މުޞްޙަފް - 58

(4 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކުއްލިއަކަށް ނޭފަތުގައި ޖެހުނީ މަލުގެ މީރު ވަހެވެ. މެހެމަލް މަޑުމަޑުން ލޯ ހުޅުވައިލިއެވެ.

މަލުގެ ބޮޑު ގުލްދަސްތާއެއް ހިފައިގެން ފަރިޝްތޭ ކޮޓަރިއަށް ވަނީއެވެ. އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިވަނީ އޭނާގެ އާދައިގެ ފިނިފިނި ހިނިތުންވުމެވެ.

"އައްސަލާމް ޢަލައިކުމް ކޮއްކޯ. ފިޒިއޯތެރަޕިސްޓު ފައްސައިލީ ކީއްވެގެން؟" އޭނާ ގުލްދަސްތާގައި ހުރި މާތައް މޭޒުމަތީގައި ހުރި މާޖަހާއެތީގައި ޖަހަމުން އަހައިލިއެވެ.

"އަހަންނަކަށް ފިޒިއޯތެރަޕީއެއް ބޭނުމެއް ނުވޭ. އަހަރެންގެ ހާލު ރަނގަޅު. މި މީހުން އަހަރެން ގެއަށް ނުފޮނުވައިގެން އުޅެނީ ކީއްވެގެން؟"

"އަހަރެން ޑަކްޓަރާ ވާހަކަ ދައްކައިފިން. އޭނާ ބުނީ ވަރަށް އަވަހަށް ފޮނުވައިލާނަމޭ. ހަފުތާއެއްހައި ދުވަހުގެ ތެރޭގައި... ޞިއްޙީ ގޮތުން ބަލާއިރު މެހެމަލްގެ މުޅީން ރަނގަޅޭވެސް ބުނި،. ހަސްފަތާލުގައި ބާއްވައިގެން ކުރަން ޖެހޭ އެއްވެސް ކަމެއް ނެތް."

ފަރިޝްތޭ މާޖަހައި ނިމިގެން އޭނާ ގެނައި ކޮތަޅު ހާވަން ފަށައިފިއެވެ. "ތައިމޫރް ނާދޭތަ؟"

"ތައިމޫރް އަންނަ ގޮތަށް ހަމަޖެހިފައި އޮތީތަ؟" މެހެމަލްގެ ހިތަށް ތަދުވެއްޖެއެވެ.

"އާނ. އަހަރެން ކޮންމެ ދުވަހަކުވެސް އަންނަނީ ތައިމޫރް ގޮވައިގެން. ބޭރުގައި ހުރީކަމަށް ވާނީ. އިރުކޮޅަކުން އަތުވެދާނެ."

މެހެމަލް އަނެއްކާވެސް ނިތްކުރިމަތީގައި މުލައްދަނޑި ބާއްވައިލިއެވެ. އޭނާ ބޭނުން ވަނީ މުޅި ދުނިޔެއަށް ފިލާށެވެ.

ފަރިޝްތޭ ކޮންމެ ދުވަހަކު ހެނދުނު އާދެއެވެ. އެނބުރި ދަނީ މެންދުރުވީމައެވެ. ގަޑިއެއްހައި އިރު ފަހުން އަނެއްކާވެސް ތައިމޫރް ގޮވައިގެން އާދެއެވެ. ތައިމޫރް ބޭރުގައި ދުވެ ސަކަރާތް ޖަހަން އުޅެނީއެވެ. ކޮޓަރިއަކަށް ނުވަދެއެވެ. އަސުރު ވަގުތުވީމާ އަނެއްކާވެސް ފަރިޝްތޭ ދެއެވެ. މިސްކިތަށް ދާން ވެފައި އޮންނާތީ ކަމުގައިވެސް ވެދާނެއެވެ. ރޭގަނޑު އަނެއްކާވެސް އޭނާ އާދެއެވެ. އިސްކޫލު ބަންދު ދުވަހަކަށް ވެއްޖެނަމަ ފަރިޝްތޭ ހެނދުނު އަންނަނީ ތައިމޫރް ގޮވައިގެންނެވެ. ރޭގަނޑު އަންނަނީ ތައިމޫރް ގޮވައިގެންނެއް ނޫނެވެ.

ހުމާޔޫން އައީ އެންމެ ފަހަރަކުއެވެ. އޭގެ ފަހުން ނާންނަނީ ކީއްވެގެންތޯ އަހާ ކޮންމެ ފަހަރަކު އިވެނީ "މާ މަސައްކަތް ބުރައި ކަމަށް ވެދާނެ." އޭ ފަރީޝްތޭ ބުނާ އަޑެވެ.

