ރިނައިސެންސް ޑޭމުގެ މައްސަލައިގައި މަޝްވަރާތައް ކުރިއަށްގެންދަން އިތިއޯޕިޔާ، މިސްރު އަދި ސޫދާން އެއްބަސްވެއްޖެ

ނީލަ ކޯރުގެ އެއް ކަފި ކަމުގައި ވާ ބްލޫ ނައިލް ހުރަހަށް އިތައޯޕިޔާއިން ބިނާކުރާ 'ދަ ގްރޭންޑް އިތިއޯޕިޔަން ރިނައިސަންސް ޑޭމް (ރިނައިސަންސް ޑޭމް) ގެ މައްސަލައިގައި އެ ކޯރުގެ ފެން ހިއްސާކުރާ ތިން ގައުމު ކަމުގައިވާ އިތިއޯޕިޔާ، މިސްރު އަދި ސޫދާންގެ މެދުގައި އުފެދުނު ދެބަސްވުންތައް ހައްލުކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތިން ގައުމުން އެއްބަސްވެއްޖެއެެވެ.

4.6 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން އިތިއޯޕިޔާއިން ބިނާ ކުރަ ބިޔަ ޑޭމުގެ މަަސައްކަތް ނިމުމާ ކައިރިވެ، އިތިއޮޕިޔާއިން ޑޭމަށް ފެންއަޅައި ފުރަން ފެށުމާއެކު މިސްރާއި ސޫދާނުން ވަނީ އެކަމާމެދު ނުރުހުން ފާޅުކޮށް އިތިއޯޕިޔާއަށް ބަހުގެ ހަމަލާތަކެއް ދީފައެވެ.

އިތިއޯޕިޔާ ތެރެއިން ލާފައި، ސޫދާން ހުރަސްކޮށް، މިސްރުގެ ތެރެއިން ގޮސް މެޑިޓަރޭނިއަން ކަނޑަށް ފައިބާ ނީލަކޯރުގެ ފެންގަނޑު ހުރަހަށް ޑޭމެއް ހަދައި، އެ ފެންގަނޑު ހިފެހެއްޓުމުން، ސޫދާނާއި، މިސްރަށް އެ ކޯރުން ލިބޭ ފެނުގެ މިންވަރު ދަށްވެއެވެ. އެކަމުގެ އަސަރު ސޫދާނަށްވުރެ ބޮޑަށް ކުރާނީ މިސްރަށެވެ. އިގްތިސާދު މައިގަނޑު  ގޮތެއްގައި ދަނޑުވެރިކަމުގެ މައްޗަށް ބިނާވެފައިވާ މިސްރަށް ނީލަ ކޯރުން ލިބޭ ފެން މަދުވެއްޖެނަމަ ދަނޑުވެރިކަން ހީނަރުވެ އިގުތިސާދަށް ލޮޅުން އަރާނެއެވެ.

އަނެއްކޮޅުން، އިތިއޮޕިޔާއިން ދެކެނީ ޑޭމަކީ އެ ގައުމަށް އިންތިހާއަށް ބޭނުންވެފައިވާ ކަރަންޓު އުފެއްދުމަށް އެހާމެ ބޭނުންތެރި މަޝްރޫއެއް ކަމުގައެވެ.

ތިން ގައުމުގެ މެދުގައި އުފެދުނު ދެބަސްވުންތައް ކޮންޓުރޯލުން ނެއްޓި އަސްކަރީ ކުރިމަތިލުމަކާ ހަމަައަށް ނުދަނީސް، އެފްރިކަން ޔުނިއަން (އޭޔޫ) އިން ވަނީ ތިން ގައުމު މަޝްވަރާގެ މޭޒުދޮށަށް ގެނެސްފައެެވެ.

މަޝްވަރާތަކަށް ފަހު، އިތިއޯޕިޔާގެ ބޮޑުވަޒީރު އަބީ އަޙްމަދުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ތިން ގަައުމު ވަނީ މައްސަލަ ހައްލުކުރެވިގެންދާ ފަދަ އެއްބަސްވުމުކަަށް ވާސިލުވުމަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސްފައެވެ.

މިސްރުގެ ރައީސު ޢަބްދުލް ފައްތާޙު ސީސީ ވިދާޅުވީ ދެބަސްވުން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް މިސްރު އޮތީ އިޚްލާސްތެރިކަމާއެކު މަސައްކަތްކުރަން ތައްޔާރަށް ކަމުގައެވެ.

މަޝްވަަރާތަކާ ބެހޭގޮތުން ސޫދާނުގެ އިރިގޭޝަން މިނިސްޓަރު ޔާސިރު ޢައްބާސް ވިދާޅުވީ މައްސަލަ ޖެހޭ ނުގުތާތަކާމެދު މަޝްވަރާތައް ކުރިއަށް ގެންދަން ތިން ގައުމުގެ ވެރިން އެއްބަސްވެވަޑައިގެންފައިވާ ކަަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.