ރަޝިޔާގެ އިދިކޮޅު ލީޑަރަށް ވަނީ ނޮވިޗޯކް ވިހަ ދީފައި: ޖަރުމަން

ރަަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސޭ ނަވާލްނީއަށް ރޫސީވިލާތުގެ ޒަމާނުއްސުރެ މަޝްހޫރު ވިހަ ނޮވިޗޯކް ދީފައިވާކަން އޭނާގެ ހަށިކޮޅުން ނެގި ސާމްޕަލްތަކުގެ ޓެސްޓްތަކުން ޔަގީންވެފައިވާ ކަމުގައި ޖުރުމަނު ސަރުކާރުން ބުނެފިއެވެ.

ސިޔާސީ ބޭފުޅަަކަށް ވުމުގެ އިތުރަށް، ކޮރަޕްޝަން ތަހުގީގުކުރައްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެވަޑަގެންފާ ނަވާލްނީގެ ހާލުކޮޅު ކުއްލިއަކަށް ގޯސްވީ ފާއިތުވި އޮގަސްޓު މަހުގެ 20 ވަނަ ދުވަހު އޭނާ މޮސްކޯއިން ސައިބީރިޔާއަށް ދަތުރުކުރެއްވި ފްލައިޓު މަތިންނެވެ. ފްލައިޓް ސައިބީރިޔާއަށް ތިރިކުރުމާއެކު އޭނާވަނީ އެމަޖެންސީކޮށް ހޮސްޕިޓަލަށް ގެންދެވިފައެވެ.

އޭނާ ވަނީ ފަހުން ބާލިންގެ ޗެރިޓް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އަަދި އޭރުން އެތަނުން އޭނާ ބެލި ޑޮކްޓަރުން ބުނެފައި ވަނީ އޭނާއަށް ވިހަ ދީފައިވާ ކަމުގެ އަލާމާތްތައް ފެންނަން ހުރި ކަމުގައެވެ.

ޗާންސެލާ އެންޖެލާ މާކެލްގެ ތަރުޖަމާނު ސްޓެފެން ސެއިބާޓް މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވާގޮތުން، ނަަވާލްނީއަށް "ނޮވިޗޯކް ގުރޫޕުގައި ހިމެނޭ ކެމިކަލް ނާވް އެޖެންޓެއް" ދީފައިވާ ކަމުގެ ހެކި ޖަރުމަނުގެ ޚާއްސަ އަސްކަރީ ލެބޯޓަރީއަކުން ކުރި ޓެސްޓުތަކުން ވަނީ ފެނިފައެވެ.

"ރަޝިޔާގައި ދެވުނު ކެމިކަލް ނާވް އެެޖެންޓް ހަމަލާއެެއްގެ ޝިކާރައަކަށް އެލްކްސޭ ނަވާލްނީ ވީކަމީ ކަންބޮޑުވާން ޖެހޭ ކަމެއް. ޖަރުމާނު ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން މި ހަމަލާ ކުށްވެރިކުރަން. މި ހާދިސާ ހިނގައި ދިޔަ ގޮތް އަވަހަށް ސާފުކޮށް ދިނުމަށް ރަޝިޔާ ސަރުކާރުގެ ކިބައިން އެދެން." ސެއިބާޓްގެ ބަޔާނުގައި ވެއެވެ.

ރަޝިޔާގެ ކުރީގެ ޖާސޫސު ސަރްގޭ ސްކްރިޕާލްއާއި އޭނާގެ އަންހެން ދަރިފުޅަށް އިނގިރޭސިވިލާތުގައި ދެވުނު ވިހައަކީވެސް ނޮވިޗޯކެވެ.

ރަޝިޔާ ސަރުކާރުން ބުނި ގޮތުގައި، ނަވާލްނީއަށް ނޮވިޗޯކް ވިހަ ދީފައިވާ ކަން ޖަރުމަނަށް ޔަގީންކުރެވޭ ވާހަކަ ޖަރުމަނު ސަރުކާރުން ރަޝިޔާއަށް އަންގާފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.