ގިނަ ޢަދަދެއްގެ ބަޔަކު އެއްފަހަރާ ޕޮޒިޓިވްވުމުން ހޯޑެއްދޫގައި ކަންބޮޑުވުމާއި ހާސްކަން

މާލެ ފިޔަވައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްރަށަކުން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ ގދ. ހޯޑެއްދޫގައެވެ. އެރަށުގައި މިވަގުތު ބަލި ޖެހިފައިވާ 25 މީހުން އެބަތިއްބެވެ. އެއީ ފުރަބަންދުގައި ތިއްބައި ބައްޔަށް ޕޮޒިޓިވްވީ 4 ހަތަރު މީހަކާއި ކޮންޓެކްޓުންގެ ގޮތުގައި ބަލިޖެހިފައިވާ 21 މީހުންނެވެ. މީގެ ތެރެއިން ދެމީހުންނަށް ބަލި ޖެހުނު ގޮތް ވަނީ ދެނެނުގަނެވިއެވެ. މިމަހު ފަސްވަނަ ދުވަހު ޕޮޒިޓިވްވި 19 މީހުންނަކީ އެދެމީހުންނާ ގުޅުންހުރި 36 މީހުންގެ ސާމްޕަލް ނަގައިގެން ހެދި ޓެސްޓްތަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުންނެވެ. ނަމަވެސް އަދި އެރަށުގައި އޮތީ ކޮމިޔުނިޓީ ސްޕްރެޑެއް ކަމަކަށް ނުވަތަ ބަލި ފެތުރޭކަމަކަށް އެޗްއީއޯސީއިން ކަނޑައެއް ނާޅައެވެ. އެޗްއީއޯސީގެ ތަރުޖަމާނު ވިދާޅުވީ އެރަށަށް ބަލި ގޮސްފައި ވާނީ މާލެއިން ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރައްވަނީ ބަލި ދިޔަ ގޮތް ހޯއްދެވުމަށް ކަމަށެވެ.

ބަލި ދިޔަ ގޮތް ހޯދުމަށް ރެންޑަމް ސާމްޕަލް ނަގަނީ

ހޯޑެއްދޫއިން 25 މީހަކު ބައްޔަށް ޕޮސިޓިވް ވެފައިވާ އިރު އެރަށު ގައި ހޯމްކަރަންޓީންގައި ތިއްބާ ޕޮޒިޓިވް ހަތަރު މީހުންނާ އަލާމާތްތައް ހުރެގެން ޓެސްޓް ހެދުމުން ޕޮޒިޓިވްވި ދެމީހުންނާ އެއްވެސް ގުޅުމެއް ނެތުމުން އެމީހުންނަށް ބަލި ޖެހުނީ ކިހިނެއް ކަން އަދި ވަނީ ނުހޯދިއެވެ. އެހެންކަމުން އެދެ މީހުންނަށް ބަލި ޖެހުނު ގޮތެއް ހޯއްދުމަށް ރެންޑަމް ސާމްޕަލްތައް ނަގަން ވަނީ ފަށައިފައެވެ. އެޗްޕީއޭ އިން ވިދާޅުވީ އެ ދެމީހުންގެ ކޮންޓެކްޓުންގެ ތެރެއިން 19 މީހަކު އެރަށުން ޕޮޒިޓިވް ވެފައިވާއިރު ފުރަތަމަ ބަލި ޖެހުނީ އެދެމީހުނަށްކަމެއް އަދި ފަހުން ޕޮޒިޓިވް ވި މީހުންގެ ތެރެއިން މީހެއްގެ ގައިން އެދެމީހުންނަށް ބަލީ ޖެހުނީ ނޫންކަމެއް ވެސް ނޭނގޭ ކަމަށެވެ. އެހެންކަމުން ފުޅާ ދާއިރާއެއްގައި ރެންޑަމް ސާޕްޕަލްތައް ނެގުމަށް ހަމަޖައްސަވައިފައިވާ ކަމަށެވެ. ލިންކް ކޭސްތައް ހޯދުމަށް ހޯޑެއްދޫއަށް ގޮސްފައިވާ މީހުންނާއި ކައިރި ރަށްރަށާއި ކާޑެއްދޫ އެއަރޕޯޓާއި މާލެ ދަތުރުކުރާ ބޯޓުފަހަރުގެ އިތުރުން ހޯޑެއްދޫއާ ގުޅިފައިވާ މަޑަވެލިން ވެސް ރެންޑަމް ސާމްޕަލްތައް ނެގުމަށް ވަނީ ހަމަޖައްސަވައިފައެވެ.

