ކޮންގޯގައި ރަން ނަގާ ވަޅެއްގެ ފަސްގަނޑު ކަނޑައިގެން ގޮސް 50 މީހުން މަރުވެއްޖެ

ކޮންގޯގެ އާއްމުންގެ ބަޔަކު ރަން ނަގާ ވަޅެއްގެ ތެރޭގައި

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރް ކޮންގޯ) ގައި ރަންނަގާ ވަޅެއްގެ ފަސްގަނޑު ކަނޑައިގެން ގޮސް ފޭބި ފަސްގަނޑު ދަށުގައިވެ ފަންސާހަކަށް މީހުން މަރުވެއްޖެއެވެ. މި ވަޅަކީ މެޝިނަރީ ބޭނުންނުކޮށް އަތުން ރަން ނަގާ ވަޅެކެވެ. އެ ސަަރަހައްދުގެ ގަވަރުނަރު ހޮނިހިރު ދުވަހު މައުލޫމާތުދެއްވި ގޮތުގައި މި ހާދިސާގައި ވަޅުގެ ފަސްގަނޑު ކަނޑައިގެން ދިޔައީ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުންނެވެ.

ދެކުނު ކިވޫ ޕްރޮވިންސުގެ ވެރިރަށް ބުކަވޫގެ ހުޅަނގުދެކުންނުން 270 ކިލޯމީޓަރުގެ ދުރުގައި އޮންނަ ކަމިޓުގާ އަވަށުގައި އާއްމުން އަމިއްލައަށް ރަންނަގަން އާދައިގެ ގޮތަކަށް ކޮނެފައިވާ މި ވަޅުގެ ފަސްގަނޑު ކަނޑައިގެން ގޮސްފައި ވަނީ ހުކުރު ދުވަހުއެވެ.

މީސްމީޑިޔާގައި އާއްމުވެފައިވާ ވީޑިޔޯތަކުން ފެންނަ ގޮތުގައި އެތައް ސަތޭކަ ޒުވާނުން ދަނީ ގަން ބޫޓު ލައިގެން ވަޅަށް ފައިބައި އަތުން ގަލާއި ކިސަޑު ނަގައި، ފަސްގަނޑުގެ ދަށުވެފައިވާ މީހުން ފެނޭތޯ މަސައްކަތްކުރަމުންނެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކަމިޓުގާގެ މޭޔަރު އެލެގްޒަންޑްރާ ކަމުންޑަލާ ވިދާޅުވިގޮތުގައި ފަސްގަނޑުގެ ދަށުން އަދި އެއްވެސް މީހެއްގެ ހަށިގަނޑު ފެނިފައި ނުވެއެވެ.

ސަލާމަތީ ކަންކަން ކަނޑައަޅާ ވަކި އުސޫލެއް ނެތި އާއްމުން އަމިއްލައަށް އަތުން ކޮނެފައިވާ ވަޅުތަކުން ރަން ނަގަަން މަސައްކަތްކުރުމުގެ ތެރޭގައި ކޮންްގޯގައި އަހަރަކު އެތައް ސަތޭކަ ބަޔަކު މަރުވެއެވެ.

ދަރުމަވެރިންގެ ޖަމްއިއްޔާއެއް ކަމުގައިވާ އިނިޝިއޭޓިވް އޮފް ސަޕޯޓް އެންޑް ސޯޝަލް ސުޕަރވިޝަން އޮފް ވިމެންގެ ރައީސު އެމިލިއާން އިޓޯންްްގްވާ ވިދާޅުވިގޮތުގައި ވަޅުގެ ފަސްގަނޑު ކަނޑައިގެން ގޮސްފައި ވަނީ ހުކުރު ދުވަހު ހަވީރު 3 ޖެހިއިރު (ރާއްޖޭ ގަޑިން ހަވީރު 6 ޖެހިއިރު) އެވެ.

"ފަސްގަނޑު ކަނޑައިގެން ދިޔައިރު ވަޅުގެ ތެރޭގައި އެތައް ބަޔަކު އެ އެންމެންގެ ގައި މައްޗަށް ފަސްއެޅި ވަޅުލެވިފައި ވަނީ. އަހަރުމެން މި ދައްކަނީ ފަންސާހަކަށް ޒުވާނުންގެ ވާހަކަ." އިޓޯންގްވާ ވިދާޅުވިއެވެ.

އެ ސަރަހައްދުން ރަން ނަގަން ސަރުކާރުން ހުއްދަދީފައިވާ ކެނެޑާގެ ބާންރޯ ކޯޕަރޭޝަންއިން ބުނި ގޮތުގައި މި ހާދިސާ ހިނގި ވަޅަކީ އެ ކުންފުންޏަށް ދީފައިވާ ސަރަހައްދުން ބޭރުގައި ހުރި ވަޅެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.