ފަރިޝްތޭ ރެޔަކާއި ދުވާލަކު ތިން ފަހަރު ހަސްފަތާލަށް އެބަ އާދެއެވެ. މެހެމަލްގެ ހުރިހައި ކަމެއް ކުރަނީ އޭނާއެވެ. ކުރާނޭ ކަމެއް ނެތިއްޔާ އޭނާގެ ކައިރީގައި އިނދެގެން ހިތްހަމަ ޖައްސައިދީ ތަސައްލީގެ ވާހަކަ ދައްކައި ހަދައެވެ. މިހާރުވެސް އޭނާ އެ ހޯދަނީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. ކޮންމެވެސް އެއްޗެއް ހާވާއަޑު މެހެމަލަށް އެބަ އިވެއެވެ. އެކަމަކު ބަލައިވެސް ނުލައި އޮތީއެވެ. ކުއްލިއަކަށް ކޮޓަރިތެރެއަށް އަޑެއް އަރައިގެން ދިޔައެވެ.

"ޙަމްދުހުރީ ﷲއަށެވެ. އެކަލާނގެއީ، އެކަލާނގެ އަޅާއަށް ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އެ ފޮތުގައި، އެއްވެސް ގުދުކަމެއް (ނުސީދާކަމެއް) ނުލައްވަތެވެ." (ކަހުފް ސޫރަތުގެ ފުރަތަމަ އާޔަތް)

އޭނާ މޫނުމަތީން އަތްނެގިއެވެ.

ފަރިޝްތޭގެ އަތުގައި އޮތީ ކުޑަ ޓޭޕްރެކޯޑަރެކެވެ. އޭނާ ހުރީ މެހެމަލަށް ފުރަގަސްދީގެންނެވެ.

"(އެ ފޮތް ބާވައިލެއްވީ) ސީދާވެގެންވާ ފޮތެއްކަމުގައެވެ. އެކަލާނގެ ޙަޟްރަތުން (ކާފަރުންނަށް) ހުރި ގަދަފަދަ ޢަޒާބެއްގެ ވާހަކައިން އިންޒާރުކުރެއްވުމަށެވެ. އަދި ޞާލިޙް ޢަމަލުތައްކުރާ މުއުމިނުންނަށް، ހެޔޮވެގެންވާ ދަރުމަހުރިކަމުގެ އުފާވެރި ޚަބަރު ދެއްވުމަށެވެ." (ކަހުފް ސޫރަތުގެ ދެވަނަ އާޔަތް)

އޭނާއަށް އެ އަޑު އެނގެއެވެ. އެއީ ޤާރީ މިޝާރީގެ އަޑެވެ. އެއީ ކަހުފް ސޫރަތެވެ.

"އެ ދަރުމައިގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އަދި ﷲ، ދަރިކަލަކު ހިއްޕެވިކަމަށް ބުނިމީހުންނަށް އިންޒާރު ކުރެއްވުމަށްޓަކައެވެ." (ކަހުފް ސޫރަތުގެ 3 ވަނަ އާޔަތާއި 4 ވަނަ އާޔަތް)

ލަފުޒުތައް ހީވަނީ ވިރުވައިއަޅަނީހެންނެވެ. މިއަދަކީ ހުކުރު ދުވަހެވެ. ކޮންމެ ހުކުރު ދުވަހަކު އޭނާ ކަހުފް ސޫރަތް ކިޔަވައެވެ.

"އެއުރެންނަކަށްވެސް، އަދި އެއުރެންގެ ކާބަފައިންނަކަށްވެސް (އެއުރެން އެބުނާ ބަހާމެދު) އެއްވެސް ޢިލްމެއް ލިބިފައެއް ނުވެއެވެ. އެއުރެންގެ އަނގަތަކުން އެނުކުންނަ ބަހެއްގެ ބޮޑުކަމާއެވެ! އެއުރެން އެ ބުނަނީ، ދޮގެއްކަމުގައިނޫނީ ނުވެއެވެ." (ކަހުފް ސޫރަތުގެ 5 ވަނަ އާޔަތް)

ފަރިޝްތޭ ޓޭޕްރިކޯޑަރު ނިއްވައިލުމާއެކު އަޑު ކެނޑިއްޖެއެވެ.

"ނިއްވައިލީ ކީއްވެގެން؟ ޖައްސަބަލަ."

"އޯހ... ހޭލާތަ؟" ފަރިޝްތޭ ސިހިފައި އެނބުރި ބަލައިލިއެވެ. "އަހަރެން ހީކުރީ ނިދުނީ ކަމަށް. އެހެންވީމާ އުނދަގޫ ވެދާނެތީ ނިއްވައިލީ."

