ސްރީލަންކާ ކައިރިން އަލިފާން ރޯވި ތެޔޮ ޓޭންކަރުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންމެވެސް ވަރަކަށް ކޮންޓުރޯލުކުރެވިއްޖެ

ބިޔަ ތެޔޮ ޓޭންކަރު އެމްޓީ. ނިއު ޑައިމަންޑުގައި އަލިފާން ރޯވެ އަނދަނީ

ސްރީލަންކާގެ އިރުމަތިން ދަތުރުކުރަމުން ބުރާސްފަތި ދުވަހު އަލިފާން ރޯވި ބިޔަ ތެޔޮ ޓޭންކަރުގައި ރޯވެފައިވާ އަލިފާންގަނޑު މިއަދު ހެނދުނު ކޮންމެވެސް ވަރަަކަށް ކޮންޓުރޯލުކުރެފިއިވާ ކަމަށް އިންޑިޔާގެ ކޯސްޓު ގާޑުން ބުނެފިއެވެ.

މިއަދު ހެނދުނު އިންޑިޔާގެ ކޯސްޓު ގާޑުން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ޓެންކަރުގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ވަނީ ނިއްވާލެވިފައެވެ.

"އިންޑިޔާގެ ކޯސްޓުގާޑުގެ އަލިފާން ނިއްވާ އުޅަނދުތައް ވަނީ އެކޮމޮޑޭޝަން ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު ކާމިޔާބުކަމާއެކު ނިއްވާލާފައި. ކޯސްޓު ގާޑުގެ އުޅަނދު ޝައުރްޔާ ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުން. އެއާއެކު 3 ޓަގު ބޯޓު ދަނީ އެ ސަރަހައްދު ފިނިކުރުމުގެ މަސަައްކަތްކުރަމުން. ބޯޓުގެ ފަހަތު ކޮޅުން ކަނޑުގެ ލޮނުގަނޑަށްވުރެ 10 މީޓަރު މަތިން 2 މީޓަރުގެ ރެނދެއް ފެނިފައިވޭ." ކޯސްޓު ގާޑުގެ ޓުވީޓުގައި ވެއެވެ.

2 މިލިއަން ފީފާ ތެޔޮ އުފުލާ ވީއެލްސީސީ (ވެރީ ލާޖް ކްރޫޑް ކެރިއާ) އެމްޓީ. ނިއު ޑައިމަންޑްގައި އިލިފާން ރޯވިއިރު އެ ޓޭންކަރު އޮތީ ސްރީލަންކާގެ ސަންގަމަންކަންޑާގެ އިރުން 65 ކިލޯމީޓަރު ބޭރުގައެވެ. އޭރު އެ ޓޭންކަރު ދަތުރުކުރަމުން ދިޔައީ ކުވޭތުގެ އަލްއަޙްމަދީ ބަނދަރުން ތެޔޮ ބަރުކޮށްގެން އިންޑިޔާގެ އޮޑީޝާ ސްޓޭޓްގެ ޕަރާދީޕް ބަނދަރަށް ދިއުމަށެވެ. އަދި އެ ޓޭންކަރުގައި 2 ލައްކަ 70 ހާސް ޓަނުގެ ސާފުނުކުރާ ތެލާއި 1700 ޓަނުގެ ޑީސަލް ހުއްޓެވެ. ޕަރާދީޕްގައިން އިންޑިއަން އޮއިލް ކޯޕަރޭޝަން (އައިއޯސީ) އިން ދުވާލަކު 3 ލައްކަ ފީފާ ތެޔޯ ސާފުކުރާ ކާރުޚާނާއެއް ހިންގައެވެ.

ސްރީލަންކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނު އިންޑިކާ ޑިސިލްވާ ވިދާޅުވި ގޮތުގައި ޓޭންކަރުގައި ރޯވީ އޭގެ އިންޖީނު ރޫމުގައި އެއްޗެއް ގޮވައިގެންނެވެ. މި ގޮވުމަށް ފަހު ޓޭންކަރުގެ 23 ފަޅުވެރިންގެ ތެރެއިން އެކަކު ވަނީ ގެއްލިފައެވެ. ބެލެވެނީ އޭނާ މަރުވެފައިވާ ކަމުގައެވެ. އަނެއް 22 ފަޅުވެރިން މިހާރު ވަނީ ސަލާމަތްކުރެވިފައެވެ. ފަޅުވެރިންގެ ގޮތުގައި ތިބީ ފިލިޕީންސްގެ 18 މީހަކާއި ގްރީކް 5 މީހެކެެެވެ. ގެއްލިފައި ވަނީ ފިލިޕީންސްގެ މީހެކެވެ.

އެމްޓީ. ނިއު ޑައިމަންޑްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި އިންޑިޔާގެ ކޯސްޓު ގާޑާއިި، ސްރީލަންކާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުގެ އިތުރުން ރަޝިޔާގެ ދެ މަނަވަރެއްވެސް ދަނީ ބައިވެރިވަމުންނެވެ. އެ ދެ މަަނަވަރަކީ ކާބޯތަކެއްޗާއި ފެން ބަރުކުރުމަށް ހަންބަންޓޯޓާގައި ބަނދަރުކޮށްފައި އޮތް ދެ މަނަވަރެވެ.

ސްރީލަންކާއިން ލިބޭ ޚަބަރުތައް ބުނާ ގޮތުގައި، ޓޭންކަރުގައި ރޯވެފައިވާ އަލިފާންގަނޑު ތެޔޮ ރައްކާކޮށްފައިވާ ހިސާބަށް ފެތުރިފައި ނުވާއިރު، އެ އުޅަނދުން ކަނޑަށް ތެޔޮ އެޅުމުގެ ފުރުސަތު އަދި ވަރަށް ކުޑައެވެ. އެހެންނަމަވެސް، ސްރީލަންކާގެ ނޭވީއާއި، ކޯސްޓު ގާޑާއި، ޕޯޓްސް އޮތޯރިޓީއާއި، މެރިން އެންވައިރަންމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ ގުޅިގެން ދަނީ އެ އުޅަނދުން ކަނޑަށް ތެޔޮ އެޅިއްޖެ ނަމަ އެކަމާމެދު އަޅާނެ ފިޔަވަޅުތަކަށް ތައްޔާރުވަމުންނެވެ.

އިންޑިއަން އޮއިލް ކޯޕަރޭޝަނުން ޗާޓަރުކޮށްފައިވާ، ދިގު މިނުގައި 1080 ފޫޓު ހުންނަ އެމްޓީ. ނިއު ޑައިމަންޑަކީ ޖަޕާނުގައި ބަނދެ، 2000 ވަނަ އަހަރު ބާލާފައިވާ އުޅަނދެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.