މުޞްޙަފް - 69

(20 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދެމައިން ހިމޭނުން ތިބެގެން އަޑުއަހަނީއެވެ. ސޫރަތުގައި ބަޔާން ކުރެވިފައި ވަނީ ހޮހަޅައިގައި ތިބި މީހުންގެ ވާހަކައާއި ކުއްތާގެ ވާހަކައެވެ. އެއީ ހިނގާލަން ނުކުތް ޒުވާނުންތަކެއްގެ ވާހަކައެވެ. އަދި ލިބިފައިވާ މުދަލާއި އައުލާދުގެ މައްޗަށް ފަޚުރުވެރިވެ ބޮޑާވެގަތް ބައެއްގެ ވާހަކައެވެ. އެއީ ބަގީޗާތަކެއްގެ ވެރިންނެވެ. މޫސާ ޢަލައިހިއްސަލާމްގެ ވާހަކައެވެ. އެކަލޭގެފާނާއި އެހެން ބޭކަލަކާ ބައްދަލުވެވަޑައިގަތް ވާހަކައެވެ. އެ ދެބޭކަލުން ކުރެއްވި ދަތުރުފުޅުގެ ވާހަކައެވެ. މަހެއް ކަނޑަށް ދޫވެގެން ދިޔަ ވާހަކައެވެ. އިރުމަތިން ހުޅަނގަށް ދަތުރުކުރި މީހެއްގެ ވާހަކައެވެ.

ކީރިތި ޤުރްއާނުގެ މެދުތެތޭގައި ބަޔާން ކުރައްވައިފައި މި ވަނީ ހަތަރު ވާހަކައެކެވެ. ސޫރަތް ނިމުނީމާ ތައިމޫރް އިސްއުފުލައިލިއެވެ. މެހެމަލް ކެސެޓު ރިކޯޑަރު ނިއްވައިލިއެވެ.

"އެއީ ކާކުގެ އަޑެއްކަން ދަރިފުޅަށް އެނގޭތަ؟"

ތައިމޫރް ބޯ ހޫރައިލިއެވެ.

"އެއީ ޤާރީ މިޝާރީ. އެއީ ކާކުކަން ދަރިފުޅު ދަންނަންތަ؟"

އަނެއްކާވެސް ތައިމޫރް ބޯ ހޫރައިލިއެވެ.

"އިހަށް އެއީ ލަވަކިޔާ މީހެއް. ޤުރްއާން ކިޔަވަން ފެށުމާއެކު ލަވަކިޔުން ހުއްޓައިލާފައި ޤާރީއަކަށް ވީ. އެގާރަ ރާގަކަށް އޭނާ ޤުރްއާން ކިޔަވާ. މަންމައަށް އެންމެ ރީތި ރާގަކީ މިއީ. ދަރިފުޅަށް ރީތިތަ؟"

"އާނ." ތައިމޫރް ބުނެލިއެވެ. އެއީ މީގެ ކުރިން ހަޅޭއް ލަވަމުން ދުވި ހަލަނި ކުއްޖާއެކޭ އެއްވެސް މީހަކު ނުބުނާނެއެވެ.

މެހެމަލް އިރުކޮޅެއް ވާންދެން ހިމޭނުން އޭނާގެ ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އެއީ އޭނާގެ ދަރިފުޅެވެ. ނުރުހިފައި އޭނާޔާ ދުރުގައި ހުރެވޭނީ ކިހައި ދުވަހަކު ހެއްޔެވެ؟

"މަންމަޔާ އަދިވެސް ރުޅިތަ؟"

ތައިމޫރް އޭނާޔާ ދިމާއަށް ބަލައިލިއެވެ. އަނގަޔަކުން ނުބުނެއެވެ.

"މަންމަ ދެކެ ރުޅި އަންނަނީ ކީއްވެގެން؟"

އަދިވެސް އަނގަޔަކުން ނުބުނެއެވެ.

"މަންމަ ވަރަށް ގޯސްތަ؟ މަންމަގެ ގައިގައި ޖަހާނަމޭ ހިތަށް އަރާތަ؟"

"ނޫން... ނޫން." ތައިމޫރަށް ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ބުނެލެވުނެވެ. އެޔަށް ފަހު ތުންފަތް ހަފާން ފަށައިފިއެވެ.