ބަލިޖެހިފައިވާ މީހުންގެ ކޮންޓެކްޓުންގެ ޢަދަދު އެޗްއީއޯސީގެ އެންމެ ފަހުންގެ މަޢުލޫމާތުތަކުން ދައްކާ ގޮތުން އުޅެނީ 46 ގައެވެ. ކޮންޓެކްޓުންގެ ޢަދަދު މިހާރު އެއަށްވުރެވެސް މަތިވާނެ ކަމަށް ބެލެވެއެވެ. އެރަށު ޞިއްހީ މަރުކަޒުގެ އިސްބޭފުޅަކު ވިދާޅުވީ ކޮވިޑާ ބެހޭ މަޢުލޫމާތުތައް ހާމަކުރައްވަން ހަމަޖެހިފައިވަނީ އެޗްއީއޯސީން ކަމަށްވާތީ އެފަދަ އެއްވެސް މަޢުލޫމާތެއް އެ ބޭފުޅުންނަށް ހާމަނުކުރެއްވޭނެ ކަމަށެވެ. އެޗްޕީއޭގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ހޯޑެއްދޫގެ ފަހުގެ މަޢުލޫމާތު ހާމަކުރައްވާނީ ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށެވެ.

ހޯޑެއްދޫއިން އާފަތިހާ ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެވެސް ބައެއް މީހުންގެ ސާމްޕަލް ނަގައި މާލެ ފޮނުވައިވާ ކަމަށެވެ. ނަމަވެސް ނަތީޖާތައް ލިބިފައިވާ ކަން އެނގިފައި ނުވާކަމަށެވެ. އޭނާ ބުނީ ސާމްޕަލްނެގި ބައެއް މީހުންގެ އަލާމާތްތައް ފެންނަން ފަށައިފައިވާކަމަށެވެ.

"އެކަކުވެސް ކައުސިލުން އަންގައިފައިވާ ގޮތަށް ގެއިން ބޭރަށް ވެސް ނުނުކުމޭ. ޢުމުރުން ދުވަސް ވީ މީހުންގެ ކަންބޮޑުވުން ހުރިކަން ފާހަގަ ކުރެވޭ. އެމީހުންނަށް ވެސް އެނގޭ މިބަލީގައި އެންމެ ރިސްކް ބޮޑީ އެމީހުންނަށްކަން. އެހެންވެ އެކަންބޮޑުވުން އޮންނަނީ." އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބަލިޖެހިފައިވާ މީހުންގެ ތެރޭގައި ޢުމުރުން ދުވަސްވީ ދެމީހަކު އުޅެއެވެ. އޭގެ ތެރެއިން އެކަކީ ހައިރިސްކް މީހެކެވެ. އަދި އެއް އަހަރުން ދަށުގެ ދެ ކުޑަކުދިންނާއި މާބަނޑު މީހަކުވެސް ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފެސިލިޓީއަކަށް ގެންދަންޖެހޭ ވަރަށް ބަލި އެއްވެސް މީހަކު އުޅޭކަމަށް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ. އެރަށުގައި ބަލިޖެހިފައިވާ އެންމެވެންވެސް ތިބީ ހޯމް އައިސޮލޭޝަންގައެވެ. ހޯޑެއްދޫއިން ވާހަކަ ދެއްކި މީހާ ބުނީ އެރަށުން ބަލި ޖެހިފައިވާ މީހުން ފަސް ގެއަކަށް ނިސްބަތްވިނަމަވެސް އެއީ އެއް އާއިލާއެއްގެ މީހުންކަމަށެވެ.

ކޯވިޑް ކޭސްތަކާ ގުޅިގެން ހޯޑެއްދޫގެ ސްކޫލާއި ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަންވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ގޭގެއިން ކާބޯތަކެއްޗަށް އޯޑަރު ކުރުމުން ތަކެތި ގޭގެއަށް ޑެލިވަރީ ކުރުމުގެ އިންތިޒާމު ރަށު ކައުންސިލުން ހަމަޖައްސައިފައިވާކަމަށެވެ. ތަކެއްޗަށް އޯޑަރު ކުރަންޖެހެނީ ކޮންމެ ދުވަހަކުވެސް 9 އާއި 12 ޖެހުމާ ދެމެދުކަމަށް އޭނާ ބުންޏެވެ. މަދުވެގެން ދެދުވަހަށް ވާވަރަށް ތަކެއްޗަށް އޯޑަރު ކުރުމަށް ކައުންސިލުން އެދިފައިވާކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން އާއްމު ދިރިއުޅުމަށް ބޭނުންވާ ތަކެއްޗާއި ކާބޯތަކެތި ހޯދުމުގައި ދަތިކަމެއް ނެތެވެ.