"ޤާރީ މިޝާރީ ކަހުފް ސޫރަތް ކިޔަވާ އަޑު އިވިގެން އެއްވެސް މީހަކަށް އުނދަގޫވާނެތަ؟ ކަހުފް ސޫރަތަކީ އަހަރެން ފުރާނަފަދައިން ލޯބިވާ ސޫރަތެއް. ދައްތަ ހަނދާން އެބަހުރިތަ؟ ހުކުރު ދުވަހު ކުލާހުގައި ކަހުފް ސޫރަތް ފަށައި الحمد لله الذى އޭ ކިޔުމާއެކު އަހަރެންގެ ލޮލުން ކަރުނަ ފައިބާން ފަށާ."

"މެހެމަލްގެ ލޮލުން މިހާރުވެސް ކަރުނަ އެބަ ފައިބާ." ފަރިޝްތޭ ކައިރިއަށް އައިސް މެހެމަލްގެ އަތްތިލައިގައި ދެއަތުން ހިފަހައްޓައިލިއެވެ.

މެހެމަލްގެ މޫނު ވަނީ ކަރުނައިން ތެމިފައެވެ.

"ކޮއްކޯ. ހުމާޔޫނާއި ތައިމޫރްގެ ކަންތަކާ ހެދި ކަންބޮޑުވެފައި އޮންނަކަން އަހަންނަށް އެނގޭ. އެ ނާގަދަރުގެ މަތީން ހަނދާން ނައްތައިލާ. އެމީހުންނަށް ނުވިސްނެނީ. އެމީހުންގެ ނުވިސްނުމުގެ ސަބަބުން އަމިއްލަ ހިތްހަމަޖެހުމާއި ސުކޫން ބަރުބާދު ނުކުރޭ. ދެބަފައިންނަށްވެސް އަދި ވިސްނޭނެ. ވަގުތުކޮޅެއްދީ. އެކަމަކު އަބަދުވެސް އެއް ކަމެއް ހަނދާން ނައްތައިނުލާތި. މެހެމަލްގެ ދިރިއުޅުން ބިނާ ވެފައި އޮންނަނީ އެހެން މީހެއްގެ މައްޗަކަށް ނޫން. އެމީހުން ނެތަސް މެހެމަލް މަރެއް ނުވާނެ. އެމީހުންނާ ނުލައި ދިރިއުޅެން ދަސްކުރޭ. އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވައި ގަދަވެގަނޭ. އަދި..."

"އެންމެ ރަނގަޅު." އޭނާ ހަލުވިކަމާއެކު ފަރިޝްތޭގެ ވާހަކަ މެދުކަނޑައިލިއެވެ. "މިހާރު ކަހުފް ސޫރަތް ޖަހައިދީ. އަހަރެން އަޑު އަހައިލާން ބޭނުން."

ފަރިޝްތޭ ހައިރާންވިއެވެ. އެކަމަކު މާނޭވައެއް ލުމަށް ފަހު ތެދުވެއްޖެއެވެ.

"އެންމެ ރަނގަޅު. މި ޖައްސަނީ."

"އަހަރެންގެ ޤުރްއާން ކޮބާ؟"

"އާނ... މާދަމާ ގެނެސްދޭނަން. މިހާރު އަޑުއަހައިލާ. އަހަރެން ގޮސް ތައިމޫރް ވީ ތަނެއް ބަލައިފައި އަންނާނަން." ޓޭޕްރިކޯޑަރު ޖައްސައިލުމަށް ފަހު ކޮޓަރިން ނުކުމެއްޖެއެވެ.

"އެއުރެން މި އަޤުރްއާނަށް އީމާން ނުވިނަމަ، އެއުރެން ކަލޭގެފާނަށް މޫނުއަނބުރާލައި ދިޔަކަމުގެ މައްޗަށް ހިތާމައިން ކަލޭގެފާނުގެ ނަފުސު ހަލާކުކޮށްލައްވަނީތޯއެވެ؟ (އެބަހީ: އެހެން ނުހައްދަވާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބިންމަތީގައިވާހާ ތަކެއްޗެއް، އެ ބިމުގެ ޒީނަތެއްކަމުގައި ލެއްވީމެވެ. (އެއީ) އެއުރެންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށެވެ. އަދި ހަމަކަށަވަރުން، އެ ބިންމަތީގައިވާހާ ތަކެތި (ނެތިކުރައްވައި) ގަހެއް ރުކެއް ނެތް ހަނަފަސް ބިމެއްކަމުގައި ލައްވާހުށީމެވެ." (ކަހުފް ސޫރަތުގެ 6 ވަނަ އާޔަތުން 8 ވަނަ އާޔަތުގެ ނިޔަލަށް)

މެހެމަލް ލޯމަރައިލިއެވެ. ލޮލުން ފައިބާ ކަރުނައިން ބާލީސް ތެމެން ފަށައިފިއެވެ.