"ދަރިފުޅު އިހަކަށް އެހެންނެއް ނޫން. މަންމައަށް ގޮވައިލާން ހަސްފަތާލަށްވެސް އަންނަމެއްނު؟ މަންމަޔާ ވާހަކަވެސް ދައްކަމެއްނު؟ މަންމަ ދެކެ ލޯބިވެސް ވަމެއްނު؟ ދަރިފުޅު ހަނދާން ނެތުނީތަ؟"

ތައިމޫރްގެ މޫނުމަތީން ފެނުނީ ހައިރާންކަމެވެ.

"މަންމައަށް އަޑު އިވޭތަ؟" މިއީ މިހައި ގާތް ގޮތަކަށް ތައިމޫރް އޭނާޔާ މުޚާޠާބް ކުރި ފުރަތަމަ ފަހަރެވެ. މެހެމަލްގެ ހިތް ފުރިގެން ބަންޑުން ވެއްޖެއެވެ.

"މަންމަގެ ތައިމޫރްގެ އަޑު މަންމައަށް ނީވޭނެހެން ހީވޭތަ؟ އެއީ ވާނެ ކަމެއްތަ؟" މެހެމަލްވެސް ކުރީ ސުވާލެކެވެ. ތައިމޫރްގެ ޅަ ސކުނޑިއަށް ނުވިސްނޭ ވަރުގެ ވާހަކައެއް ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. ދޮގެއް ހަދާކަށްވެސް އަދި މާޔޫސް ކުރުވާކަށްވެސް ބޭނުމެއް ނުވިއެވެ.

"އެހެން... އެހެންވެއްޖެއްޔާ ބައްޕަ ތައިމޫރްގެ ގައިގައި ޖެހިރޭ މަންމަ ވާހަކަ ނުދެއްކީ ކީއްވެގެން؟ އަޑު އިވޭނު؟ ވާހަކަ ނުދެއްކީ ކީއްވެގެން؟" ތައިމޫރްގެ އަޑު ތަންކޮޅެއް ގަދަ ވެއްޖެއެވެ. ރުޅި އަންނާން ފަށައިފިއެވެ.

"މަންމައަކަށް ވާހަކައެއް ނުދެއްކޭ. މަންމަ އޮތީ ބަލިވެއެއްނު؟ ބައްޕަ ދަރިފުޅުގެ ގައިގައި ޖެހީ ކީއްވެގެން؟"

އެއީ މެހެމަލްގެ ހިތަށް ވަރަށް އަސަރު ކުރި ވާހަކައެކެވެ. އެކަމަކު އެކަން ނުދައްކައި ހިތްވަރުކޮށްލިއެވެ.

"އެއީ ބައްޕަ އެ ހަންޑިއާ އިންނާތީ. ތައިމޫރް އަރައިރުންވީ..." ތައިމޫރް ފެންކަޅި ވެއްޖެއެވެ. "ބައްޕަ ބުނީ އޭނާޔާ އިންނާނަމޭ. މަންމަ ވަރިކޮށްލާނީއޭ. އެހެންވީމާ ތައިމޫރް އަޑުގަދަކުރީ." މިހެން ބުނެވުމާއެކު ބާރަށް ރޮވިއްޖެއެވެ.

"ތައިމޫރް... ދަރިފުޅާ." މެހެމަލްގެ ހިތުގައި ހީވީ މީހަކު ބާރަށް ޖެހީހެންނެވެ. ދަރިފުޅު ރޯތަން ބެލުމަކީ އޭނާއަކަށް ކުޅަދާނަވާ ވަރުގެ ކަމަކަށް ނުވިއެވެ.

"މިކޮޅަށް... މަންމަ ކައިރިއަށް އާދެބަލަ."

ތައިމޫރް މޫނުގައި އަތް އަޅައިގެން ހުރެ ރޮނީއެވެ. މެހެމަލް އަތްދިއްކޮށްފައި ތައިމޫރްގެ އަތުގައި ހިފައިލިއެވެ.

"މަންމަގެ ކައިރިއަށް އާދޭ..."

ތައިމޫރް މަޑުމަޑުން ގޮނޑިން ފައިބައިގެން އަތުވެއްޖެއެވެ.

