ހޯޑެއްދޫގެ ދަނޑުވެރިކަމުގެ ބާވަތްތައް ކައުންސިލުން ވިއްކައިދެނީ

ގދ. ހޯޑެއްދޫގެ ދަނޑުވެރިކަމުގެ ބާވަތްތައް ކައުންސިލް މެދުވެރިވެގެން ވިއްކައިދެމުންދާކަމަށް އެރަށު ކައުސިލުން ވިދާޅުވެއްޖެއެވެ. އެގޮތުން ފުރަތަމަ ދަތުރު އިއްޔެ ވަނީ ކޮށްފައެވެ.

ކައުންސިލްގެ ރައީސް މުޙައްމަދު އަޔާޒް ވިދާޅުވީ ފުރަތަމަ ބެލީ ރައްޔިތުން އެކަމަށް ބޭނުންވަނީ ކިހާވަރަކަށްތޯ ކަމަށެވެ. އެގޮތަށް ބެލި އިރު ވަރަށް ގިނަ ރައްޔިތުން އެކަމަށް ބޭނުންވެފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. ދަނޑުވެރިކަމުގެ އުފެއްދުންތައް މަޑަވެއްޔަށްވެސް ވިއްކާކަން އޭނާ ފާހަގަ ކުރެއްވިއެވެ. މަޑަވެއްޔަށް ވިއްކުމަށްފަހުވެސް އިތުރަށް ގިނަ ޢަދަދެއްގެ އުފެއްދުންތައް ހުންނަނީ ތިނަދުއަށް އެތަކެތި ގެންގޮސް ވިއްކުމަށް ނިންމީ ކަމަށް ކައުން ސިލުން ވިދާޅުވިއެވެ. އިތުރު އުފެއްދުންތައް ލިބޭ ވަރަކަށް ބާވަތްތައް ވިއްކުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ނިންމައިފައިވާކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

އެރަށް މޮނިޓަރިންގައި އޮތް ނަމަވެސް ޓާސްކްފޯސްގެ ބެލުމުގެ ދަށުން ދަނޑުތަކަށް މީހުންނަށް ދެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސަވައިފައެވެ. އެގޮތުން ކޮންމެ ދުވަހަކު ކޮންމެ ގެއަކުން ވެސް އެކަކަށް ދެ ގަޑިއިރަށް ދަނޑަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިފައިވާކަމަށް ވިދާޅުވިއެވެ. އަދި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި ކޮންޓެކްޓުން ތިބި ގޭގެ ދަނޑުތައް އެމީހުން ކަނޑައަޅާ އެހެން މީހަކާ ހަވާލުކޮށް ބެލެހެއްޓުމުގެ އިންތިޒާމުވެސް ހަމަޖައްސަވައިފައިވާކަށް ވިދާޅުވިއެވެ.

ހޯޑެއްދޫ ރައްޔިތުން އާއްމުދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ. އެށުގައި 200 އަށް ވުރެ ގިނަ ދަނޑުބިން އޮވެއެވެ. ތަފާތު ބާވަތްތައް އެރަށުގައު ހައްދައެވެ. އެތަކެތި އެރަށުގެ ދަނޑުވެރިން ވިއްކަނީ އަތޮޅުގެ ރަށްރަށަށެވެ. ބައެއް ފަހަރަށް އުފައްދޭ މިންވަރު އިތުރުވުމުން އަތޮޅުތެރެއަށް ނުއަގުގައި ވިއްކަން ޖެހޭކަމަށް ކައުންސިލުން ފާހަގަ ކުރެއްވިއެވެ. މާލެ ގެނެސް އެއްޗެތި ނުވިއްކެނީ ދަތުރަށް ހޭދަވާ ވަގުތު ގިނަވުމުން ދަނޑުވެރިކަމުގެ ބާވަތްތައް މާލެއަށް ގެންނައިރު ހަލާކުވާތީކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ހޯޑެއްދޫގެ 38 މީހަކު މިހާތަނަށް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެމީހުންގެ ތެރޭގައި ހައި ރިސްކް އަށް މީހަކު ހިމެނެއެވެ. މިހާތަނަށް ކޮންޓެކްޓުންގެ ގޮތުގައި 202 މީހެއް ފާހަގަ ކުރެވިފައިވާއިރު އޭގެތެރޭގައި ހައި ރިސްކް 18 މީހަކު ހިމެނޭކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ވިދާޅުވިއެވެ. އެރަށަށް ބަލި ފެތުރިފައިވާ މިންވަރަށް ބަލާއިރު ބަލި ޖެހިފައިވާ މީހުން ރަށުގެ ހަޔެއް އިންސަތަ ގޭގައި އެބަ ތިއްބެވެ. ކޮންޓެކްޓް ވެފައިވާ މީހުން 19 ގޭގައި އެބަތިއްބެވެ. ކުރީ ދެދުވަހު ވަނީ އެގާރަ ސާމްޕަލެއް ނަގައިފައެވެ. އޭގެތެރެއިން އެއް ސާޕަލްގެ ނަތީޖާ ލިބިފައިވާއިރު އެސާމްޕަލް ނެގެޓިވްކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ފާހަގަ ކުރެއްވިއެވެ. މިހާރު ނަތީޖާ ނުލިބި ހުރި ސާމްޕަލްތަކު ތެރޭގައި އަލާމާތްތައް ހުރި ހަމީހެއްގެ ސާމްޕަލްވެސް ހިމެނެއެވެ. މާލެ ފިޔަވައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ގދ. ހޯޑެއްދޫއިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.