ޝަޣްލީ އެބްދޯ މަޖައްލާގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް 2006 ގައި ޖެހި ކާޓޫނުތައް އަނެއްކާވެސް ޝާއިއުކޮށްފި

ފްރާންސްގެ ޝަޣްލީ އެބްދޯ (ޗާލީ ހެބްޑޯ) މަޖައްލާގައި އަނެއްކާވެސް ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނުތައް ޝާއިއުކޮށްފިއެވެ. މިކަން ކޮށްފައި މިވަނީ އެ މަޖައްލާގައި 2016 ވަނަ އަހަރު ޝާއިއުކުރި ކާޓޫނުތަކުގެ  މައްސަލާގައި މަޖައްލާގެ އޮފީހަށް 2015 ވަނަ އަހަރު ދިން ހަމަލާއާއި ގުޅުން ހުރި 14 މީހެއްގެ މައްޗަށް ހިންގާ ޝަރީއަތް ފެށުމާ ގުޅުވައިގެންނެވެ.

17 ޖަނަވަރީ 2015 ގައި ދެ ހަނގުރާމަވެރިއަކު އެ މަަޖައްލާގެ އޮފީހަށް ދިން ހަމަލާގައި 12 މީހުން މަރާލާފައި ވެއެވެ. މަރުވި މީހުންގެ ތެރޭގައި ކާޓޫނުކުރެހުމަށް މަޝްހޫރު 5 މީހަކުވެސް ހިމެނެއެވެ. މި ހަމަލާގެ ޝަރީއަތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އަބަދުވެސް ދީނަށް ފުރައްސާރަކުރުމަށް މަޝްހޫރު އެ މަޖައްލާގައި އަލުން އެ ކާޓޫނު ޝާއިއުކޮށްގެން ބޭނުންވާ ކަމަކީ މުސްލިމުންގެ ލޭ އަނެއްކާވެސް ކެއްކުން ކަމަށް އެއްބަޔަކު ދެކޭއިރު، އަނެއް ބަޔަކު ދެކެނީ އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ކުރި ކަމެއް ކަމުގައެވެ.

އިތުރު ރަސޫލާ صلى الله عليه وسلم އަށް ފުރައްސާކޮށް އެކަލޭގެފާނު ބަދުބަސް ރައްދުކޮށް 2005 ވަނަ އަހަރުގެ ސެޕްޓެންބަރު ތެރޭގައި ކާޓޫނު ޝާއިއުކުރީ ޑެންމާކުގެ ޖިލާންޑް ޕޯސްޓެން ނޫހުގައެވެ. އެ ނޫހުގައި 12 ކާޓޫނެއް ޝާއިއުކުރިއެވެ. ޖެހިގެން އައި 2006 ވަނަ އަަަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ޝަޣްލީ އެބްދޯ ނޫހުން ވަނީ އެ 12 ކާޓޫނަށް އައު ކާޓޫނެއް އިތުރުކޮށް 13 ކާޓޫނު ޝާއިއުކޮށްފައެވެ.

ފްރާންސްގެ މި މަޖައްލާއިން އިސްލާމްދީނަށާއި އެ ދީނުގެ ރަސޫލާ صلى الله عليه وسلم އަށް އަނެއްކާވެސް ފުރައްސާރަކޮށްފައި މިވަނީ ޔޫރަޕުގައި މާތް ﷲގެ މަތިވެރި ކަލާމްފުޅު ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ހަފުތާގެ އާދީއްތަ ދުވަހު ނޯވޭގެ ބަޔަކު ވަނީ އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ކައިރިއަށް އެެއްވެ ކީރިތި ޤުރްއާން ވީދާފައެވެ. އަދި ފާއިތުވި ހުކުރު ދުވަހު ސްވިޑަންގެ ހައްދު ފަހަނައަޅާފައިވާ ބަޔަކު ވަނީ ކީރިތި ޤުރްއާން އަންދާލުުމުގެ ހުތުރު އަމަލު ހިންގާފައެވެ.

މާދަމާ ޕްރިހުގައި ފަށާ ޝަޣްލީ އެބްދޯގެ އޮފީހަށް ދިން ހަމަލާގެ ޝަރީއަތް އަންނަ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ދެމިގެން ދާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.