ސަންގުމަރުމަރު ހިލަ ޖަހައިފައިވާ ދިގު ފެންޑާއެވެ. އަލިވެ އުޖާލާވެފައިވާ ބޮޑު މާލަމެވެ. އޭނާ އެހެރީ ކުލާހުގައެވެ. މިއަދުގެ ފިލާވަޅު ނޯޓު ކުރަނީއެވެ... މިހާރު އެހެރީ ކުތުބުޚާނާގައެވެ. ކުތުބުޚާނާގެ ބިއްލޫރި ދޮރުން ބޭރު ބަލައިލީމާ ފެންނަނީ މަސްޖިދް ފައިޞަލެވެ... މިހާރު ފެންނަނީ ކޮލޮނީގެ މަގުތަކުގައި ހެދިފައިވާ ބިޔަ ގަސްތަކެވެ... ހަނދާނުގެ ދިގު ސިލްސިލާއަކަށް ނިމުމެއް ނެތެވެ. ޑަކްޓަރުން އެ ބުނަނީ ތެދު ވާހަކައެކެވެ. ސިކުނޑިއާއި ސިއްހީ ހާލަތަށް ބަލާއިރު އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. މުޅީން ދުޅަހެވެވެ.

ކަހުފް ސޫރަތް ނިމުނީމާ ޓޭޕް ހުއްޓިއްޖެއެވެ. އޭނާ މޭޒުމަތީގައި ހުރި ޓޭޕްރިކޯޑަރަށް ބަލައިލިއެވެ. އެހެރީ މާ ދުރަކު ނޫނެވެ. އެކަމަކު އޭނާއަކަށް ތެދުވެގެން ގޮސް އަލުން ޓޭޕް ޖެއްސޭކަށް ނެތެވެ. ކޮންފަދަ ނުކުޅެދުންތެރިކަމެއް ހެއްޔެވެ؟ ކޮންފަދަ ބަލިކަށިކަމެއް ހެއްޔެވެ؟

ލޮލުން އަދިވެސް ކަރުނަ ފައިބަނީއެވެ. ހުރިހައި މަގެއްމެ ފެންނަނީ ބަންދުވެފައި ހުއްޓައެވެ. ކޮންމެ ދޮރެއްގެ ފަހަތުން ފެންނަނީ އަނދިރިކަމެވެ. އޭނާގެ ހިތަށް އެރިއެވެ. މިއަދަށް ފަހު އަހަރެން އަބަދަށްޓަކައި އޮންނާނީ އަނދިރި ކަހުފެއްގައި (ހޮހަޅައެއްގައި) ބަންދުވެފައެވެ.

ތައިމޫރާއި ހުމާޔޫނާ ދުރުގައެވެ. ވަރަށް ދުރުގައެވެ.

* * *

ހެނދުނު އޭނާއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ރެޔަކު އެއްގޮތަކަށްވެސް ނުނިދެއެވެ. ކިރިޔާވެސް ލޮލުފިޔައެއް ޖެހުނީ ފަޖުރުލީފަހުންނެވެ.

އޭނާ ހޭލީތަން ފެނިފައި މޭޒުކައިރީގައި ބޭސް ބަހައްޓަން ހުރި ނަރުސްކުއްޖާ ހިނިތުންވެލިއެވެ.

"ބާއްޖަވެރި ހެނދުނެއް... މިސިޒް ހުމާޔޫން. ކިހިނެއްތޯ؟"

"ރަނގަޅު." މެހެމަލް ގަދަކަމުން ހިނިތުންވެލިއެވެ. ނަރުސްކުއްޖާ އޭނާގެ ނަމާ ގުޅުވައިގެން އެ ކީ ނަމުގެ ވެރިޔާ އޭނާޔާ ދުރަށް ދުވަނީއެވެ.

"މެހެމަލްގެ ދައްތަ ހެނދުނު ވަޑައިގެންނެވި. އަވަހާރަފުޅު ލައްޕަވައިފައި އޮންނެވީމާ މި ފޮތް ބާއްވަވާފައި ވަޑައިގެންފި." މޭޒުމަތީގައި އޮތް ފޮތަކަށް ނަރުސްކުއްޖާ އިޝާރާތް ކޮށްލިއެވެ.

