުކުންނެވިއެވެ. އެހެންނަަމެވެސް، އޭނާގެ ކެމްޕޭނަށް 1 ބިލިއަން ޑޮލަރު ޚަރަދުކުރެއްވުމަށް ފަހު މާ ބޮޑު ކާމިޔާބީއެއް ލިބިވަޑައިނުގެން އޭނާ ވަނީ ރޭސް ދޫކުރައްވައި ބައިޑަންއަށް ތާއީދުކުރެއްވުމަށް ނިންމަވާފައެވެ.

އޭނާގެ މިލްކިއްޔާތުގައި 60 ބިލިއަން ޑޮލަރު ހުރި މައިކަލް ބްލޫމްބާގަކީ ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ ރައީސު ޓްރަމްޕަށް ދެވަނަ ދައުރެއް ކާމިޔާބުވިޔަ ނުދެއްވުމަށް އޭނާއަށް ކުރެއްވުުނު މަސައްކަތެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.