ދިވެހިރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރީ ބަޔަކު ނެތް: މޭޖަރ ޖެނެރަލް ޝަމާލް

ދިވެހިރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރީ ބަޔަކު ނެތް ކަމަށް މޯލްޑިވްސް ޑިފެންސް ފޯސްގެ ގެ ޗީފް މޭޖަރ ޖެނެރަލް ޝަމާލް ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބީ "ހިއުމަނިޓޭރިއަން" މަސައްކަތްތަކެއް ކުރާ ބައެކެވެ. އެއީ ދިވެހިރާއްޖެއަށް ބޭނުންވާ ފަންނީ އެހީތެރިކަން ދޭ ބައެކެވެ. ޝަމާލް ފާހަގަ ކުރެއްވި ގޮތުގައި އަސްކަރީ ބައެއް ކަމުގައި ބެލެވޭނީ އެބައެއްގެ އަމިއްލަ ބޭނުމަށްޓަކައި ހަތިޔާރާއެކު ހަރަކާތްތެރިވާ ބައެކެވެ. އެކަހަލަ އެއްވެސް ބަޔަކު ރާއްޖެއަކު ނެތެވެ.

ޝަމާލް ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތް ހެލިކޮޕްޓަރަކީ "ޓްރާންސަރ" އުސޫލުން ބާއްވާފައި އޮންނަ ހެލިކޮޕްޓަރެކެވެ. އެ ހެލިކޮޕްޓަރ އަބަދުވެސް އޮންނަނީ ދިވެހި ސިފައިންގެ "ކޮމާންޑް" ގެ ދަށުގައެވެ. އެކަމަކު އެޔަށް ކުރަން ޖެހޭ ޚަރަދުކުރުމާއި އުދުއްސުމުގެ ކަންތައް ކުރަނީ އިންޑިއާއިންނެވެ. ދިވެހިރާއްޖެއިން ގެންދަނީ ހެލިކޮޕްޓަރު އުދުއްސާނޭ ބަޔަކު ތަމްރީނު ކުރުމުގެ މަސައްކަތް ވަރަށް "ހަލުވި ސްޕީޑެއްގައި" ކުރަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އަސްކަރީ މަރުކަޒެއް ނެތެވެ. އަދި އެފަދަ މަރުކަޒެއް ހެދުމުގެ މަޝްވަރާއެއްވެސް ނުކުރެވެއެވެ. އެއީ ރާއްޖެއިން ކުރަން ގަސްތުކުރާ ކަމެއްވެސް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.