މޯލްޑިވްސް އިސްލާމިކް ބޭންކްގެ އަހަރީ ޢާންމު ޖަލްސާ ބާއްވަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑްގެ (އެމް.އައި.ބީ) އަހަރީ ޢާންމު ޖަލްސާ ބާއްވާން ނިންމައި ޖަލްސާގެ ނޯޓިސް ޢިއުލާނުކޮށްފިއެވެ. މި ޖަލްސާ އޮންނާނީ 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހު މެންދުރު 2 ޖަހާއިރުއެވެ. މި ޖަލްސާ އޮންނާނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީން ތައްޔާރުކޮށްފައިވާ "އޮންލައިން މީޓިންގ މެނޭޖްމަންޓް ސިސްޓަމެއް" މެދުވެރިކޮށެވެ. އަދި ވޯޓް ނަގަން ހަމަޖައްސާފައިވަނީ "އޮންލައިންކޮށް" އެތަނުން ތައްޔާރުކޮށްފައިވާ "ފަހި ވޯޓު" މެދުވެރިކޮށެވެ.

މި ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ އެ ބޭންކުގެ ހިއްސާދާރުން 21 ޖުލައި 2020 އަންގާރަ ދުވަހުގެ ކުރިން އޮންލައިންކޮށް https://infinity.mv ރަޖިސްޓްރީ ވުމަށް ނުވަތަ ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު  investor.relations@mib.com.mv ފޮނުއްވުމަށް އެ ބޭންކުން ވަނީ ޢިއުލާނުކޮށްފައެވެ. މި ޖަލްސާގައި ޕްރޮކްސީ މެދުވެރިކޮށް ވޯޓު ދޭ ފަރާތްތަކުންނާއި އަދި އޮންލައިންކޮށް ޙާޟިރުވެ ތިބެ ވޯޓު ދޭ ކޮންމެ ފަރާތަކަށް ލެވޭނީ ހިއްސާއަކަށް އެއް ވޯޓެވެ.

މި  ޖަލްސާގައި އެޖެންޑާގައި އޮތީ ޑިރެކްޓަރުންގެ ބޯޑުން ހިއްސާއަކަށް ބެހުމަށް ކަނޑައަޅާފައިވާ 1.575 ރުފިޔާ ބެހުމަށް ފާސްކުރުމާއި، ބޭންކުގެ ޝަރީޢާ ބޯޑަށް މެންބަރުން އައްޔަން ކުރުމާއި، ބޭންކު އޯޑިޓް ކުރާނެ ފަރާތެއް ހޮވުމާއި، ބޯޑުގައި ތިއްބެވި ބައެއް މެންބަރުންގެ މުއްދަތު އިތުރުކުރުމާއި، ޢާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ޑިރެކްޓަރަކު އިންތިޚާބު ކުރުމުވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިއްސާދާރުންނަކީ ދިވެހި ސަރުކާރު(%28) އިސްލާމިކް ކޯޕަރޭޝަން ފޯރ ދަ ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓަރ(%36)،އަމާނަތަކަފުލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް(%5)، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް(%10.53) އަދި ޢާންމު ހިއްސާދާރުން (%20.47) އިންސައްތައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް އިސްލާމިކް ބޭންކު އުފައްދާފައިވަނީ 2010 ވަނަ އަހަރު އެވެ. އަދި ބޭންކުގެ ޚިދުމަތް ދޭން ފަށާފައިވަނީ 7 މާރިޗް 2011 ވަނަ ދުވަހުއެވެ. މި ކުންފުންޏަށް އެންމެ ފުރަތަމަ އިންވެސްޓްކޮށްފައި ވަނީ 11 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 10 މިލިއަން ޑޮލަރު އިންވެސްޓްކުރީ އިސްލާމިކް ކޯޕަރޭޝަން ފޯރ ދަ ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓަރ އިންނެވެ. އަދި ބާކީ އެއް މިލިއަން ޑޮލަރު އިންވެސްޓްކުރީ ދިވެހި ދައުލަތުންނެވެ.

އެމްއައިބީން މިދިޔަ އަހަރު ވަނީ 16،000 ހިއްސާދާރުންނާއިއެކު 17 ނޮވެމްބަރ 2019 ގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީކޮށްފައެވެ. އަދި ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކައިފަވެއެވެ. މިއީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. މިއީ ބޭންކްގެ ހިއްސާއިން ބަލާ ނަމަ 31 ޕަސެންޓެވެ.

