ދިރިއުޅެން ކަމުނުދާ ވަރު ތަންތަން ކޮޅުގައި 21 ހާސް އާއިލާ ދިރިއުޅޭ

މާލޭގެ އާބާދީގެ 15 އިންސައްތަ އާއިލާއަކީ ފަޤީރު އާއިލާ

މާލޭގެ އާބާދީގެ 15 އިންސައްތަ އާއިލާއަކީ ފަޤީރު އާއިލާތައް ކަމަށާއި 21013  އާއިލާ ދިރިއުޅެނީ ދިރިއުޅެން ކަމު ނުދާވަރު ތަންތަން ކޮޅުގައިކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމަ ވިދާޅުވެއްޖެއެވެ.  

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ދިރިއުޅެން ކަމުނުދާވަރުގެ ބޯހިޔާވަހިކަން ކަމަށް ބައްލަވައިފައި ވަނީ 600 އަކަފޫޓަށް ވުރެ ކުދި ތަންތަން ތަންތަންކަމަށެވެ. ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައި ފުލެޓްތަކުގެ ބޮޑުމިނުގައި 575 އަކަފޫޓް ހުންނައިރު، އެއީ މިސަރުކާރުން ދެކޭ ގޮތުގައި ދިރިއުޅެން އެކަށީގެންވާ ވަރު ބޯހިޔާ ވަހިކަމަށް ވުރެ ދަށުގައިވާ ތަންތަންކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން އެކަމުގައި ކުރެވޭނެ ކަމެއް ނެތްކަމަށް ވިދާޅުވިއެވެ.

ދިރއުޅެން ކަމު ނުދާވަރު ތަންތަން ކޮޅުގައިއުޅޭ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދެއްވުމަކީ މިވަގުތުން ވަގުތަށްވެސް ކުރަންޖެހިފައިވާ ކަމެއްކަމަށް މިނިސްޓަރ އަސްލަމް ފާހަގަ ކުރެއްވިއެވެ. ބޯހިޔާ ވަހިކަމުގެ މަޝްރޫޢެއް ކުރިން ފެށްޓިއަސް މިހާރު ފެށްޓިއަސް 21 ހާސް އާއިލާއަކީ ބޯހިޔާވަހިކަން ލިބެންޖެހޭނެ އާއިލާތައް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މާލޭގެ އާބާދީގެ 15 ޕަސަންޓް އާއިލާ އަކީ ފަޤީރު އާއިލާތައްކަމަށް މިނިސްޓަރ އަސްލަމް ފާހަގަ ކުރެއްވިއެވެ. އެ އާއިލާ ތަކުގައި ދިރިއުޅޭމީހުނަށް ދުވާލަކަށް 74 ރުފިޔާ ނުޖެހޭ އާއިލާތައް ކަމަށް ވެސް މިނިސްޓަރ އަސްލަމް ފާހަގަކުރެއްވިއެވެ.  

 ދިރިއުޅެން ކަމު ނުދާވަރު ތަންތަން ކޮޅުގައިއުޅޭ 21 ހާސް އާއިލާގެ ތެރޭގައި 3152 އާއިލާއަކީ ފަޤީރު އާއިލާތައް ކަމަށް   ވެސް މިނިސްޓަރ އަސްލަމް ފާހަގަ ކުރެއްވިއެވެ. އެމީހުންނަކީ ކައުސިން ހައުސިން ނުވަތަ ވަންނާނެ ބޯހިޔާ ވަހިކަމަށް ބޭނުންވާ މީހުންނެވެ. އޭގެ ތެރެއިން ގިނަ އާއިލާތަކަކީ އާއިލާގެ އެންމެ އާމްދަނީ އަށް މަހަކަށް ތޭރަ، ސާދަ ހާސް ރުފިޔާ ވެސް ނުލިބޭ އާއިލާތަކެވެ. މިފަދަ މީހުނަކީނފަޤީރުންގެ ގޮތުގައި ބެލެވޭ، ޒަކާތް ޙައްޤުވާ އާއިލާތައް ކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ހައުސިންގއަކީ އެންމެ ނިކަމެތި މީހާއަށް އެކަނިބޭނުންވާ އެއްޗެއް ނޫންކަމަށާއި ހައުސިންގއަށް ބޭނުންވާ މީހުންގެ ތެރޭގައި ހުރިހާ ގިންތިއެއްގެ މީހުންވެސް ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް އެންމެ ބޮޑަށް ބެނުން ޖެހޭނީ އެންމެ ނިކަމެތި މީހާއަށް ކަމަށާއި މާލޭގެ އާބާދީގެ 24 އިންސައްތަ އާއިލާ އަކީ ކޮންމެވެސް ވަރެއްގެ ބޯހިޔާވަހިކަމެއް ހޯދޭނެވަރުގެ ފުދުން ތެރިކަން ހުރި އާއިލާތައް ކަމަށް އަސްލަމް ވިދާޅުވިއެވެ. މެދު ފަންތީގެ 33 ހާސްއާއިލާ އުޅޭކަމަށާއި ތަނަވަސް އާއިލާތަކުގެ ގޮތުގައި 28 ހާސް އާއިލާއެއް މާލޭގައި އުޅޭކަމަށް މިނިސްޓަރ އަސްލަމް ފާހަގަ ކުރެއްވިއެވެ.

ދިރިއުޅެން ކަމުނުދާވަރުގެ ތަންތަން ކޮޅުގައި ހުރިހާ ކެޓަގަރީއެއްގެ މީހުންވެސް އުޅެމުންދާކަމަށް މިނިސްޓަރ އަސްލަމް ފާހަގަ ކުރެއްވިއެވެ. އޭގެތެރެގައި ފަޤީރުންނާއި މެދު ފަންތީގެ މީހުންނާއި ތަނަވަސް މީހުންވެސް ހިމެނެއެވެ. އެންމެ ބޮޑަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުނަށް މިސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށް ދެއްވުމަކީ ޓާގެޓެއް ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.