މިއަހަރުގެ ޙައްޖު ރައްކާތެރިކަމާއެެކު ނިމިއްޖެ

ޙައްޖުވެރިން އިއްޔެ ވަދާޢުގެ ޠަވާފު ކުރަނީ

މިއަހަރު، ހިޖުރައިން 1441 ވަނަ އަހަރު، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މީހުން ރައްކާތެރިކަމާއެކު އެ އަޅުކަން ނިންމާލައިފިއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 އިން ރައްކާތެރިވުމުގެ ގޮތުން ބޭރު ގައުމުތަކުން ޙައްޖަށް މީހުން އައުން މަނާކޮށް، ހަމައެކަނި ސައޫދީ އަރަބިއްޔާގެ ތެރެއިން 10 ވަރަކަށް ހާާސް މީހުންނަށް ފުރުސަތު ދީގެން ކުުރިއަށް ދިޔަ ޙައްޖުގެ އަޅުކަން ނިމުނު އިރު، އެއްވެސް ޙައްޖުވެރިއަކު ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައި ނުވެއެވެ.

ޙައްޖުގެ އެންމެ ފަހުގެ އަޅުކަން ކަމުގައިވާ ވަދާޢުގެ ޠަވާފުުކުރުމަށްފަހު ޙައްޖުވެރިން ވަނީ އިއްޔެ ހަވީރު މައްކާއިން ފުރަން ފަށާފައެވެ. ވަދާޢުގެ ޠަވާފުުކުރަން މައްކާއަށް އައުމުގެ ކުރިން ޙައްޖުވެރިން ވަނީ ތިން ޖަމްރާއަށް ހިލަ އުކާފައެވެ.

މި ފަހަރު ޖަމްރާއަށް އުކަން ދީފައި ވަނީ ވެސް ސެޓެރިލައިޒްކޮށް ޕެކެޓްގައި ބަންދުކޮށްފައިވާ ހިލައެވެ. އަދި ޖަމްރާތަކަށް މީހުން ވައްދާފައި ވަނީ ވެސް ދުރުދުރުގައި ތިބެގެން ހިލައުކޭ ވަރަށެވެ.

ޙަރަމްފުޅަށް މީހުން ވައްދާފައި ވަނީ ކަނޑައެޅިފައިވާ ވަކި ދޮރުކޮޅުތަކަކުންނެވެ. އަދި އަދި ޠަވާފުކުރާ ތަަނަށް ވައްދަނީވެސް ފާހަގަކޮށްފައިވާ ވަކި މަގުތަކަކުންނެވެ. ޠަވާފުކުރާއިރު ވެސް ދުރުދުރުގައި ތިބެގެން ކުރެވޭ ގޮތަށް ފާހަގަތައް ހުރީ ޖަހާފައެވެ. ޙަޖަރުލް އަސްވަދުގައި ބޮސްދިނުމެއް އަދި ގެފުޅުގައި ބީހުމެއް ނެތެވެ.

އެހެން އަހަރުތަކުގައި ޙަަރަމްފުޅުގެ ތެރޭގައި ހުންނަ ކޫލަރުތަކުން ބޭނުން ވަރަކަށް ބޯން ލިބޭ ޒަމްޒަމް ފެން ވެސް މިފަހަރު ދީފައި ބަންދުކޮށްފައިވާ ކުދި ފުޅީގައެވެ.

ޑެޕިއުޓީ މިނިސްޓަރ އޮފް ޙައްޖު އެންޑް ޢުމްރާ ޢަބްދުލް ފައްތާޙު ބިން ސުލައިމާން މަޝާޠު ވިދާޅުވި ގޮތުގައި ޙައްޖުގެ އަޅުކަން ނިމުމަށް ފަހު ހުރިހާ ޙައްޖުވެރިންގެ މެޑިކަލް ޓެސްޓްތައް ހަދާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.