މާވެޔޮ މިސްކިތް އަލުން ހުޅުވައިފި

މާފަންނު މާވެޔޮ އަލުން އިމާރާތް ކުރުމަށް ފަހު މިއަދު ހުޅުވައިފިއެވެ. މިސްކިތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރެވެ. މި މިސްކިތް މިހާރު ހުރި ގޮތަށް ބިނާ ކުރެއްވީ ހެންވޭރު ސީސައިޑް މުޙައްމަދު ޢަލީ ޖަނާޙެވެ.

މާވެޔޮ މިސްކިތުގެ ކުރީގެ ނަމަކީ މަސްޖިދު ބަހާއުއްދީނެވެ. މިއަދު މި ހުޅުވުނީ މަސްޖިދު ޢަލީ ޙުސައިންގެ ނަމުގައެވެ. ޢަލީ ޙުސައިނަކީ މުޙައްމަދު ޢަލީ ޖަނާޙްގެ ބައްޕައެވެ. އެއީ މަޝްހޫރު ދިވެހިބޭސްވެރިއެކެވެ.

މިސްކިތަށް އިހު ކިޔާފައި އޮތް ނަން "މަސްޖިދު ބަހާއުއްދީން" ނިސްބަތް ވަނީ އަލްޤާޟީ އިސްމާޢީލު ބަހާއުއްދީނަށެވެ. އިސްމާޢީލް ބަހާއުއްދީނަކީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަތަރުވަނަ) ގެ ދުވަސްވަރު ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި ބޭކަލެކެވެ. މަސްޖިދު ބަހާއުއްދީން ބިނާ ކުރީ އިހަށް އެތާގައި ހުރި "މާވެޔޮދޮށު މިސްކިތް" ތަޅައިލުމަށް ފަހު އެ މިސްކިތް ހުރި ތާގައެވެ. ސަރުކާރުން މާވެޔޮދޮށު މިސްކިތް އުވައިލެއްވީ 14 ނޮވެންބަރު 1975 ގައެވެ.  މިސްކިތަށް މާވެޔޮދޮށު މިސްކިތޭ ކިޔުނީ މާފަންނު މާވެވާ ޖެހިގެން ހުރި މިސްކިތަކަށް ވާތީއެވެ.

އިހުގެ މާވެޔޮދޮށު މިސްކިތް (މާވެވުން ބަޔަކާއެކު) 1922 ގައި

ބުނެވޭ ގޮތުގައި މާވެޔޮދޮށު މިސްކިތް ބިނާ ކުރެވުނީ އައްސުލްޠާން ވަޑީކަލަމިންޖާ (މީލާދީން 1213 އިން 1233 އަށް) އާއި އައްސުލްތާން ހުދެއިކަލަމިންޖާ (މީލާދީން 1257 އިން 1260 އަށް) މި ދެ ރަސްކަލުންގެ ދުވަސްވަރު ތައްޔާރު ކުރި ވެވެއް (މާވެޔޮ) އައްސުލްޠާން ޖަލާލުއްދީން ޢުމަރުވީރު (މީލާދީން 1306 އިން 1335 އަށް) ނިންމަވައި އޭގެފަހުންނެވެ. އަދި މި މިސްކިތަކީ އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީން ސިރީމުތައި ރަންމަނިކަލޯ މަހާރަދުން (މީލާދީން 1701 އިން 1705 އަށް) މި ރަދުންގެ ދުވަސްވަރު ބިނާ ކުރެވުނު މިސްކިތެއް ކަމުގައިވެސް ބައެއް ލިޔުންތަކުން ފެންނާން އެބަހުއްޓެވެ. (މައުލޫމާތު "މާލޭގެ މިސްކިތްތައް" ފޮތުން)

މަސްޖިދު ބަހާއުއްދީނަކީ 400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިއަދު މި ހުޅުވީ 1800 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް އަޅައިފައިވާ މިސްކިތެކެވެ. އިމާރާތަކީ ހަބުރީގެ އިމާރާތެކެވެ. ޓެރަސް ހިމަނައިފިނަމަ ހަތް ބުރިއެވެ. އަރާފައިބާން ލިފްޓު ހަރުކޮށްފައި އެބަހުއްޓެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.