ޢިމާރާތްކުރާ ފަރާތްތަކަށް ކޮވިޑާ ގުޅިގެން ލުއިތަކެއް

ކޮވިޑް- 19 އާ ގުޅިގެން، ޢިމާރާތްކުރާ ފަރާތްތަކަށް ލުއިތަކެއް ދެއްވުމަށް ނިންމައިފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިކަމަށް ޓަކައި ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދަށް އިޞްލާޙުތަކެއް ގެނެސް ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވައިފައެވެ.

ޤަވާޢިދުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި، ނުވަތަ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ނުވަތަ ކާރިސާއެއްގެ ހާލަތުގައި، އެ ހާލަތު އިޢުލާނުކުރާ ދުވަހުން ފެށިގެން އެ ހާލަތު ނިމުނުކަމަށް އިޢުލާނުކުރާ ތާރީޚާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި، ޤަވާއިދުގައި ކަނޑައަޅައިފައިވާ ވަކި ކަންކަމަށް، އެޤަވާޢިދުގައި ބަޔާންކޮށްފައިވާ ލުއިތައް ދިނުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވާކަމަށެވެ. އެގޮތުން ބައެއް އިސްތިސްނާތައް މިނިސްޓަރަށް ދެވިދާނެކަމަށް ވެސް ޤާއިދުގައި ބަޔާންކޮށްފައިވެއެވެ. ޤަވާޢިދުގައި ބަޔާންކޮށްފައިވާ ހާލަތު ހިނގަމުންދާ މުއްދަތުގެ ތެރޭގައި ލުއިދޭ މުއްދަތު ކަނޑައަޅައި، މި ގަވާއިދުގެ 2-35 ވަނަ މާއްދާގައިވާ ލުއި ދެވިދާނެކަމަށް ބުނެފައިވެއެވެ.

އެކަންކަމުގެ ތެރޭގައި މާލީ ލިޔެކިއުން ހުށަހެޅުމުގައި  ޤަވާއިދުގައި ބަޔާންކުރާ ގޮތަށް އޮޑިޓް ކުރުމާއެކު ހުށަހަޅަންޖެހޭގޮތަށް އޮތް އޮތުމުން އިސްތިސްނާކޮށްދިނުންހިމެނެއެވެ. އަދި ރަޖިސްޓަރީކުރުމަށް ބޭނުންވާ ލިޔެކިޔުމެއް އެހެން ބަހަކުން ތަރުޖަމާކުރާ ހާލަތުގައި، ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތް ނިސްބަތްވާ ޤައުމެއްގެ އެމްބަސީން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ޤާނޫނީ ވަކީލަކު ނުވަތަ ލޯ ފާރމަކުން އަސްލާ އެއްގޮތްކަން ބަޔާންކޮށް ހުށަހަޅަންޖެހޭ ގޮތަށް އޮތް އޮތުން އިސްތިސްނާކޮށްދިނުން ހިމެނެއެވެ.

ޤަވާއިދުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން އެހެން އިދާރާއަކުން ދޫކުރާ ލިޔުމެއްގެ ބާވަތަށް ނުވަތަ ނަމަށް އަންނަ ބަދަލަކާ ގުޅިގެން ބަދަލުގައި ދޫކުރާ ލިޔުން ބަލައިގަތުމާއި އެހެން ތަންތަނުން ޞައްޙަކަން ކަށަވަރުކުރަންޖެހޭ ލިޔެކިޔުން ޞައްޙަކަން ކަށަވަރުނުކޮށް ހުއްދަ ދޫކުރުމާއި ޤަވާޢިދުގެ ދަށުން ނަގަންޖެހޭ ފީއެއް ނުވަތަ ދައްކަންޖެހޭ ޖޫރިމަނާއެއް ދައްކަންޖެހޭ މުއްދަތަށް ބަދަލު ގެނައުން ވެސް މިނިސްޓަރަށް ދެއްވި ދާނެ ލުއިތަކުގެ ތެރޭގައި ހިމެނެއެވެ.

ޤަވާޢިދުގައި ބަޔާންކޮށްފައިވާ ހާލަތު ހިނގަމުންދާ މުއްދަތުގެ ތެރޭގައި ފަހަރަކު ތިން މަސްދުވަހަށް ވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން މުއްދަތު އިތުރުކޮށްދެވިދާނެކަމަށް ޤަވާއިދުގައި ބުނެއެވެ. ހުއްދައިގެ މުއްދަތު އިތުރުކޮށްދޭންވާނީ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ޙާލަތު ހިނގަމުންދާ މުއްދަތުގެ ތެރޭގައި ޤަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ފަރާތްތަކަށާއި ޤަވާޢިދުގައި ބުނާ ހާލަތު މެދުވެރިވިއިރު ހުއްދައަށް އެދި ހުށަހަޅައި، އެ ހުށަހެޅުން ބާޠިލުކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ހުއްދަ އައުކުރަން އެދޭ ފަރާތްތަކަށެވެ.

ޤަވާޢިދުންދޭ ލުއިތަކާ ގުޅިގެން ދޫކުރާ ހުއްދައިގެ މުއްދަތު ތިން މަސްދުވަހުގެ މުއްދަތަށްވުރެ އިތުރުނުވާގޮތަށް ކަނޑައެޅިދާނެކަމަށް ޤަވާޢިދުގައި ބުނެއެވެ. ހުއްދައިގެ މުއްދަތު ހަމަވާއިރު ކުއްލި ނުރައްކަލުގެ ހާލަތުން މިންޖުނުވާނަމަ، ޤަވާއިދުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ފަރާތްތަކަށް ހުއްދަ އައުކުރުމުގެ ފުރުޞަތު ދޭންވާނެކަމަށް ވެސް ޤަވާއިދުގައި ބެނެއެވެ.

ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ޤަވާއިދަށްވެސް އިޞްލާޙު ގެނެސް ފަނުވެރިނަށްވެސް ލުއިދެވޭނެ ގޮތްތަކެއް ވަނީ ކަނޑައަޅައިގފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.