"ބައްޕަ ޖެހީ ކީއްވެގެން؟"

"ތައިމޫރް ބުނީ އެ ހަންޑިއަށް މިގޭގައި އުޅުނަ ނުދޭނަމޭ. ބައްޕަ ބުނީ މަންމައަކީ ނުބައި މީހެކޭ. އެހެން ބުނީމާ ތައިމޫރް ވަރަށް ބާރަށް ހަޅޭއް ލެވީ. ދެން ބައްޕަ ޖެހީ." އޭނާ ކަރުނައިން ތެމިފައިވާ މޫނުގައި އަތް ޖައްސައިލިއެވެ. މެހެމަލް ތައިމޫރްގެ މޫނުގައި ފިރުމައިލިއެވެ. އޭނާ މެހެމަލްގެ ކައިރީގައި ކޮޅަށް ހުރެގެން ރޮނީއެވެ.

"ދެން ދަރިފުޅު މަންމަގެ ކައިރިއަށް އައީތަ؟"

"އާނ... ތައިމޫރް މަންމަގެ ކައިރިއަށް އައިސް ވަރަށް ގިނަ އިރުވާންދެން ރުއިން. މަންމަ އަނގައިން ނުބުނެ ނިދާފައި އޮތީ. ވާހަކަވެސް ނުދައްކާ. ތައިމޫރް އެކަނި ދޫކޮށްލީ. މަންމަ ވާހަކައެއް ނުދައްކާ. ތައިމޫރް ދެކެ ލޯތްބެއް ނުވޭ."

"ދަރިފުޅު ރުޅި އައީ އެހެން ވެގެންތަ؟" މެހެމަލް އޭނާގެ ކަރުނަ ފޮހެލައި ދިނެވެ. "އޭރު މަންމަ އޮތީ ވަރަށް ބޮޑަށް ބަލިވެ. ވާހަކައެއް ނުދެއްކޭ. އެކަމަކު މިހާރު މަންމަ މިހިރީ ދަރިފުޅުގެ ގާތުގައެއްނު؟ މިހާރުވެސް ރުޅިތަ؟"

ތައިމޫރް އަތްތިލައިގެ ފުށަތުން ކަރުނަ ފޮހެލަމުން ބޯ ހޫރައިލިއެވެ. މެހެމަލް އޭނާގެ ދަރިފުޅުގެ ގައިގައި ބައްދައިލިއެވެ.

އޭނާގެ ވުޖޫދަށް އެ ލިބުނީ ހާދަހާ ބޮޑު ފުރިހަމަކަމެކެވެ. މުޅި ދިރިއުޅުން ފުރިހަމަވެ ނިމުނީއޭ އޭނާގެ ހިތަށް އެރިއެވެ. ހުމާޔޫން ދާވޫދޭ ކިޔާ މީހަކުގެ ބޭނުމެއް މިހާރަކު ނެތެވެ. އޭނާއަށް އޭނާގެ ތައިމޫރް ލިބިއްޖެއެވެ.

* * *

އެއީ ވަރަށް ރީތި ދުވަހެކެވެ. ދެމައިން ރަނގަޅަށް ރުއިމަށް ފަހު ވަރަށް ގިނަ އިރުވާންދެން ވާހަކަވެސް ދެއްކިއެވެ. ބައެއް ފަހަރު ބަގީޗާތެރޭގައެވެ. ބައެއް ފަހަރު ކާމޭޒުދޮށުގައެވެ. އަދި ތައިމޫރްގެ ކޮޓަރީގައި ތިބެގެންވެސް ވާހަކަ ދެއްކިއެވެ.

ތައިމޫރާ ވާހަކަ ދެކެވުނީމާ މެހެމަލަށް އެނގުނު ގޮތުގައި މެހެމަލަށް އެކުއްޖާފުޅު ދެއްކި ރުޅީގެ ހަގީގީ ސަބަބަކީ އެ ކިޔައިދިން ހާދިސާއެވެ. ބައްޕަ ޖެހީމާ އެ ކުއްޖާފުޅު އައީ މަންމަ ގާތަށް ޝަކުވާ ކުރާށެވެ. އެކަމަކު ރޮއިރޮއި އަވަދިވީއިރުވެސް މަންމަ ޖަވާބެއް ނުދިނެވެ. ވާހަކައެއް ނުދެއްކިއެވެ. އެހެންވީމާ މަންމަ ދެކެ ރުޅި އައީއެވެ. އެކަމަކު އެއީ ކުޑަ ކުއްޖެކެވެ. މަންމަ ދެކެ ރުޅި އައިސްގެން މާ ގިނަ ދުވަހަކު ނުހުރެވޭނެއެއް ނޫން ހެއްޔެވެ؟ މިހާރު އެހެރީ ހަމަޖެހިފައެވެ. ރުޅިއާއި ގޮތް ނޫކުރުމަކީ އެ ކުއްޖާއަށް މަންމައާއި ބައްޕަގެ ފަރާތުން ވާރުތަ ކުރި ސިފައެކެވެ. އެކަމުގައި އެ ކުއްޖާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟

ވާހަކައިން އެނގުނު ދެވަނަ ކަމަކީ ހުމާޔޫނާއި އާރްޒޫގެ ކަންތައްގަނޑު ތައިމޫރަށް އެނގޭ ކަމެކެވެ. އެކަމަކު މެހެމަލް އެ ވާހަކަ އިތުރަކަށް ނުދައްކައެވެ. ތައިމޫރަކީ އާދަޔާ ޚިލާފަށް ވިސްނުން ތޫނު ކުއްޖަކުކަންވެސް އޭނާއަށް ފާހަގަ ކުރެވުނެވެ. ގޭތެރޭގައި ހިނގާ ހުރިހައިކަމެއް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ހުމާޔޫން އޭނާ ވަރިކުރިކަމާއި، އޭނާޔާ ދިމާއަށް އެއްޗެކޭ ބުނިއްޔާ ބުނީ ކޮން އިރަކު ކަމާއި މި ނޫނަސް ހުރިހައި ކަމެއް އެނގެއެވެ. މެހެމަލް ދެކެ ރުޅި އަންނަކަން ދެއްކި ނަމަވެސް އޭނާޔާ ބެހޭ ހުރިހައި ކަމެއް ވަރަށް ރަނގަޅަށް ތައިމޫރް ބަލައެވެ.

"ބައްޕަ ވަރި އަނބުރާ ނުގެންދިޔައިއްޔާ މަންމަ މިގެއިން ދާނީތަ؟" ދެމީހުން މިހާރު ތިބީ ތައިމޫރްގެ ކޮޓަރީގައެވެ.

"މަންމައަށް ޖެހޭނީ ދާން."

"އެކަމަކު ދެމަހާއި އެއް މަހުގެ އެއްބައިގައި މަންމައަށް އަދި މިގޭގައި ހުރެވޭނެ ދޯ؟ ވަރި ކުރީމާ ތިން މަސް ވާންދެން މަންމަ މިގޭގައި ހުންނަން ޖެހޭނެއެއްނު؟"

ތައިމޫރްގެ ވާހަކަ އަހައިފައި މެހެމަލް ވަރަށް ބޮޑަށް ހައިރާންވިއެވެ. އެހައި ކުޑައިރުވެސް އެހުރިހައި ކަމެއް އޭނާއަށް އެނގެނީ ކިހިނެއް ބާވައެވެ؟

"އާނ..."

"މިހާރުވީ އެއް މަހުގެ އެއްބައި. އެހެންވީމާ އަދި ބައިވަރު ދުވަސް އެބައޮތް. ބައްޕަ ފަހަރެއްގައި ވަރި އަނބުރާ ގެންގޮސްފާނެ."

ފުރަތަމަ ވަރި އަނބުރައި ނުގެންދެވޭނެއޭ، ޖެހޭނީ ރުޖޫޢަ ކުރާށޭ ބުނެފާނަމޭ މެހެމަލްގެ ހިތަށް އެރިއެވެ. އެކަމަކު ޅަ ސިކުނޑިއަކަށް އެކަހަލަ ހައިޖާނީ މައްސަލައެއް ވައްދާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންވީމާ އެހެން ވާހަކައެއް ފަށައިފިއެވެ.

"ދަރިފުޅުގެ ދަބަސް މަންމައަށް ދައްކަބަލަ."

"ވާހަކަ ބަދަލު ނުކުރޭ. ތައިމޫރް މިހާރު މުޅި ދަބަސް އެކީގައި ދައްކައިފިން."

"އާނ... އާނ... ފޮތްތައް ދައްކަބަލަ."

