ލިޔެކިޔުމެއް ނެތް ބިދޭސީންގެ މައްސަލަ ޙައްލުވާނީ ރަށްވެހިކަން ދީގެން ކަމަށް ދޭހަވާ ލިޔުމެއް ރައީސް ނަޝީދު ޝާއިޢު ކުރައްވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުވާނީ ރަށްވެހިކަން ދީގެންކަމަށް ދޭހަވާ ލިޔުމެއް ރައީސް މުޙަމައްދު ނަޝީދު އެމަނިކުފާނުގެ ރަސްމީ ބްލޮގްގައި ޝާއިޢު ކުރައްވައިފިއެވެ.

"ބޭރުމީހުން" ނަމުގައި ރައީސް ނަޝީދު ޝާއިއު ކުރެއްވި ލިޔުމުގައި ކޮވިޑު ރޯގާއާ ގުޅިގެން ފާހަގަވި އެއް ކަމަކީ ރާއްޖޭގައި ދިރިއުޅެ، މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބޭރު މީހުންނާ ގުޅިގެން ހާމަވަމުން ދިޔަ ގިނަގުނަ މައްސަލަތައް ކަމަށް  އެމަނިކުފާނުގެ މަޒުމޫނު ފަށްޓަވަމުން ވިދާޅުވެފައިވެއެވެ.  އެމީހުންގެ ދިރިއުޅުމުގެ ފެންވަރުގެ މައްސަލަތަކެވެ. އެމީހުނަށް ދޭންޖެހޭ މުސާރަ ނުދިނުމުގެ މައްސަލައެވެ. އެމީހުންނާ މެދު އަމަލުކުރާ ނިކަމެތި ގޮތްތަކުގެ މައްސަލަތަކެވެ. މި އެންމެ މައްސަލަތައް ބޭރުމީހާއަށް މަޖްބޫރުކޮށްފައި ވަނީ މަގުމަތީގައި ގިނަވެފައި ހުރުމަށް ކަމަށް ލިޔުއްވުމުގައި ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ބޭރުމީހުން ގިނަވެދިޔަ އެންމެ ބޮޑު އެއްސަބަބަކީ ރާއްޖެ ތަނަވަސް ވުން ކަމަށް ރައީސް ނަޝީދުގެ ލިޔުއްވުމުގައި ފާހަގަ ކުރައްވައެވެ. ދެކުނު އޭޝިޔާގެ ހުރިހާ ގައުމަކަށްވުރެ ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ އިތުރުވިކަމަށާއި ހަގީގަތުގައި މި އިތުރުވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ އޭރު މަސައްކަތު މީހާކަމަށް ފާހަގަ ކުރެއްވިއެވެ.  

"ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން 5 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގެންދެވިފައި މިވަނީ، ވަރަށް ހެޔޮ އަގުގައި، އަދި ވަރަށް ނިކަމެތި ހާލަތުގައި މީހުން ގެންގުޅެ، އެމީހުން ލައްވާ ވަރަށް ބުރަ މަސައްކަތް ވަރަށް ގިނަ ދުވަސް ވަންދެން ކުރުވީތީއެވެ. އެފަދަ ކަންކަން ހިންގުމުގައި އެތައް ބަޔަކަށް ލިބޭ ޖާއިޒު އަދި ނާޖާއިޒު ފައިދާ ބޮޑުވުމުން އެކަންކަން ހިންގުމަށް ޖާގަ ދެވިފައި އޮތަތީއެވެ. ރިސޯޓެއްގެ އަގަށް ވިސްނަވާށެވެ. މި ޒަމާނުގައި އެއީ ވިހި ތިރީސް މިލިއަން ޑޮލަރެވެ. އެފަދަ އަގުހުރި އެއްޗެއް އުފެއްދުމަށް މަސައްކަތު މީހުންނަށް ޚަރަދު މިކުރީ ވަރަށް ކުޑަ މިންވަރެކެވެ. ފަސް ލައްކައެއްހާ ޑޮލަރުވެސް ނުޖެހެއެވެ." ރައީސް ނަޝީދުގެ މަޒުމޫނުގައި ލިޔުއްވައިފައި ވެއެވެ.

