މެމްބަރުންގެ ގޮނޑިއާމެދު އިތުރަށް ނިންމަންޖެހޭ ކަމެއް ނެތް- ސުޕްރީމް ކޯޓު

ޕީޕީއެމްއިން ވަކިކޮށްފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ޕީޕީއެމް އާއި އިލެކްޝަން ކޮމިޝަނުން ކުރިން ބުނެފައިވާ މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި އިތުރަށް ނިންމަންޖެހޭ ނިންމުމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ޕީޕީއެމްއިން ވަކިކުރުމުން މެމްބަރުކަން ގެއްލިފައިވާ ކަމަށް ބުނެފައިވާތީ އެކަމާމެދު ގޮތެއް ނިންމައި ދިނުމަށް އެދި ހަތަރު މެމްބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ބުނެފައި ވަނީ  މިކަމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމުންތަކެއް ނިންމާފައިވާ ކަމަށާއި އަދި މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ، މި މައްސަލާގައި ކުރި ހުކުމަށް ފަހު، އެކަން އިތުރަށް ކަށަވަރު ކުރުމަށް ޓަކައި އޭގެ ފަހުން އަމުރެއް ނެރެފައިވާއިރު، "އެ ގަޒިއްޔާގައި ހުކުމް ކުރި ތާރީހުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިބި ބައެއްގެ މެމްބަރު ކަމާ މެދު ވަކި ގޮތެއް ކަނޑައެޅުމުގެ ބަދަލުގައި އެ ތާރީހުގެ ފަހުން އެ ފަރާތްތަކުން އަމަލު ކުރާ ގޮތެއްގެ މައްޗަށް ތަތުބީގު ވާނެ އަހުކާމްތަކެއް ބަޔާން ކުރާ ގަޒިއްޔާއަކަށް ވާއިރު، އެ ގަޒިއްޔާގެ ދަށުން އަދި ގަޒިއްޔާގައި ބުނެފައިވާ ސަބަބުތަކަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މެމްބަރުކަން ގެއްލޭނެ ގޮތް ބަޔާންކޮށްފައި އޮތުމުން" އެ ތާރީހާ ހަމައަށް މެމްބަރު ކަމުގައި ތިއްބެވި ބޭފުޅުންގެ މެމްބަރު ކަމާ މެދު ސުވާލެއް ނުއުފެދޭ ކަމަށެވެ.

ޕީޕީއެމްއިން ވަކިކުރި ހަތަރު މެމްބަރުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙަންމަދު އަމީތް އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދުގެ އިތުރުން ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ޙުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި ނިންމުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މާނަ ކުރަމުން ދަނީ އެކިގޮތަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ސުޕްރީމް ކޯޓުން ކަނޑައެޅީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމުން ގޮނޑި ގެއްލިއްޖެކަން ކަށަވަރުވާ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.