ޚާޝުޤްޖީ ކޮންސިއުލޭޓަށް ވަން ފަހުން ތަންދޫރު އަވަނެއް ރޯކުރަން އެމީހުން އެންގި: ކޮންސިއުލޭޓުގެ މުވައްޒަފެއް

ފާއިތުވި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސައޫދީ ނޫސްވެރިޔާ ޖަމާލު ޚާޝުޤްޖީ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގެ ޝަރީއަތް ތުރުކީގައި އިއްޔެ ފަށައި ހެކިބަސް ނަގަން ވަނީ ފަށާފައެވެ. އޭނާ މަރާލުމާ ގުޅުން ހުރި 20 މީހެއްގެ ޝަރީއަތް ކުރަނީ އެމީހުންގެ ޣައިރުހާޒިރުގައެވެ.

އިއްޔެގެ ޝަރީއަތުގައި ހެކިބަސް ދެމުންމ ސައޫދީ ކޮންސިއުލޭޓުގައި މަސަައްކަތްކުރި މުވައްޒަފަކު ބުނީ ޚާޝުޤްޖީ ކޮންސިއުލޭޓަށް ވަން ފަހުން ގަޑިއެއްހާއިރު ވެސް ނުވަނީސް ތަންދޫރު އަވަނެއް ރޯކުރުމަށް އެތަނުގައި ތިބި މީހުން އޭނާ ކައިރިން އެދުނު ކަމުގައެވެ.

"އެތާނގައި ފަސް މީހުން ..،. ނުވަތަ ހަ މީހުން ތިބި. އެމީހުން އަހަރެން ކައިރިން އެދުނީ އަވަނެއް ރޯކުރަން. އެ ތަނުގައި އޮތީ ހާސްކަމުގެ މާހައުލެއް." ކޮންސިއުލޭޓުގައި ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތްކުރި ތުރުކީ މީހެއް ކަމުގައިވާ ޒަކީ ދެމީރް ކިޔައިދިނެވެ.

އޭނާ ބުނީ އޭނާއަށް ކޮންސިއުލޭޓަށް އައުމަށް އެންގީ ޚާޝުޤްޖީ އެތަނަށް ވަނުމަށް ފަހުގައި ކަމަށެވެ.

ދެމީރްގެ ހެކިބަހުގައި ބުނެފައިވާ ގޮތުގައި މަސް ފިހެފައިވާ ކަމުގެ ހެކި ފެންނަން ހުއްޓެވެ. އަދި އަވަނުގެ ކައިރީގައި ޖަހާފައި ހުރި މާބްލްގެ ކުލަ ހުރީ ބަދަލުވެފައެވެ. ލަފާކުރެވެނީ ކެމިކަލެެއް ބޭނުންކޮށްގެން ސާފުކުރީ ކަމުގައެެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދެމުން ކޮންސިއުލޭޓުގެ ޑްރައިވަރު ބުނީ ކައިރީ ރެސްޓޯރެންޓަކުން ނުފިހެ ހުރި ރޯ ކަބާބު މަސް ގެނައުމަށް އޭނާއަށް އެންގި ކަމުގައެވެ.

ޓެކްނީޝަން ދެމީރް އިތުރަށް ބުނެފައިވާ ގޮތުގައި ބިއްލޫރީ އަނދިކޮށްފައިވާ ކާރެއް އައުމުން އޭނާ ކޮންސިއުލޭޓުގެ ގޭޓު ހުޅުވިކަމުގައެވެ. ނަމަވެސް، ކޮންސިއުލޭޓުގެ ބަގީޗާ ސަރަހައްދުން އަވަހަށް ނުކުތުމަށް އޭނާއަށް އެންގި ކަމުގައެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި ސައޫދީ އިސް ދެ މަސްއޫލުވެރިން ކަމުގައިވާ، ސައޫދީ ޖާސޫސީ އިދާރާގެ ވެރިޔާގެ ކުރީގެ ނާއިބު އަޙްމަދު އަލްޢަސީރީއާއި، ޝާހީ ދީވާނުގެ ކުރީގެ މުސްތަޝާރު ސުޢޫދު އަލްޤަޙްޠާނީ ވަނީ "ނުބައިކަން ބޮޑުވެގެންވާ ނިޔަތެއްގައި މީހަކު މަރާލުމަށް ކުރިން ރާވައި" އެކަން ހިންގާފައެވެ.

އެ ދެ މީހުންނަށް މިކަމުގައި އެހީތެރިވުމަށް ސައޫދީ އަރަބިއްޔާއިން 18 މީހަކު ގެނެސްފައި ވެއެވެ.

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ޖަމާލު ޚާޝުޤްޖީ އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓަށް ވަނީ އޭނާއާ އެންގޭޖްވެފައި ހުރި ތުރުކީ އަންެެހެނެއް ކަމުގައިވާ ޚަދީޖާ ޖަންކޭޒްއާ ކައިވެނިކުރުމަށް ބޭނުންވާ ލިޔެކިއުން ހޯދުމަށެވެ. އެއަށް ފަހު އޭނާ އެތަނުން ނުކުމެފައި ނުވެއެވެ. ފަހުން، ހާމަވި ގޮތުގައި އޭނާ ވަނީ އަނިޔާވެރި ގޮތެެއްގައި ކޮންސިއުލޭޓުތެރޭގައި މަރާލައި ހަށިގަނޑު ކޮށައި ކުދިކޮށްގެން ކޮތަޅުތަކަކަށް ލައިގެން އެތަނުން ބޭރުކޮށްފައެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.