 ކާކު ކަމެއް އަންގައިދޭ އެއްވެސް ލިޔުމެއް ނެތް ބިދޭސީންނަކީ ކާކުކަން ދިވެހި ސަރުކާރަށްވެސް އަދި އޭނާގެ އަމިއްލަ ޤައުމަށްވެސް ސާފުކުރެވޭނެ ގޮތެއް ނެތް ކަމަށްވެސް ރައީސް ނަޝީދުގެ މަޒުމޫނުގައި ލިޔުއްވައިފައި ވެއެވެ.  ދިވެހި ސަރުކާރުން އޭނާ ފޮނުވާލުމަށް އެދުނު ނަމަވެސް އޭނާ ފޮނުވުމަށް މަސައްކަތް ކުރާ ރަށުގެ ސަރުކާރުން އޭނާ އެ ރަށަށް ގެނައުމަށް އެއްބަސްވެ އެއްބާރުލުން ނުދެނީ ނަމަ އޭނާ ރާއްޖެ އިންފޮނުވާލެވޭނެ ގޮތެއް ނެތްކަމަށް ލިޔުއްވައިފައި ވެއެވެ.  

ރާއްޖޭގައި ލިޔެކިޔުން ނެތި ހަތްދިހަ ހާސް މީހުނާ ގާތްކުރާ އަދަދަކަށް ބިދޭސިން އެބައުޅޭ ކަމަށާއި މި ހުރިހާ މީހުން ހިފާ ހައްޔަރުކޮށް ތަންތަނުގައި ބަންދުކޮށްފައި ބޭތިއްބޭނެ ގޮތެއްވެސް ނެތްކަމަށް ލިޔުއްވައިފައިވެއެވެ. ހިގާނެ ޚަރަދު ބޮޑުވާނެ ކަމުން އެކަނި ނޫންކަމަށާއި އިންސާނީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތާންޖެހޭ ކަމުންކަމަށްވެސް ފާހަގަ ކުރައްވައިފައި ވެއެވެ. ލިޔެކިޔުން ގެއްލުވައިލާފައިވާ ބޭރު މީހުން އެމީހުންގެ ރަށްކަމަށް ލަފާކުރެވޭ ރަށަށް ފޮނުވާލައި، އެމީހުންގެ މައްސަލަ ހައްލު ކުރެވުނު އެއްވެސް ޤައުމެއް ނެތްކަން ފާހަގަ ކުރައްވައި  ތަރައްގީ ވެފައިވާ ޤައުމުތަކަށްވެސް ޖެހެނީ އެމީހުންނަށް ތިބެވޭނެ ގޮތް ހަދައިދޭން ކަމަށް ފާހަގަ ކުރައްވައިފައި ވެއެވެ. އެ ގޮތުން ބައެއް މިސާލުތައް ރައީސް ނަޝީދުގެ ލިޔުއްވުމުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

"އިނގިރޭސިން ބޭރު މީހުންގެ ކަންތައް ކޮންމެވެސް މިންވަރަކަށް ހައްލުކޮށްފައި އެވަނީ އެމީހުންގެ ބޭރުކަން ކަނޑާލައިގެންނެވެ. އެ މީހުނަށް އިނގިރޭސި ވިލާތުގައި ތިބެވޭނެ ގޮތް ހަދައިދީގެންނެވެ. ދިރިއުޅޭނެ ތަނާއި އަދި ކުރާނެ މަސައްކަތް ދީގެންނެވެ. އެމީހުންގެ އާއިލާތަކަށް ރަގަޅު ދިރި އުޅުމެއް ހޯދައިދީގެންނެވެ. މި ބަދަލުތައް ވެދިޔައީ އިނގިރޭސި އިގްތިސާދަށްވެސް ނުހަނު ހެޔޮ އަސަރު ކުރި ބަދަލުތަކަށެވެ. މިއަދުގެ އިގިރޭސި ދާހިލީ ވަޒީރަކީ އަދި މާލީ ވަޒީރަކީވެސް އިންޑިޔާ ދަރިކޮޅު މީހުންނެވެ. ލަންޑަނުގެ މޭޔަރު ވެސް އެފަދައެވެ. ކިތަންމެ މީހުންނެކެވެ. ކިތަންމެ ވިޔަފާރިއެކެވެ. މިއަދު ލަންޑަނުގައި ބިމުގެ އަގު އެންމެ ރަނގަޅު އެއް ތަނަކީ ބްރިކްލޭނެވެ." މިބިދޭސީން މައްސަލަ ޙައްލުކުރުމަށް އިނގިރޭސީން އެޅިފިޔަވަޅުތަކުގެ ކާމިޔާބުކަން ހާމަކުރައްވަމުން ރައީސް ނަޝީދުގެ ލިޔުއްވުމުގައި ފާހަކުރައްވައިފައި ވެއެވެ.

