ބޭރޫތު ބަނދަރުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ބޭރޫތު ބަނދަރުގައި މިއަދު ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ

ލެބެނާން (ލުބްނާން) ގެ ވެރިރަށް ބޭރޫތު ބަނދަރުގައި ގޮވި ބިޔަ ގޮވުމަށް މަހަކާ ދުވަސް ކޮޅެއް ވީފަހުުން މިއަދު ބޭރޫތު ބަަނދަރުގައި ރޯވި ބޮޑު އަލިފާންގަނޑު ނިއްވާލައިފިއެވެ.

ލެބެނާންގެ ސިވިލް ޑިފެންސްގެ ވެރިޔާ ރޭމޯން ޚައްޠާރު ވިދާޅުވި ގޮތުގައި ބަނދަރުގެ ކަސްޓަމްސް ސަަރަަހައްދުގައި ރޯވި އަލިފާންގަނޑު މުޅިން ނިއްވާލެވިފައި ވާއިރު، އަލިފާންގަނޑު ފެތުރުމުގެ ފުރުސަތެއް މިހާރު ނެތެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އަލިފާން ނިއްވާ ލޮރީތަކާއި، ސިވިލް ޑިފެންސް ޓީމުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އަސްކަރީ ތަރުޖަމާނަކު ހާމަކުރެއްވި ގޮތުގައި އަލިފާން ރޯވީ ބަނދަރުގެ ޑިއުޓީ ފްރީ ސަރަަހަައްދުގައި ތެލާއި، ޓައިރު ރައްކާކޮށްފައި ހުރި ގުދަނެއްގައެވެ. ޚަބަރުފަތުރާ ބައެެއް ވަސީލަތްތަކަށް ސަލާމަތީ މަސްދަަރަކުން ޚަބަރުދީފައި ވާގޮތުގައި އަލިފާން ރޯވީ ބީސީސީ ލޮޖިސްޓިކްސްއިން ބޭނުންކުރާ ގުދަނެއްގައެވެ. ބީސީސީ ލޮޖިސްޓިކްސްއަކީ 1993 ވަނަ އަަހަރު ލެބެނާނުގައި އުފައްދާފައިވާ، މިހާރު މެދު އިރުމަތީގެ ގިނަ ގައުމުތަކެއްގައި ހަރަކާތްތެރިވާ، ފްރައިޓް ފޯވާޑިންގ އަދި ލޮޖިސްޓިކްސްގެ ޚިދުމަތްދޭ ކުންފުންޏެކެވެ.

ލެބެނާންގެ ރެޑް ކްރޮސްއިން ބުނެފައިވާ ގޮތުގައި މިއަދު ރޯވި އަލިފާންގަނޑުގެ ސަބަބުން ގޮވުންތަކެއް ގޮވުމުގެ ނުރައްކަލެއް ނެތެވެ. އަދި މީހަކު މަރުވުން ނުވަތަ މީހަކަށް އަނިޔާވުން ފަދަ ކަމެއްވެސް ހިނގާފައި ނުވެއެވެ. އެހެންނަަމަވެސް، ބައެއް މީހުން ނޭވާލާން އުނދަގޫވެގެން ފަރުވާ ހޯދާފައި ވެއެވެ.

މިއަދު ރޯވި އަލިފާންގަނޑުން އެރި ބޯ ދުންތައް ފެތުރެން ފެށުމާއެކު، އެ ސަަރަހައްދުގައި ދިރިއުޅޭ މީހުންގެ މެދުގައި ބިރުވެރިކަމާއި، ހާސްކަން ފެތުރިގެން ދިޔައެވެ. ގިނަ ބަޔަކު އަލިފާންގަނޑު ރޯވެފައިވާ ސަރަހައްދާއި ދުރަށް ދުވާ މަންޒަރާއި، އެ ކޮޅަށް ދަތުރުކުރަމުން ދިޔަ އުޅަނދުތައްވެސް އަނބުރާއި އަވަހަށް ދުރަށް ދެވޭތޯ މަސައްކަތްކުރާތަން ފެނިފައި ވެއެވެ.

މީސް މީޑިޔާގައި ގިނަ ބަޔަކު ވަނީ މިއަދުގެ އަލިފާންގަނޑާމެދު ގިނަ ސުވާލުތަކެއްވެސް އުފައްދާފައެވެ. އެއް ބަޔަކު ސުވާލު އުފައްދަމުން ދިޔައީ ލެބްނާނުގެ އަމަން ބަލަހައްޓާ ފަރާތްތަކާއި، ސަލާމަތީ ބާރުތަކުގެ ގާބިލުކަމާ މެދުގައެވެ. އަނެއް ބަޔަކު ދުށް ގޮތުގައި މިއީ ފާއިތުވި އޮގަސްޓު މަހު 4 ވަނަ ދުވަހު ގޮވި ބިޔަ ގޮވުމާ ގުޅުން ހުރި ހެކިތައް ނައްތާލަން ބަޔަކު ގަސްތުގައި ކުރި ކަމެކެވެ.

އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ބޭރުތު ބަނދަރުގައި ގޮވި ބިޔަ ގޮވުމަކީ އެ ބަނދަރުގައި ގުދަންކޮށްފައި ހުންނަތާ އަހަރުތަކެއް ވެފައިވާ 2750 ޓަނު އެމޯނިއަން ނައިޓްރޭޓްގައި ރޯވެގެން ގޮވި ގޮވުމެކެވެ. މި ގޮވުމުގެ ސަބަބުން 190 މީހުން މަރުވެ، 5 ހާސް މީހުންނަށް އަނިޔާވެ، 3 ލައްކަ މީހުންގެ ގެދޮރު ނެތިގެން ގޮސްފައި ވެއެވެ. އަދި 15 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.