ހަ ހަފުތާގެތެރޭގައި އެމެރިކާގެ ވައިގެ ސިފައިންގެ އަގުބޮޑު ފަސް ބޯޓު ވެއްޓިއްޖެ

ހަ ހަފުތާތެރޭގައި އެމެރިކާގެ ސިފައިންގެ ޒަމާނީ އަދި އަގުބޮޑު ފަސްބޯޓު ވެއްޓިއްޖެއެވެ.

އެ ހަނގުރާމަމަތީ ޖެޓުތައް ވެއްޓުނީ ދުޝްމަނުންގެ ހަމަލާތަކެއްގައެއްނޫނެވެ. ދިމާވި "އެކްސިޑެންޓް"ތަކެއްގައެވެ.

ހަ ހަފުތާތެރޭގައި ވެއްޓުނު އެމެރިކާ ސިފައިންގެ ފަސް ފައިޓަރ ޖެޓުގެ ތެރެއިން އެންމެ ފަހުން ވެއްޓުނު އެފް-16 ސީއެމް ފައިޓަރ ޖެޓު ވެއްޓުނީ އެމެރިކާގެ ދެކުނު ކެރޮލައިނާގެ ވައިގެ މަރުކަޒަކަށެވެ. ބޯޓު ވެއްޓުމުގެ ހާދިސާގައި ޕައިލެޓު ވަނީ މަރުވެފައެވެ. އެ ބޯޓު ދުއްވަން އިނީ އެންމެ ޕައިލެޓެކެވެ. ފްލައިޓު ވެއްޓުނީ ތަމްރީނުތަކެއް ހަދަން އުޅެފައި ރަންވޭއަށް ތިރިކުރަން އުޅުމުގެ ތެރޭގައެވެ. މި ހިތާމަވެރި ހާދިސާ ހިނގީ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭގަނޑު 11.30ގައެވެ.

ހަ ހަފުތާގެތެރޭގައި ވައިގެ ސިފައިންގެ ފަސް ބޯޓު ވެއްޓުމުން ކަމާބެހޭ ފަރާތްތަކަށް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. ވެއްޓުނު ބޯޓުތަކުގެ އަގު ބައި ބިލިއަން ޑޮލަރަށް އަރާނޭކަމަށް ބެލެވެއެވެ.

އެފް-16 ސީއެމްއަކީ ދުޝްމަނުންގެ ދިފާއީ ނިޒާމު ހަލާކޮށްލަން ހަމަލާ ދޭން ބޭނުންކުރަން ޚާއްޞަކޮށްގެން އުފައްދާފައިވާ ބޯޓެކެވެ. އޭގައި ބޭނުންކުރަން ހަދާފައިވާ "ހާރމް" މިސައިލް ފަރުމާކޮށްފައިވަނީ ބިންމަތީގައި ހުންނަ ރާޑަރ ސިސްޓަމަށް އަމާޒުކޮށް ހަމަލާދީ ހަލާކުކޮށްލެވޭ ގޮތަށެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.