އަފްޣާން ސަރުކާރާއި ޠާލިބާނުން ޤަޠަރުގައި ސުލްހައިގެ ވާހަކަތައް ފަށައިފި

ސުލްހައިގެ ވާހަކަތް ފެށުމުގެ ޖަލްސާ

ވިއްސަކަށް އަހަރުދުވަހުގެ ދާޚިލީ ހަނގުރާމައިގައި އެތައް ހާސް ބައެއްގެ ފުރާނަ ގެއްލި ދިއުމަށް ފަހު އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާން ޖަމާއަތުން ޤަޠަރުގެ ވެރިރަށް ދޯހާގައި ސުލްހައިގެ ވާހަކަތައް ފަށައިފިއެވެ.
ވާހަކަތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަފްޣާނިސްތާނުގެ ކުރީގެ ޗީފް އެގްޒެކެޓިވް އަދި ސަރުކާރުގެ ފަރާތުން ސުލްހައިގެ ވާހަކަތައް ވިލަރެސްކުރައްވާ ޑރ. ޢަބްދުﷲ ޢަބްދުﷲ ވަނީ ހަމަލާތައް ބަދަލުކުރުން ވަގުތުން ހުއްޓާލުމަށް ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި ފާއިތުވި އަހަރު ފެބުރުވަރީ މަހު އެމެރިކާއާއި ޠާލިބާން ސުލްހައިގެ އެއްބަސްވުން ގާއިމުކުރި ފަހުން މިހާތަނަށް ކުރެވުނު ހަނގުރާމައިގައި 12 ހާސް މީހުން މަރުވެ 15 ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

"އަހަރުމެން ވާނީ މި އާދަޔާ ޚިލާފު ފުރުސަތުގެ ބޭނުން ހިފަން. އަހަރުމެން ޖެހެނީ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެނެސް ހަމަލާ ބަދަލުކުރުން ހުއްޓާލަންޖެހޭ." މިއަދު ހެނދުނު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވިއެވެ.

ވާހަކަތައް ފެށުމުގެ ރަސްމިއްޔާތުގައި ޑރ. ޢަބްދުﷲގެ އިތުރަށް ޠާލިބާން ޖަމާއަތުގެ އެއް ބާނީ މުއްލާ ޢަބްދުލް ޣަނީއާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވެސް ވަނީ މިފުރުސަތުގެ ބޭނުން ހިފުމަށް ގޮވައިލައްވާފައެވެ.

"ތިޔަބޭފުޅުންގެ ސިޔާސި ނިޒާމުގެ މުސްތަގުބަލު، ހަމަ ޔަގީނުންވެސް ކަނޑައަޅުއްވާނީ ތިޔަބޭފުޅުން. މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށް އަޅުގަނޑަށް ލެވުނު ބާރެއް ލާފައި ދަންނަވަން." އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނު ސަރުކާރާއި ޠާލިބާން ޖަމާއަތުގެ މަންދޫބުން މެދުގައި ފުރަތަމަ ފަހަރަށް ސީދާކޮށް ދެކެވޭ ވާހަކަތަކުގެ ފުރަތަމަ ބުރު ފަށާނީ ހޯމަ ދުވަހުއެވެ. 

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.