"ދައްތަ އައި؟" އޭނާ ސިހުނެވެ. ދެން އޭނާ ބަލައިލީ އެކުއްޖާ އިޝާރާތްކުރި ފޮތާ ދިމާއަށެވެ. އެއީ އޭނާގެ ޤުރްއާނެވެ.

"އަހަރެންގެ މުޞްޙަފް." އޭނާއަށް މަޑުމަޑުން ކިޔައިލެވުނެވެ.

"އެއީ ޤުރްއާންތޯ؟" ނަރުސްކުއްޖާ އެ ފޮތް ނަގައި މެހެމަލްގެ އަތަށް ދީފިއެވެ. މެހެމަލް ފޮތް މޭގައި ޖައްސައިލިއެވެ.

"ތިޔަ ފޮތް ދެކެ ވަރަށް ބޮޑަށް ލޯބިފުޅުވޭ ދޮގެެއްތޯ؟" ނަރުސް ކުއްޖާ މިހެން ބުނެފައި މެހެމަލް އިށީންނާން އެހީތެރިވާން ފަށައިފިއެވެ.

"އާނ..." އޭނާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.

އޭނާއަށް ރަނގަޅަށް އިށީނދެވުނީމާ ނަރުސްކުއްޖާ އޭނާގެ ބުރަކަށިދަށަށް، ކަނދުރާއާ ހަމައަށް ވާގޮތަށް ބާލީހެއް ލައްވައިދީފިއެވެ.

ނަރުސްކުއްޖާ ނުކުމެގެން ދިޔައީ ކޮން އިރަކު ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އޭނާ އިނީ ޤުރްއާން ކިޔަވާށެވެ.

މެހެމަލް ފޮތް ހުޅުވައިލީމާ ފެނުނީ އަރަބި އިބާރާތްތަކެކެވެ. އޭނާގެ އަތުގައި ކުޑަކުޑަ ތުރުތުރެއް ހުއްޓެވެ. އެ އަރަބި އިބާރާތްތަކަކީ ﷲ ގެ ބަސްފުޅެވެ. ކަރުދާހުގައި ކަޅު ދެލިން ހުރި ލިޔުންތަކަކަށް ވިޔަސް އެއީ އާދައިގެ ލިޔުމެއް ނޫނެވެ.

ﷲ ގެ ރަޙްމަތުގެ ބޮޑުކަމާއެވެ. އިންސާނަކަށް އެކަލާނގެ ބަސްފުޅުގައި ހިފަހައްޓައިގެން ހުރުމުގެ ތައުފީގު ދެއްވީއެވެ. އެކަލާނގެ އޭނާގެ ބަސް އަޑުއައްސަވައިވޮޑިގެންވެއެވެ. އެކަލާނގެ އޭނާޔާ މި ފޮތުގެ ޒަރީޢާއިންނާއި އިލްހާމުގެ ޒަރީޢާއިން ވާހަކަފުޅު ދައްކަވައެވެ. މިއީ އިންސާނާއާއި ﷲ އާ ދެމެދު އޮތް ޒަމާންވީ ގުޅުމެކެވެ. އިންސާނާ އެކަން ދަނޭބާވައެވެ؟

އޭނާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ.

ﷲ އިންސާނާގެ މަތީން ހަނދުމަފުޅުނައްތަވައެއް ނުލައްވައެވެ.

ﷲ މެހެމަލް އިބްރާހީމްގެ މަތީން އެބަ ހަނދުމަފުޅު ކުރައްވައެވެ. އިންސާނަކަށް އެޔަށްވުރެ ބޮޑު ކަމެއް ބޭނުންވޭ ހެއްޔެވެ؟

އޭނާ ގަނޑުތައް އުކާން ފަށައިފިއެވެ. ކިޔަވާނީ ކިހައި ހިސާބަކުން ކަމެއް ކަނޑައެއް ނޭޅުނެވެ. އޭނާ ފޮތަށް ލާފައި އޮތް ފާހަގައެއް އޮތްތަން ހުޅުވައިލިއެވެ. އެއީ ބަޤަރާ ސޫރަތުގެ މެދުތެރެއެވެ. އެތައް އަހަރެއްވީ ފާހަގަ އޮތް ގޮތަށް އެތާގައި އޮތެވެ.

އޭނާ ތެޅިތެޅި އޮތް ހިތަކާއެކު ކިޔަވާން ފެށްޓިއެވެ.

"ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ! (އެބަހީ، ޝުކުރުވެރިނުވާ މީހުންގެ ތެރޭގައި ނުވާށެވެ.)" (ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތް)

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.