2019 ވަނަ އަހަރުގެ ފަހު ތިންމަސްދުވަހުގެ ހިސާބުތަކަށް ބަލާއިރު އެމްއައިބީ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 25.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެމްއައިބީއަށް ލިބުނު ފައިދާގެ ސަބަބުން އެ ބޭންކުގެ ނެޓް އެސެޓުގެ އަގު ވަނީ އިތުރުވެފަ އެވެ. އެހެންކަމުން ހިއްސާއަކަށް ޖެހޭ ފައިދާގެ އަގު 14 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. ހިއްސާ ވިއްކަން ހުޅުވާލި އަދަދަށްވުރެ 46 ޕަސެންޓް އިތުރަށް ހިއްސާ ގަންނަން ވަނީ ހުށަހަޅާފަ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ އެންމެ ކާމިޔާބު އައިޕީއޯ ކަމަށް އެ ބޭންކުންވަނީ ބުނެފައެވެ.

މިހާތަނަށް ބޭންކުގެ 2 ބްރާންޗެއް ސ.ހިތަދޫގަ އާއި ހދ.ކުޅުދުއްފުށީގައި ހިގަމުން ދެއެވެ. މި ބޭންކުން ދޭ ޚިދުމަތްތަަކުގެ ތެރޭގައި ޝަރީޢާގެ އުސޫލައް ފެތޭ ގޮތަށް ދޫކުރާ ފައިސާއާއި، އޭ.ޓީ.އެމް. އާއި ޕީ.އޯ.އެސް.ގެ ޚިދުމަތާއި، ކާޑު ގެ ޚިދުމަތާއި އަދި އިންޓަރނެޓް ބޭންކިން ޚިދުމަތް ފާހަގަކުރެވެއެވެ. މިދިޔަ އަހަރު އެމްއައިބީން ވަނީ ކަސްޓަމަރުންނަށް ދޭ ހިދުމަތް ރަނގަޅުކުރުމުގެ ގޮތުން ބާޒާރު ކަސްޓަމާ ސާވިސް ސެންޓަރެއް ހުޅުވާފަ އެވެ. އަދި "ކާމިޔާބު ކިޑްސް"ގެ ނަމުގައި ފަހަށް ރައްކާކުރުމަށް އެކައުންޓެއް ވަނީ ތައާރަފު ކޮށްފަ އެވެ. މި އެކައުންޓަކީ ކުދިންގެ ނަމުގައި މަހަކު ކަނޑައެޅޭ ވަކި އަދަދެއް ރައްކާކޮށް އެކަށީގެންވާ ފައިދާއަކާއެކު ކުއްޖާ އަށް 18 އަހަރު ފުރުމުން ނެގޭގޮތަށް ހުޅުވޭނެ އެކައުންޓެކެވެ. މި އެކައުންޓު ފައިސާއިންނާއި ޑޮލަރުންވެސް ހުޅުވެއެވެ.

މި އަހަރު ވެސް ބޭންކުގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެމްއައިބީން ވަނީ ބުނެފައެވެ.މީގެ ތެރޭގައި އިތުރު ބްރާންޗެއް ހުޅުވުމާއި، އޭޓީއެމް އަދި ޕީ.އޯ.އެސް. ޓާމިނަލް އިތުރުކުރުމުގެ އިތުރުން މޯބައިލް އަދި އޮންލައިން ބޭންކިން އިތުރަށް ފުޅާކުރުމާއި އިސްލާމިކް ފައިނޭންސްގެ އާ ޕްރޮޑަކްޓުތައް ތައާރަފު ކުރުން ހިމެނޭ ކަމަށް އެ ބޭންކުންވަނީ ބުނެފައެވެ.

އެމްއައިބީގައި 200 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެ އެވެ. އެ ކުންފުނިން ސަރުކާރުގެ ކުންފުނިތަކަށާއި (އެސް.އޯއީ) ތަކާއި އަމިއްލަ ކުންފުނިތަކަށް ވެސް އަންނަނީ ތަފާތުގޮތްގޮތަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެމް.އައި.ބީ.ގެ  މެނޭޖިން ޑިރެކްޓަރަކީ ބަންގްލާދޭޝް ރައްޔިތެއް ކަމަށްވާ އަބްދުލް މުހައިމިނު އެވެ.އޭނާ އެ މަޤާމަށް އައްޔަންކޮށްފައިވަނީ 17 ޖަނަވަރީ 2019 ވަނަ ދުވަހުއެވެ. އެމް.އައި.ބީ.އިން ވަނީ ރާއްޖޭގައި ދެވޭ "ގޯލްޑް 100" ގެ މަޤާމު ހޯދާފައެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.