އެލްޖީއޭގެ ރައީސް ނެތް ޙާލަތެއްގައި އެ މަސްއޫލިއްޔަތު ނާއިބް ރައީސަށް އަދާކުރެވޭ ގޮތަށް ޤާނޫނު އިޞްލާޙު ކުރަނީ

ލޯކަލްގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ނެތް ޙާލަތެއްގައި އެމަސްއޫލިއްޔަތު ނާއިބް ރައީސަށް އަދާކުރެވޭ ގޮތަށް ޤާނޫނު އިޞްލާޙުކުރުމުގެ ބިލެއް މަޖިލީހަށް ހުށަހެޅި ބަހުސް ފަށްޓަވައިފިއެވެ.

 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނަށް މި އިޞްލާޙު ގެނައުމުގެ ބިލް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާނެވެ. އޭނާ ވިދާޅުވީ މި އިޞްލާޙު ހުށަހެޅުއްވީ ބޯޑު ހިންގުމަށް ދިމާވެދާނެ ދަތިތަކުން އަރައިގަނެ ބޯޑުގެ މަސްއޫލިއްޔަތުތައް ފުރިހަހަމައަށް އަދާކުރުމަށް މަގުފަހި ކުރެއްވުމުގެ ގޮތުންކަމަށެވެ.

މިބިލް ބަހުސްގައި މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވީ ޤާނޫނަށް ބަދަލު ގެނެސްގެން އެލްޖީއޭގެ ރައީސަށް އޮންނަ ބައެއް މަސްއޫލިއްޔަތުތައް ނާއިބް ރައީސްއަށް ބަދަލުކުރި ކަމުގައިވިއަސް ޤާނޫނު އަސާސީގައި މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވަނި ވަޒީރު ކަމަށެވެ. އެހެންކަމުން ޤާނޫނަށް އިޞްލާޙު ގެނެސްގެން އެކަމަށް ބަދަލު ނުގެނެވޭނެ ކަމަށެވެ. ޝަރީފް ވިދާޅުވީ އެލްޖީއޭގެ ރައީސްކަން އަދާކުރަން ވަގުތީ ގޮތުން ވަޒީރު ނުކުޅެދިއްޖެ ޙާލަތެއްގައި އެމާޤާމަށް ރައީސުލް ޖުމްހޫރިއްޔާ އެހެން ވަޒީރަކު ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހުޅުމާލޭ ދާއިރާގެ މެމްބަރ ޢަލީ ނިޔާޒު އަދި ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު ވިދާޅުވީ ބޯޑު މެމްބަރަކަށް ނުވިއަސް ވަޒީރަށް މަޖިލީހަށް ޖަވާބު ދާރީ ވޭވޭނެ ކަމަށެވެ. މިހާރުވެސް އެހެން ހިނގަމުންދާ މުއައްސަސާތައް ހުރިކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން މިސާލެއްގެ ގޮތުން ފާހަގަ ކުރެއްވީ އިމިގްރޭޝަނާއި ކަސްޓްމްސްއެވެ. އެ ދެ މުއައްސަސާގެ ކަންކަމުގައިވެސް ވަޒީރަށް މަޖިލީހަށް ޖަވާބުދާރީ ވެވޭކަން މެމްބަރ ޢަލީ ނިޔާޒު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކޮމެޓީގެ މަރުހަލާގައި ބިލް ދިރާސާ ކުރެއްވުމުގައި އެކަންކަމަށް ރިޢާޔަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އިދާރި ދާއިރާތައް ހިންގުމުގެ ވަގުތީ ޤާނޫނުން އެލްޖީއަށް ވަރަށް ބޮޑު ބާރުތަކެއް ދީފައިވާއިރު ނިޒާމު މަޑުޖެހުމެއް ނެތި އަވަހަށް ހިންގުމަށް އެލްޖީއޭ ބޯޑުގެ ބައްދަލުވުންތައް ބާއްވައި ނިންމަން ޖެހޭ ނިންމުންތައް ނިންމުން އަވަސް ކުރަން ޖެހޭ ކަމަށް މެމްބަރ ޢަލީ ނިޔާޒު ފާހަގަ ކުރެއްވިއެވެ. އެއީ ޤާނޫނު ފާސްވެގެން ދިޔައިރުވެސް ގެންނަން ޖެހޭ އިޞްލާހެއްކަން ފާހަގަ ކުރެއްވިއެވެ. ބިލަށް ހުށަހެޅިފައިވާ އިޞްލާޙުން އެކަމަށް މަގު ފަހިކޮށްދޭ ކަމަށް ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.