 މަޑަވެއްޔަށް ވެސް ނުރައްކާ ބޮޑު

ހޯޑެއްދޫ އާއި މަޑަވެއްޔަކީ ގުޅިފައި އޮންނަ ދެރަށްކަމުން އާއްމު ބޭނުންތަކާއި ވިޔަފާރީގެ ކަންކަމުގައި އަބަދުވެސް އެއްރަށުން އަނެއް ރަށަށް ގޮސް ހަދައެވެ. އެހެންކަމުން ހޯޑެއްދޫއިން 19 މީހަކު ބައްޔަށް ޕޮޒިޓިވް ވުމުން ހޯޑެއްދޫގެ އިތުރުން މަޑަވެލިވެސް އޮތީ މޮނިޓަރިންގައެވެ. ހޯޑެއްދޫއާއި މަޑަވެލި މިވަގުތު މޮނިޓަރިންއަށް ލާފައި ވުމާއެކު އެދެރަށުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.

ހޯޑެއްދޫއިން ވާހަކަ ދެއްކި މީހަކު ބުނީ މަޑަވެލިންވެސް ސާމްޕަލްތައް ނަގައިފައިވާ ކަމަށެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މަޢުލޫމާތު ނުލިބުމުން ސާމްޕަލް ނެގީ ކިހާ މީހުންގެ ކަމެއްވެސް އަދި ކޮންޓެކްޓުންގެ ގޮތުގައި މަޑަވެލިން ބަޔަކު ފާހަގަ ކުރެވިފައިވާ ކަމެއްވެސް ސާފެއް ނުވިއެވެ.

ހޯޑެއްދޫގައި މިހާރު ވަނީ ޚާއްޞަ ހޮޓްލައިނެއްވެސް ޤާއިމްކޮށްފައެވެ. ޕޮޒިޓިވް ކޭސްތަކާ ކޮންޓެކްޓްވި ފަރާތްތަކާއި ބަލީގެ އަލާމާތްތައް ހުރި މީހުންވެސް އެ ހޮޓްލައިނަށް ގުޅައި ރިޕޯޓް ކުރުމަށް އެޗްއީއޯސީއިން އެދިވަޑައިގަންނަވައެވެ.

ތިނަދޫ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް ޓީމެއް ހޯޑެއްދޫ ޓާސްކްފޯހާއެކު މަސައްކަތް ކުރަމުންދާކަމަށް ވެސް އެޗްއީއޯސީއިން ވިދާޅުވިއެވެ. މި މެޑިކަލް ޓީމްގައި ހިމެނެނީ ޑޮކްޓަރަކާއި ދެ ނަރުހުންނާއި ޓެކްނިކަލް ދެ ބޭފުޅުންނެވެ. މި ޓީމުން ކޭސްތަކާ ގުޅުންހުރި ކަންކަން ދެނެގަނެ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށް އެޗްއީއޯސީއިން ވަނީ ވިދާޅުވެފައެވެ. އަދި ހޯޑެއްދޫއަށް ބޭނުންވާނެ ޕީޕީއީފަދަ ވަޞީލަތްތައް ފޯރުކޮށް ދެއްވަމުން ގެންދަވާކަމަށް ވެސް އެޗްއީއޯސީއިން ވިދާޅުވިއެވެ.

 މާލެ ފިޔަވައި އަތޮޅެއްގެ ރަށަކުން ގިނަޢަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި މިވަނީ ހޯޑެއްދޫ އިންނެވެ. ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ބަލި ޖެހުމުން ރަށުގައި ވަނީ ހާސްކަމާ ކަންބޮޑުވުން އުފެދިފައެވެ. މިހާތަނަށް އެރަށުގެ ގިނަ ޢަދަދެއްގެ މީހުން ބައްޔަށް ޕޮޒިޓިވްވެފައި ވުމުން ކޮމިޔުނިޓީ ސްޕްރެޑެއް ނުވަތަ ބަލި ފެތުރިދާނެކަމުގެ ބިރުވެސް ވަނީ ހީވެފައެވެ. މާލެއަށް ވީގޮތުގެ ތަޖްރިބާއަށްބަލާ ބަލި ފެތުރުން ކޮންޓްރޯލް ކުރުން އޮތީވެސް ރައްޔިތުންގެ އަތްމަތީގައެވެ. އެހެންކަމުން ފިޔަވަޅު ތަކަށް ތަބާވެ ޓްރޭސިންގއަށް ފުރިހަމަ މަޢުލޫމާތު ދިނުމަކީ މިވަގުތު ރައްޔިތުންނަށް ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭނެއެންމެ މުހިންމު ކަމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.