"މެހެމަލް... މެހެމަލް..." ތައިމޫރަށް އެއްޗެކޭ ބުނެވުމުގެ ކުރިން ބޭރުން އިވުނީ ފަރިޝްތޭގެ އަޑެވެ. އޭނާގެ ގޮނޑި ހުރީ ދޮރާ ތަންކޮޅެއް ދުރުގައި ކަމަށް ވާތީ އޭނާ ތައިމޫރަށް އިޝަރާތް ކޮށްލިއެވެ.

"ދަރިފުޅާ. ދޮރު ހުޅަވާލަބަލަ."

"ނޫން." ތައިމޫރް ތުން ދަމައިލިއެވެ. އެނދުގައި އިންގޮތަށް އިނީއެވެ.

"މެހެމަލް." ފަރިޝްތޭ އަނެއްކާވެސް ގޮވައިލިއެވެ.

"ދަރިފުޅާ. ތައިމޫރް. ދޮރު ހުޅުވަބަލަ. ބޮޑުދައިތަ ގޮވަނީނު؟" އޭނާ ބޭނުންވީ ފަރިޝްތޭއަށް ގޮވާށެވެ. މި ވަގުތު ތައިމޫރް ރުޅި އަރުވާކަށް ބޭނުމެއް ނުވެއެވެ.

"އެއީ ތައިމޫރްގެ ބޮޑުދައިތައެއް ނޫން." އޭނާ އެނދުން ތެދުވެގެން ގޮސް ދޮރު ކުޑަކޮށް ހުޅުވައިފައި ދޮރުން ބޯދީ ބޭރު ބަލައިލިއެވެ. "ކިހިނެއްވީ؟"

"ސަނީ. މަންމަ ކޮބާ؟" ފަރިޝްތޭ އަހައިލީ އަޑު އިވުނެވެ.

"މިތާ ތައިމޫރްގެ ކައިރީގައި އެބަހުރި. އަހަރެމެންނަށް އުނދަގޫ ނުކުރޭ." އެހެން ބުނެފައި އެނބުރި ބަަލައިލީއިރު މެހެމަލް ހުރީ ކުޑަކޮށް ނުރުހުންވެފައެވެ.

"އެއީ މަންމަގެ ދައްތަ. ދަރިފުޅު ދައްތައަށް މަންމަޔާ ވާހަކަ ދެއްކުނަވެސް ނުދޭނަންތަ؟"

"ްއެއީވެސް ގޯސް މީހެއް. މަންމަ ދެވަނަ ހަންޑިއާ ވާހަކަ ދައްކަން އުޅެނީ ކީއްކުރަން؟ މިގެއިން ދާށޭ ބުނޭ." ރުޅި އައިސްފައި ހުރެގެން އޭނާ ދޮރު ހުޅުވައިފިއެވެ.

"އާދޭ." ފަރިޝްތޭ ފެނުނީމާ މެހެމަލް ހިނިތުންވެލިއެވެ.

އޭނާ ހައިރާން ވެފައި ދޮރުމަތީގައި ހުއްޓިގެން ހުރީއެވެ.

"މެހެމަލާއި ސަނީ... ޔާރައްބީ... މިއީ ކިހިނެއްވީ ކަމެއް؟" އޭނާގެ ހައިރާންކަމުގެ ތެރެއިން އުފާވެރިކަމުގެ އަސަރުވެސް ފެންނާން ހުއްޓެވެ.

"މިއޮތީ ވެފައެއްނު؟ ﷲ އަށް ޝުކުރުހުރި." މެހެމަލް އަނެއްކާވެސް ހިނިތުންވެލިއެވެ. އެ ސުވާލުގެ އެދެވޭ ޖަވާބެއް އޭނާއަކަށްވެސް ނޭނގެއެވެ.

"ދައްތަ ވަރަށް ބޮޑަށް އުފާވެއްޖެ." ފަރިޝްތޭގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. މެހެމަލަށް އެއްޗެކޭ ބުނެވުމުގެ ކުރިން ތައިމޫރް ވާހަކަ ދައްކާން ފަށައިފިއެވެ.

"ނޫން. ހުސް ދޮގު. ތައިމޫރަށް އެނގޭ."

ފަރިޝްތޭގެ މޫނުމަތީން ދެރަވުމުގެ އަސަރު ފެނުނެވެ.

