ހުޅަނގު އައްސޭރީގެ މިސްކިތެއްގައި ރޯކޮށްލައިފި

އިސްރާއީލުން ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގެ އަލްބީރާގައި ހުންނަ މަސްޖިދުލް ބިއްރި ވަލްއިޙްސާންގައި ރޯކޮށް އެ މިސްކިތުގެ ބޮޑު ބައެއް އަންދާލައި މިސްކިތުގެ ފާރުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ލިއުންތަކެއް ލިޔެފިއެވެ. ރޭ ދަންވަރު މި ކަން ކޮށްފައި ވަނީ ޔަހޫދީ ވަޒަންވެރިންގެ ބައެކެވެ.

މިއަދު ރާމަﷲ ގައި އޮތް ފަލަސްޠީނުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުުމުގައި ބޮޑުވަޒީރު އިޝްތިޔާ ވަނީ މި އަމަލު ކުށްވެރިކުރައްވައި އެއީ ނަސްލީ ތަފާކުރުމުގެ ޖަރީމާއެއް ކަަމުގައި ސިފަކުރައްވާފައެެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަމަލުން ފެނިގެން ދަނީ ޔަހޫދީ ވަޒަންވެރިން ކޮންޓުރޯލުން ނެެއްޓިފައިވާ ތަނެވެ. އަދި އިސްރާއީލު ސަރުކާރަށް އެމީހުން ނުހުއްޓުވޭ ތަނެވެ.

ފަަލަސްޠީނުގެ ނޫހަކަށް މައުލޫމާތު ދެއްވަމުން އަލްބީރާ މުނިސިޕަލްޓީގެ ރައީސު ޢައްޒާމް އިސްމާއީލު ވިދާޅުވިގޮތުގައި ރޭ ދަންވަރު 3:30 ގައި އެެރަށު މީހުން ސިއްސުވާލީ އެރަށުގެ އިރުމަތީގައި، އެރަށުގެ ބިމުން ބައެއްގައި ބިނާކޮށްފައިވާ ޔަހޫދީ އާބާދީ ބަސްޣޫތުއާ ކައިރި ހިސާބެއްގައި ހުންނަ މަސްޖިދުލް ބިއްރި ވަލްއިޙްސާންގައި ރޯވެފައި ހުރި އަލިފާން ގަނޑެވެ.

ޔަހޫދީން މަސައްކަތްކޮށްފައި ވަނީ އެ މިސްކިތް އަންދާލުމަށެވެ. އެހެންނަމަވެސް، ރަށު މީހުން ހޭލައި، ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓުރޯލުކުރެވި، މިސްކިތް ވަނީ ސަލާމަތްކުރެވިފައެވެ.  

ފަލަސްޠީނުގެ ޑެޕިއުޓީ މިނިސްޓަރ ފޯ ރެލިޖަސް އެފެއާޒް ޙުސާމު އަބުއްރައްބް ވިދާޅުވި ގޮތުގައި މިސްކިތަށް ހަމަލާދިން މީހުން މިސްކިތުގެ ތެރެއަށް އެއްލާފައި ވަނީ ޕެޓްރޯލް ބޮމެކެވެ. އަދި އެ ބޮމުން މިސްކިތުގެ ދޫލައިގައި ރޯވިނަަމަ މުޅި މިސްކިތުގައި ހުޅުހިފީހެވެ.

މި ހަމަލާއާ ބެހޭ ގޮތުން އިސްރާއީލު ފުހުލުން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

މަސްޖިދުލް ބިއްރި ވަލްއިޙްސާންއަކީ 2016 ވަަނަ އަހަރު ހުޅުވާފައިވާ މިސްކިތެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.