ސައިޕްރަސްއަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް އޮތުން އުވާލަން އެމެރިކާއިން ނިންމައިފި

33 އަހަރު ކުރިން ސައިޕްރަސްއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައި، ހަތިޔާރު ވިިއްކު މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން އެެމެރިކާއިން ނިންމައިފިއެވެ. އިއްޔެ މިކަން ހާމަކުރައްވާފައި ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯއެވެ. މި ނިންމުމާމެދު ތުރުކީން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެެވެ.

1974 ވަނަ އަަހަރު ގްރީސްގެ އެހީތެރިކަމާއެކު ސްއިޕްރަސްގައި ގެނައި އިންގިލާބަކާ ގުޅިގެން ތުރުކީ ސިފައިން ސައިޕްރަސްއަށް އެެރިއެވެ. އޭގެ ފަހުން އުތުރު ސައިޕްރައިސްގައި ޓާކިޝް ރިޕަބްލިކް އޮފް ނޯދަން ސައިޕްރަސްގެ ނަމުގައި އުތުރުގައި އެފެއްދި ވަކި ދައުލަތް އެއީ މިނިވަން ގައުމެއް ކަމަށް ތުރުކީން ގަބޫލުކުރެއެވެ. އެހެން އެެއްވެސް ގައުމަކުން އެ ގައުމު ގަބޫލުކޮށްފައި ނުވެއެވެ. ސައިޕްރަސްގެ ދެ ސަރުކާރުގެ ދެމެދުގައި ސުލްހަ ގާއިމުކޮށް ގައުމު އަލުން އެއްކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ސައިޕްރަސްއަށް ހަތިޔާރުވިއްކުން މަނާކުރުމަށް 1987 ވަނަ އަހަރު އެމެރިކާއިން ނިންމީ ގައުމު އަލުން އެއްކުރުމަށް ހިތްވަރު ދިނުމަށާއި، ދެ ފަރާތުގެ ދެެމެދުގައި ހަތިޔާރުގެ ވާދަވެރިކަމެއް އުފެދުނަ ނުދިނުމަށެވެ.

އެމެރިކާގެ ނިންމުމާ ގުޅިގެން ތުރުކީން ބުނެފައި ވަނީ އެމެރިކާގެ ނިންމުން އަނބުރައި ނުގެންދާނަމަ، ތުރުކީންވެސް ބަދަލުގައި ފިޔަވަޅުތަކެއް އަޅާނެކަމުގައެވެ. ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ  ގޮތުން އެމެރިކާއިން އެޅި ފިޔަަވަޅަކީ ގައުމުތަކުގެ މެދުގައި ގުޅިގެން ކަންކަން ނިންމުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް އެޅި ފިޔަވަޅެކެވެ.

"ސައިޕްރަސް އަކީ އިރުމަތީ މެޑިޓަރޭނިއަންގައި އޮތް މުހިއްމު ބައިވެރިއެއް." ޕޮމްޕެއޯ ކުރެއްވި ޓުވީޓެއްގައި ވެއެވެ.

ތުރުކީއާއި ގްރީސްއާ ދެގައުމުން ވެސް ވަނީ ސައިޕްރަސްގެ މައްސަލަ ސުލްހަވެރި ގޮތުގައި ހައްލުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، އެއްވެސް ފަރާތުން ދޫދޭކަށް ބޭނުމެއް ނުވެއެވެ. ދެ ގައުމުން ސުލްހަ ގާއިމުރުމުގެ ވާހަކަ ދެއްކި ނަމަވެސް، ދެ ފަރާތުން ވެސް ދަނީ އެ ސަރަަހައްދުގައި އަސްކަރީ ތަމްރީނުތައް ހިންގުމަށް ތައްޔާރުވަމުންނެވެ. މިއާއެކު ދެ ފަރާތުގެ ނުތަނަވަސްކަން އަނެއްކާވެސް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.