"ސަނީ..."

"މިތަނުން ދޭ." ތައިމޫރް ވަރަށް ބާރަށް ހަޅޭއް ލަވައިގެންފިއެވެ. ފަރިޝްތޭ ތުންފަތް ހަފައިލުމަށް ފަހު އަނގައިންވެސް ނުބުނެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

އޭނާ ނުކުތީމާ ތައިމޫރް ވަރަށް ބާރަށް ދޮރު ލައްޕައިލިއެވެ. އަދި މޭޒުމަތީގައި އޮތް ކަރުދާސްގަނޑެއް ނަގައި ވީދައި ކުދިކޮށްލައިފިއެވެ. މިހާރުވެސް ހުރީ މުށްކެވިފައެވެ.

މެހެމަލް އިނީ ބަލަހައްޓައިގެންނެވެ. ތައިމޫރް އައިސް އެނދުގައި އިށީނދެއްޖެއެވެ. މެހެމަލް ފޮތަކުން ގަނޑެއް ނައްޓައިލުމަށް ފަހު ތައިމޫރަށް ފޯރުކޮށްލިއެވެ.

"އަން... މިވެސް ވީދާލާ." ތައިމޫރް ހައިރާންވެފައި މެހެމަލާ ދިމާއަށް ބަލައިލިއެވެ. އަދި އެ ކަރުދާސްގަނޑު އަތުލައިގެން ވީދައިލައިފިއެވެ.

"މިވެސް ވީދާލާ..." މެހެމަލް ފަހަރަކު ގަނޑެއް ދިއްކުރަމުން ދިޔައެވެ. ތައިމޫރް ރުޅި އައިސް ރަތްވެފައި ހުރެގެން ވީދަމުން ދިޔައެވެ. އެންމެ ފަހުން ވަރުބަލިވެގެން ވީދުން ހުއްޓާލައިފިއެވެ.

"ދެން ގޮސް ފެން ބޮއިގެން އާދޭ. މަންމައަށްވެސް ފެން ގެންނާތި."

ތައިމޫރްގެ ރުޅިގަނޑު ބޭރަށް ނުކުމެގެން ވަޔަށް ބުރައިގެން ހިނގައްޖެއެވެ. އެހެންވީމާ މަޑުމަޑުން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. އިރުކޮޅަކުން އެނބުރި އައީ ފެންތަށްޓެއް ހިފައިގެންނެވެ. މެހެމަލް ތަށި އަތުލައިގެން ފެން ބުއިމަށް ފަހު ހުސް ތަށި ތައިމޫރަށް ފޯރުކޮށްލިއެވެ.

"މި ތަށި ފާރުގައި ޖަހައި ތަޅައިލާ."

ތައިމޫރް ތުންފަތުގައި ދަތް އަޅައިގެން ހުރީއެވެ. ތަށި އަތުލާކަށް ނޫޅުނެވެ.

"މި ތަށި ތަޅައިލަން ބޭނުންތަ؟"

"ނޫން." މިހާރު ހުރީ ރުޅި މަޑުވެފައެވެ.

"ހިނގާ... ބޭރަށް ބަގީޗާ ތެރެއަށް ދާން. މަންމަ ވަރަށް ރީތި ވާހަކައެއް ކިޔައި ދޭނަން."

ތައިމޫރް އުފަލުން ހީނލިއެވެ. އަދި ތަށި އަތުލުމަށް ފަހު ދޮރު ހުޅުވައިލާފައި އެއް ފަރާތަކަށް ޖެހިލުމަށް ފަހު މެހެމަލް ނުކުންނާން ތަން ދެއްކިއެވެ. މެހެމަލް އަމިއްލައަށް ގޮނޑި ދުއްވައިފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ.

* * *

ދެމައިން ތިބީ ފެންޑާގައި އިށީނދެގެންނެވެ. މެހެމަލްގެ އަތުގައި އޮތީ ޤުރްއާނުގެ ވާހަކަތަކުގެ ފޮތެކެވެ. އޭނާ ދަރިފުޅަށް ކިޔައި އެދެނީ މޫސާ ޢަލައިހިއްސަލާމްގެ ވާހަކައެވެ. ފާއިތުވެ ދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާ ތައިމޫރަށް ވަރަށް ގިނަ ވާހަކަ ކިޔައިދީފިއެވެ. އޭނާ ބޭނުންވަނީ ޤުރްއާނަށް ތައިމޫރްގެ ހިތް ޖައްސާށެވެ.