ރާއްޖޭގައި ދިރިއުޅޭ ކާކުކަން ނޭނގޭ ބޭރު މީހުންގެ މައްސަލަ ހައްލު ކުރުމަށް އޮތް މަގަކީ އެ މީހުން ފޮނުވާލުން ކަމަށް ދެކޭނަމަ އެއީ މައްސަލައަށް ހައްލެއް ގެނެވިދާނެ ގޮތެއްނޫންކަމަށް ރައީސް ނަޝީދު ދެކެވަޑައިގަންނަވައެވެ. ހުރިހާ އެންމެން ފޮނުވައެއް ނުލެވޭނެކަމަށާއި ދިވެހި އެއްވެސް ވެރިއެއް އެގޮތަށް އެކަން ކުރައްވާނެ ކަމަށް ވިދާޅުވަނީ ނަމަ އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ވިދާޅުވާ ބަސްތަކެއް ކަމަށްވެސް ރައީސް ނަޝީދު ލިޔުއްވައިފައި ވެއެވެ.  

 ރާއްޖޭގައި މިހާރު ތިބި ގިނަ ބޭރު މީހުންގެ މައްސަލަ ހައްލު ކުރެވޭނީ ރާއްޖޭގައި ކަމަށް ރައީސް ނަޝީދު ދެކެވަޑައިގަންނަވައެވެ.   ރާއްޖޭގައި ދޮޅު ލައްކައަށްވުރެ ގިނަ ބޭރުމީހުން އެބައުޅޭކަމަށާއި މީގެ ތެރެއިން 75 ހާހެއްހާ މީހުން މިއުޅެނީ ކާކު ކަން ނޭނގޭ ގޮތަށްކަމަށް ފާހަގަ ކުރައްވައިފައިވެއެވެ.

 "ޤަވައިދާ ޚިލާފަށް އުޅޭ މީހާ ޤަވާއިދުގެ ތެރެއަށް ގެނެއުމަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ދޭން ޖެހެއެވެ. އަދި އޭނާ އުޅޭނެ ތަނެއް ދޭން ޖެހެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި މި ދެކަންވެސް  ނުކޮށްފިނަމަ ރާއްޖެއަށް އިތުރު ހަމަޖެހުމާއި ކުރިއެރުން ހޯދާން ދަތިވާނީ އެކަންޏެއް ނޫނެވެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ނުރަނގަޅު އަސަރު ކުރާނެއެވެ. އަޅުގަނޑު މިބަސްތައް ލިޔުމުން ބައެއް ބޭފުޅުން ނުރުހިދާނެއެވެ. އެހެން ނަމަވެސް މީގެ ފަސް ދިހަ އަހަރުފަހުން މި މައްސަލަ އޮންނާނީ އަދި މާ ބޮޑުވެފައެވެ. އޭރުންވެސް އަމަލު ކުރާން ޖެހޭނީ އަޅުގަނޑު މިއަދު މިދަންނަވާ ބާވަތުގެ ގޮތަކަށެވެ. " ރައީސް ނަޝީދުގެ މަޒުމޫނު ނިންމާލަމުން ވިދާޅުވެފައިވެއެވެ.

މިފަދަ މަޒުމޫނެއް ރައިސް ނަޝީދު އެމަނިކުފާނުގެ އަމިއްލަ ބްލޮގްގައި ލިޔުއްވައިފައި މިވަނީ ބިދޭސީންނަށް ރެސިޑެންޓް ވިސާ ނުވަތަ ދިވެހި ރައްޔިތުކަން ދިނުމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅާމެދު ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށް އެކަމަށް ފާޑު ކިޔަމުދަނިކޮށެވެ.  

ރައީސް ނަޝީދު ވިސްނުންފުޅަކީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެސިޑެންޓް ވިސާދިނުމެވެ. އަދި އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖެގައި ކުރާ ބިދޭސީންނަށްވެސް ރެސިޑެންޓް ވިސާ ދިނުމެވެ. އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލް މިގޮތަށް އިޞްލާޙު ކޮށްދެއްވުމަށް މަޖިލީހުގެ ރައީސް ވަނީ އެދި ވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.