"ދެން މޫސާ ޢަލައިހިއްސަލާމްގެ މަންމާފުޅުގެ ހިތްޕުޅު މުޅީން ހުސްވެއްޖެއެވެ."

އެ ވަގުތު ދޮރާށި ހުޅުވުނު އަޑު އިވިއްޖެއެވެ. އެވަގުތު އަންނާނީ ކާކުކަން މެހެމަލަށް އެނގެއެވެ. ބަރު ފިޔަވަޅުގެ އަޑު އިވެއެވެ.

"މަންމާ... ކިޔައިދީ." ކުޑައިރުކޮޅަކު އިންތިޒާރު ކުރުމަށް ފަހު ތައިމޫރް ޝަކުވާ ކުރަން ފަށައިފިއެވެ. އެވަގުތު ހުމާޔޫން އައިސް ވަދެއްޖެއެވެ. ބޭއިޚްތިޔާރުގައި މެހެމަލަށް އިސްއުފުލައި ބަލައިލެވުނެވެ.

ހުމާޔޫންގެ މޫނުމަތީން ފެންނަނީ ވަރުބަލިކަމުގެ އަސަރެވެ. އަތުކުރި އޮޅަމުން އައިސްއައިސް ހުރެފައި އެ ދެމައިން އެކީގައި ތިބި މަންޒަރު ފެނުނީމާ ހުއްޓިއްޖެއެވެ. މޫނުމަތީން ހައިރާންކަމުގެ އަސަރު ވަރަށް ރީތިކޮށް ފެންނާން ހުއްޓެވެ. ފާއިތުވެދިޔަ ދުވަސްކޮޅު އޭނާ ގެއަށް އައީ ވަރަށް ލަހުން ކަމުގައި ވާތީ މިކަހަލަ މަންޒަރެއް މީގެ ކުރިއަކުން އޭނައެއް ނުދެކެއެވެ. އެކަމަކު އަޅާނުލައި ސިޑިއާ ދިމާއަށް ހިނގައިގެންފިއެވެ.

މެހެމަލް ފޮތަށް ބަލަހައްޓައިގެން އިނދެ އަނެއްކާވެސް ވާހަކަ ކިޔައިދޭން ފަށައިފިއެވެ.

އެވަގުތު ފޯނުގެ ރަނގަބީލު ވާން ފަށައިފިއެވެ. ތައިމޫރް ގޮސް ފޯނު ނަގައިފިއެވެ.

"ހަލޯ..." އިރުކޮޅަކު އަޑުއަހަން ހުރެފައި ބުންޏެވެ. "އެބަހުރި. މިތާ އެބަހުރި. މަޑުކުރޭ."

ތައިމޫރް އަތްގަނޑު ހިފަހައްޓައިގެން ހުރެ، މެހެމަލާ ދިމާއަށް ބަލައިލިއެވެ.

"މަންމާ. ފޯނެއް."

"ކާކު؟" އޭނާ ހައިރާންވިއެވެ. އޭނާއަށް ފޯނު ކުރާނީ ކާކު ހެއްޔެވެ؟

"ބުނީ އާޣާ ފަވާދް ކިޔާ މީހެކޭ." ތައިމޫރް ބުނެލިއެވެ. އަދި އަތްގަނޑު ހިފައިގެން މެހެމަލާ ހަމައަށް ހިނގައްޖެއެވެ. ނަރު ދިގުވުމާއެކު އެހިސާބަށް ފޯރައެވެ.

(ނުނިމޭ)


ޤާރީ މިޝާރީގެ އަޑުން މުލްކު ސޫރަތް އަޑުއްސަވައިލައްވާ:

6 ޚިޔާލު

  1. ވަރަށް ރީތި?
    މެހެމަލަް ގޮތަށް ފަލަކަށް ވެސް އެންމެ ގަޔާވެގެން އަޑުއަހާލެވެނީ ޤާރީ މިޝާރީ ގެ ކިޔެވުން.....މަޑުމައިތިރި އެ ކިޔެވުން ހިތުގެ އެންމެ ހިމަ ނާރާ ވެސް ކުޅެލާ..

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.